ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 1) - ސީރިއާގެ ހަލަބު ސިޓީގައި އިދިކޮޅު ސިފައިންގެ މައްޗަށް ސަރުކާރުން ކުރި ހޯދަމުންދާ އިރު އެ ސިޓީ އިސާހިތަކު ބޮޑު ގަބުރުސްތާނަކަށް ވެދާނެ ކަމުގެ އިންޒާރު އދ.ގެ ޚާއްސަ މަންދޫބު ސްޓެފަން އޯބްރިއަން ދެއްވައިފި އެވެ.
އޭނާ ވަނީ ހަލަބު ސިޓީގެ އާއްމުން ސަލާމަތް ކުރުމަށް އދ.ގެ ސަލަމަތީ މަޖިލީހުގެ މެންބަރުން މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އދ.ގެ އިންސާނީ އެހީ ދިނުމާ ބެހޭ ވެރިޔާ އޯބްރިން ވިދާޅުވީ ހަމައެކަނި އިންސާނިއްޔަތަށް ޓަކައި ވެސް ހަލަބު ސިޓީގެ އާއްމުންނަށް އަޅާލަންޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ އެ ސިޓީ ބޮޑު ގަބުރުސްތާނަކަށް ވެދާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ. އޯބްރިއަން މިހެން ވިދާޅުވިއިރު ސީރިއާގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ހަލަބު ސިޓީގައި ހާލުގައި ޖެހިފައި 250،000 މީހުން އެބަތިއްބެވެ. ހަލަބުގެ އިރުމަތީގައި އިދިކޮޅު ހަނގުރާމަވެރިން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި ތިބި އާއްމުން ތިބީ ކާނެ އެއްޗެއް ނެތި ހައިހޫނު ކަމުގަ އެވެ.
ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް 2011 ވަނަ އަހަރު ހަމަނުޖެހުންތަައް ފެށުމުގެ ކުރިން ހަލަބަކީ ސީރިއާގެ އެންމެ މުހިންމު އެއް ސިޓީ އެވެ. އެެ ގައުމުގެ ވިޔަފާރީގައި ވެސް އެންމެ މުހިންމު ސިޓީ މިހާރު ވަނީ ދެބައިވެފަ އެެވެ. އިރުމަތީގެ ހިސާބުތައް އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އިރު ހުޅަނގުގެ ސަރަހައްދު ކޮންޓްރޯލް ކުރަނީ ސަރުކާރު ސިފައިންނެވެ.