ބިޓްކޮއިނަކީ ގައުމުގައި ބޭނުންކުރާ ރަސްމީ ފައިސާއަކަށް ހަދަން އަލް ސަލްވެޑޯ އިން ނިންމައި އެކަމާ ގުޅޭ ބިލް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމާ އެކު، އެ ބިލް މެމްބަރުންގެ އިއްތިފާގުން ބުދަ ދުވަހު ފާސްކޮށްފި އެވެ.
އަންގާރަ ދުވަހު ރައިސް ނަޖީބް ބުކެލޭ ފޮނުއްވި ބިލް ފާސްވީ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ވޯޓް ދެއްވި 84 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ ވޯޓާ އެކީގަ އެވެ. އަލް ސަލްވެޑޯގެ މި ނިންމުމާ އެކު އެ ގައުމަކީ މިހާރު ރަސްމީ ފައިސާއަކަށް ބިޓްކޮއިން ހެދި ފުރަތަމަ ގައުމެވެ.
ގާނޫނު ހަދާ މަޖީލީހަށް ފޮނުވި ބިލްގައި ބުނެފައި ވަނީ ޑޮލަރު މުއާމަލާތް އަލް ސަލްވެޑޯގައި ހިންގާ ގޮތަށް ބިޓްކޮއިން ރަސްމީ ޓެންޑާއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުން ގައުމުގެ އިގުތިސާދު އެތައް ގޮތަކުން ކުރިއަރާނެ ކަމަށެވެ.
އެގޮތުން އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް އިތުރުވެ، ވަޒީފާގެ ފުރުސަތުތައް ކުރިއަށް ވުރެ ބޮޑަށް އިތުރުވެ ފައިސާގެ މުއާމަލާތް ހިންގަން ވެސް އެތައް ގޮތަކުން ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ބުނެފައިވެ އެވެ.
ބިޓްކޮއިނަކީ ރަސްމީ ފައިސާއަކަށް ހަދަން ގާނޫނު ހަދާ މަޖީހުން ރުހުން ދިން އިރު، އެކަމަށް ސަރުކާރަށް ނިސްބަތްވާ ވަރަށް ގިނަ މެމްބަރުން ތާއީދުކޮށް ވާހަކަ ދައްކަވާފައިވެ އެވެ، ގިނަ މެމްބަރުން ވިދާޅުވި ގޮތުގައި މި ނިންމުމަކީ އެ ގައުމުގެ އިގުތިސާދު މުޅިން އާ އުސްމިނަކަށް ގެންގޮސް، ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރަން ކޮށޭނެ ވަރަށް ފަހި މަގެކެވެ.
ރައީސް ބުކެލޭ ކުރިން ވިދާޅުވެފައިވާ ގޮތުގައި އަލް ސަލްވެޑޯގައި ބިޓްކޮއިނަށް އެއް ޕަސަންޓް އިންވެސްޓްކޮށްފި ނަމަވެސް ގައުމީ އުފެއްދުންތެރިކަމަށް 25 ޕަސަންޓްގެ ކުރިއެރުމެއް އަންނާނެ އެވެ.
ބިލް ފާސްވުމާ އެކު އެކަން ބޮޑު ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ގިނަ ޓްވީޓްތަކެއް ކުރައްވާފައިވެ އެވެ.
ކްރިޕްޓޯކަރަންސީއެއްގެ ގޮތުގައި 2008 ގައި އުފަންވި ބިޓްކޮއިން ބޭނުން ކުރަން ފެށީ 2009 ގަ އެވެ.