އައްޑޫގައި ހިންގަމުން އަންނަ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) ގެ އިމާރާތް ހުސްކުރަން އަންގައިފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު "މިހާރު" އަށް ވިދާޅުވީ، އެ ކުންފުނިން އެ ސްކޫލާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ޖުލައި 31 އަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން އެއްބަސްވުމުގެ މުއްދަތު ހަމަވާ ކަމުގެ ނޯޓިސް ފްލައިން ސްކޫލަށް ފޮނުވާފައިވާނެ ކަމަށް ގައިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިމާރާތް ހުސްކުރުމަަށް ނޯޓިސް ފޮނުވީ އޭއޭއޭ އާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރުމަށް އޭއައިއޭގެ ބޯޑުން ނިންމާފައިވާތީ ކަމަށެވެ.

ފްލައިން ސްކޫލު ހިންގަން އެ އިމާރާތް ދީފައި ވަނީ 2009 ވަނަ އަހަރު އޭއައިއޭއާ އެކު ވީ އެއްބަސްވުމެއްގެ ދަށުން 10 އަހަރުގެ މުއްދަތަށެވެ. އެ މުއްދަތު 2019 ވަނަ އަހަރު ހަމަވިއިރު، އެއްބަސްވުމުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައިވާ ކަމަށް ގައިސް ވިދާޅުވި އެވެ.

އޭއައިއޭ އިން ފްލައިން ސްކޫލް ހިންގާ އިމާރާތް ހުސްކުރަން އެންގި އިރު، އެ ސްކޫލުގެ ހިންގުމާ ގުޅިފައިވާ އެކި މައްސަލަތަކާއި ޝަކުވާތައް ދަރިވަރުން ވަނީ އުފުލައިފަ އެވެ. އަދި ދަރިވަރުންގެ ކިޔެވުން ކުރިއަށް ނުގެންދެވި، ކިޔެވުން ހުއްޓިފައިވާ ކަމުގެ ގިނަ ޝަކުވާތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެހެންވެ، ސަރުކާރުން މިހާރު ވަނީ އެހެން ފްލައިން ސްކޫލެއް ހަދަން ނިންމައިފަ އެވެ.