ޓިއުރިން (ޖުލައި 30) - ޔުވެންޓަސްއާ އެކު އަލުން އެއްބަސްވުން ހަދަން އިޓަލީގެ ކެޕްޓަން ޖޯޖިއޯ ކިއެލީނީ ނިންމައިފި އެވެ.

ޔޫރޯގެ ޗެމްޕިއަންކަން ހޯދި އިޓަލީގެ ކެޕްޓަންގެ ކޮންޓްރެކްޓް ހަމަވީ މިދިޔަ މަހު 30 ގަ އެވެ.

ޔުވެންޓަސް އަށް އަލުން އޭނާ ކުޅޭނެ ކަމާމެދު ސުވާލު އުފެދުނެވެ. ރެއާލް މެޑްރިޑްގެ ކޯޗު، އިޓަލީގެ ކާލޯ އަންޗެލޯޓީ ވަނީ ކިއެލީނީ އެ ޓީމަށް ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެކަމާގުޅޭ ވާހަކަތައް ވެސް މީޑިއާތަކުން ފެތުރި އެވެ.

ދެ ވަނަ ފަހަރަށް ޔުވެންޓަސްގެ ކޯޗުގެ މަގާމާ ހަވާލުވި މަސިމިލިއާނޯ އެލެގްރީއާ އެކު އަލުން މަސައްކަތް ކުރުމަށް ކިއެލީނީ ހުރީ ޝައުގުވެރިވެފަ އެވެ.

"ހޯމަ ދުވަހު އަހަރެން ހުންނާނީ ޓިއުރިންގައި. އެލެގްރީ ހުރީ އަހަރެން ދާނެ ކަމުގެ އިންތިޒާރުގައި،" އުފަން ސިޓީ ލިވޮރޯނާގައި ބޭއްވި އިވެންޓެއްގައި ކިއެލީނީ ބުންޏެވެ.

"އިތުރު ދުވަހެއްގައި ޗުއްޓީ ހެދުމުގެ ފުރުސަތު ވެސް އަހަންނަށް އެބައޮތް. އެކަމަކު ވެސް ހޯމަ ދުވަހު އަހަރެން ދާނަން. އަހަރެންގެ ކެރިއާ ނިންމާލާނީ އިތުރު ތަށިތަކެއް ހޯދާފައި. ތަށި ހޯދާވަރަކަށް އިތުރަށް ކާމިޔާބު ހޯދަން ބޭނުންވާނެ."

ލިވޮރޯނާގައި ބޭއްވި އިވެންޓުގައި، ކިއެލީނީ، 36، އަށް ވަނީ ކުޅިވަރުގައި އޭނާ ހޯދާފައިވާ ކާމިޔާބު އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދީފަ އެވެ.

ޔުވެންޓަސް އަށް 2005 ގައި ކުޅެން ފެށި، ކިއެލީނީ ވަނީ އެ ޓީމަށް 535 މެޗު ކުޅެފަ އެވެ. ސެރީ އާގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދި އެވެ. އިޓާލިން ކަޕް ފަސް ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ވެސް ފަސް ފަހަރު ހޯދި އެވެ.