ކޮވިޑުން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނާ މެދު ބައެއް ހިދުމަތްތައް ދިނުމުގައި ތަފާތުތައް ގެންގުޅުމުގެ ހުއްދަ އެޗްޕީއޭ އިން މިރޭ ދީފި އެވެ.

ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން އެންގި އެ އެންގުމަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 1 އިން ފެށިގެންނެވެ.

އެޗްޕީއޭގެ އެންގުން ތަންފީޒު ކުރަންޖެހޭ ދާއިރާތައް:

1- ހޮޓާ/ކެފޭ އަދި ރެސްޓޯރަންޓުތައް ފަދަ ކެއުންބުއިން ފަދަ ހިދުމަތްތައް ދޭ ތަންތަނުން ވަކި ކަންކަމެއް ޝަރުތު ކުރުން.

2- ޖިމްތަކާއި ސެލޫންތަކާއި ސިނަމާތަކުން ހިދުމަތް ދިނުމުގައި ވަކި ކަންކަމެއް ޝަރުތު ކުރުން.

3- ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފްލައިޓްތަކުން ދަތުރުކުރާ މީހުންނަށް ވަކި ކަންކަމެއް ޝަރުތު ކުރުން.

4- ޓެކްސީ ޑްރައިވަރުންނާއި ވެއިޓަރުންނާއި ޖިމްތަކާއި ސެލޫންތަކުގައި މަސައްކަތްކުރާ މީހުންނަށް ވަކި ކަންކަމެއް ޝަރުތު ކުރުން.

5- އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުން އޮފީހަށް ހާޒިރުވުމުގައި ވަކި ކަންކަމެއް ޝަރުތު ކުރުން.

އެޗްޕީއޭ އިން މިރޭ ނެރުނު އިއުލާނުގައި ބުނީ، ކަމާބެހޭ މުއައްސަސާތަކުން ކަނޑައަޅާ ޝަރުތުތަކާއި ފިޔަވަޅުތަކަށް އަންނަ މަހުގެ 1 އިން ފެށިގެން އަމަލުކުރަން އެ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.

އެ އިއުލާނުގައި އެޗްޕީއޭ އިން ވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، ކޮވިޑުން ދިފާއު ވުމުގެ ވެކްސިން ޖަހަން ޝަރުތު ހަމަވާ އެންމެން އެ ވެކްސިން ޖަހަން ވެސް އަންގައިފަ އެވެ.

ރާއްޖޭގައި އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި މަހުގެ ނިޔަލަށް 90 ޕަސެންޓް މީހުންނަށް ވެކްސިންގެ ދެ ޑޯޒު ޖަހައި ނިންމުމެވެ.

ކޮވިޑް ވެކްސިން ޖެހުމަށް ބާރު އެޅުމަށް ސަރުކާރުން ފަށާފައިވާ ކެމްޕެއިންގެ ދަށުން، ސްކޫލުތަކަށް ވެސް އަންނަ މަހުގެ 1 އިން ފެށިގެން ވަދެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ. އެކަމަކު، އޭގެ ތެރޭގައި ސްކޫލު ކުދިން ނުހިމެނޭނެ އެވެ.

އެޗްޕީއޭ އިން މިހާރު ހަމަޖައްސާފައިވާ ގޮތުން ނަމަ ކޮވިޑް ވެކްސިން ޖަހަން ޖެހޭ އުމުރުފުރައިގެ މީހުން ވެކްސިން ނުޖަހާ ދަތުރު ކުރުމަށް ފަހު، ކަރަންޓީނުން ނުކުންނަން ހަދަން ޖެހޭ ޕީސީއާރު ޓެސްޓަށް އަންނަ މަހުގެ 1 އިން ފެށިގެން ފައިސާ ދައްކަން ޖެހޭނީ ވެސް އަމިއްލަ އަށެވެ.

މުޅި ދުނިޔެ އަށް ވެސް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ވެކްސިން ޖެހުން ކަމަށް ވާއިރު، އެކަމަށް ބާރު އެޅުމުގެ ގޮތުން އެހެން ބައެއް ގައުމުތަކުން ވެސް އަންނަނީ ހިދުމަތް ދިނުމުގައި ހަރުކަށި އުސޫލެއް ގެންގުޅެމުންނެވެ.