އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ހަވީރު ކުޅެން ހަމަޖައްސާފައިވާ ރާއްޖޭގެ ފުރަތަމަ މެޗު ރޭގަނޑު ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

އަންނަ މަހު އެއް ވަނަ ދުވަހު މުބާރާތުގެ އޯޕަނިން މެޗުގައި ކުރިން ކުޅެން ހަމަޖައްސާފައި އޮތީ ރާއްޖެ އާއި ނޭޕާލްގެ މެޗެވެ. ނަމަވެސް އެ މެޗު ރޭގަނޑަށް ބަދަލުކޮށް، ކުރިން ރޭގަނޑު ކުޅެން ހަމަޖައްސާފައިވާ ސްރީ ލަންކާ އާއި ބަންގްލަދޭޝްގެ މެޗު މިހާރު ވަނީ އެ ދުވަހުގެ ހަވީރު ކުޅޭ ގޮތަށް ހަމަޖައްސައިފަ އެވެ.

އެފްއޭއެމްގެ އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ މެޗު ރޭގަނޑަށް ބަދަލުކުރީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ރޭގަނޑު ބާއްވާ ގޮތަށް ނިންމުމުން ކަމަށެވެ.

"އަބަދުވެސް ހުޅުވުމުގެ ރަސްމިއްޔާތު ދިމާ ވަނީ ހޯސްޓް ކުރާ ގައުމު ކުޅޭ މެޗާ. އޯޕަނިން ސެރްމަނީ ރޭގަނޑު ބާއްވާ ގޮތަށް ހަމަޖެއްސީމަ ރާއްޖޭގެ މެޗު ރޭގަނޑަށް ބަދަލުކުރީ،" އޮފިޝަލް ވިދާޅުވި އެވެ.

ރޭގަނޑު މެޗުތައް ކުޅޭ ޓީމުތަކަށް އެޑްވާންޓޭޖެއް އޮންނަ ކަމަށް މީގެ ކުރިން ރާއްޖެއާ ދެކޮޅަށް ކުޅެން އަންނަ ބޭރު ޓީމުތަކުގެ ކޯޗުން ފާހަގަކޮށްފައިވެ އެވެ. މިދިޔަ މަހު ރާއްޖޭގައި ބޭއްވި އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖުގައި ވާދަކުރަން އައި ބައެއް ޓީމުތަކުގެ ކޯޗުން ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕުގެ ޝެޑިއުލްގައިވާ ގޮތުން ރާއްޖެއިން ކުޅޭ ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކުޅޭނީ ރޭގަނޑު އެވެ.

މިއީ ސާފް ޗެމްޕިއަންޝިޕުގެ ޝެޑިއުލް ބަދަލުކުރި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ނެރުނު ޝެޑިއުލްއަށް ބަދަލު ގެނައީ ފީފާގެ އިންޓަނޭޝަންލް ކަލަންޑަރުގެ ދުވަސްތަކަށް މެޗުތައް ފެއްތުމުގެ ގޮތުންނެވެ. އެ ދުވަސްތަކުގައި މެޗުތައް ކުޅުމުން ފީފާ ރޭންކިންގައި ޕޮއިންޓް ލިބޭނެ އެވެ. އެބަދަލާއެކު މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ 16 ވަނަ ދުވަހު އެވެ.

ސާފް ޗެމްޕިއަންޝިޕުގެ މެޗުތަކުގެ އާ ޝެޑިއުލް

= އޮކްޓޯބަރު 1 (ހަވީރު): ސްރީ ލަންކާ - ބަންގަލަދޭޝް

= އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ދިވެހިރާއްޖެ

= އޮކްޓޯބަރު 4 (ހަވީރު): ބަންގަލަދޭޝް - އިންޑިއާ

= އޮކްޓޯބަރު 4 (ރޭގަނޑު): ސްރީ ލަންކާ - ނޭޕާލް

= އޮކްޓޯބަރު 7 (ހަވީރު): އިންޑިއާ - ސްރީ ލަންކާ

= އޮކްޓޯބަރު 7 (ރޭގަނޑު): ދިވެހިރާއްޖެ - ބަންގަލަދޭޝް

= އޮކްޓޯބަރު 10 (ހަވީރު): ދިވެހިރާއްޖެ - ސްރީ ލަންކާ

= އޮކްޓޯބަރު 10 (ރޭގަނޑު): ނޭޕާލް - އިންޑިއާ

= އޮކްޓޯބަރު 13 (ހަވީރު): ބަންގްލަދޭޝް - ނޭޕާލް

= އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ދިވެހިރާއްޖެ

= އޮކްޓޯބަރު 16 (ރޭގަނޑު): ފައިނަލް މެޗު

ފައިނަލު މެޗު ފިޔަވައި ހަވީރު އަދި ރޭގަނޑު ކުޅޭ މެޗުތައް ފަށާނީ ހަވީރު 4 ޖަހާއިރު އަދި ރޭގަނޑު 9 ޖަހާއިރު އެވެ. ފައިނަލް މެޗު ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ. މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ. އެހެންވެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

ގައުމީ ޓީމުގެ ކޯޗް އަލީ ސުޒޭން ކުރިން ބުނެފައި ވަނީ މުބާރާތުގެ ޝެޑިއުލް އޮތް ގޮތުން ޓީމަކަށް އެކަމުގެ ފައިދާވާ އެ ފައިދާ ލިބެން އޮތީ ރާއްޖެ އަށް ކަމަށެވެ.