ގޫގުލް ޕިކްސެލް 6 ސީރީޒްގެ ފޯނު ނެރެން ތައްޔާރުވާން ފަށައިފި އެވެ
އާ ސީރީޒް ގައި ހިމެނެނީ ޕިކްސެލް 6 އާއި ޕިކްސެލް 6 ޕްރޯ އެވެ. މި ދެ ވާޝަނުގައި ވެސް ތިން ކުލައެއްގެ ފޯނު ހިމެނޭނެ އެވެ. ޕިކްސެލް 6 އަކީ 6.4 އިންޗި އެފްއެޗްޑީ ޕްލަސް ޑިސްޕްލޭގެ 8ޖީބީގެ ރޭމްގެ ފޯނެކެވެ. ޕިކްސެލް 6 ޕްރޯ އަކީ 6.7 އިންޗީގެ ކިއުއެޗްޑީ ޕްލަސް ޑިސްޕްލޭގެ 12ޖީބީ ރޭމްގެ ފޯނެކެވެ.
ފޯނު ރަސްމީކޮށް ބާޒާރަށް ނެރޭނެ ކަމަށް ބެލެވެނީ މި އަހަރުގެ އޮކްޓޯބަރު ހިސާބުގަ އެވެ.
ގޫގުލްގެ ސީއީއޯ ކުންފުނީގެ ސީއީއޯ ސުންދަރު ޕިޗާއީ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ޕިކްސެލް 6 ގެ ވާހަކަ ފާހަގަކޮށް ވިދާޅުވެފައި ވަނީ އާ ފޯނުތަކުގައި ގޫގުލް އިން އުފައްދާފައިވާ އާ ޗިޕެއް ބޭނުންކޮށްފައި ހުންނާނެ ކަމަށެވެ. މިއީ ހަތަރު އަހަރުގެ މަސައްކަތުން އުފެއްދި ޓެންސާ ޗިޕް އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ގޫގުލް އިން މި ފަހަރު ނެރޭ ޕިކްސެލް 6 އަކީ ބޮޑު ތަފާތެއް ގެނެސްދޭނެ ފޯނެކެވެ. ހާއްސަކޮށް މީގައި ބޭނުންކޮށްފައިވާ އާ ޗިޕާ އެކު ޕަފޯމަންސުން ބޮޑު ތަފާތެއް ގެނެސްދޭނެކަމުގެ އުންމީދު ބޮޑެވެ.