ރާއްޖޭގެ ނަން މިހާރު ވިދަމުން ދަނީ ބައިނަލްއަގްވާމީ އުދަރެހުގެ އެންމެ އުހުގައި ކަމަށާއި މިއީ ދިވެހި އަބްތާލުންގެ މަތިވެރި ޖިހާދާއި ރައްޔިތުންގެ ހިތްވަރުގަދަ ގުރުބާނީގެ ނަތީޖާ ކަމަށް އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތާ މިރޭ ހަވާލުވެވަޑައިގެންނެވި، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ކުރެއްވި ފުރަތަމަ ތަގުރީރު ޝާހިދު ފެއްޓެވީ ދިވެހި ބަހުންނެވެ.
ޝާހިދު ވިދާޅުވީ، އދ. ގެ އާއްމު މަޖިލީހުގެ ކުރިމަތީގައި އޭނާ ހުއްޓިވަޑައިގެން މިއަދު ހުންނެވީ މެމްބަރު ގައުމުތަކުން ދިން އިތުބާރާއި ހަވާލުކުރި ޒިންމާ އާއި މަސްއޫލިއްޔަތުގެ މަތިވެރިކަން އިހުސާސް ކުރައްވަމުން ކަމަށެވެ. އެހެންވެ، ގައުމުތަކުން ރާއްޖެ އަށް ދިން އިއްޒަތާއި ޝަރަފަށްޓަކައި ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.
"މިއަދު ދިވެހިރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަހުރުވެރި ދިދަ ވިހުރުވެމުން މި ދަނީ ބައިނަލްއަގުވާމީ އެންމެ އުސް ކުރިބޯށީގައި. ދިވެހި ގައުމުގެ ފަހުރުވެރި އަބްތާލުންގެ މަތިވެރި ޖިހާދާއި، ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ގުރުބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން މި ދަނީ ބައިނަލްއަގުވާމީ އުދަރެހުގެ އެންމެ އުހުގައި،" ޝާހދު ވިދާޅުވި އެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިހާބުވުމަކީ ޝާހިދު ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޒައާމަތުގެ ދަށުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ ހޯދަމުންދާ މަގާމުގެ މަތިވެރިކަން ދައްކައިދޭ ކަމެކެވެ.
"މިއީ ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެކި. ދިވެހިރާއްޖެ އާއި ބޭރު ދުނިޔެއާ މިއަދު އޮތް ބަދަހި ގާތް ގުޅުމުގެ ދަލީލު،" ރައީސަށް ތައުރީފު ކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.