މި މަހުގެ 14 ގައި އަޅުވާ ކޮމެޑީ ފިލްމް "ބައިވެރިޔާ" ގެ ޓިކެޓް ވިއްކަން މިއަދު ފަށައިފި އެވެ.
ފިލްމްގެ ޕްރޮޑަކްޝަން މެނޭޖަރު އަދި ފިލްމުގައި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ އަހުމަދު ސައީދު ބުނީ މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން އޮލިމްޕަސްގެ ކައުންޓަރުން ޓިކެޓް ގަންނަން ލިބޭނެ ކަމަށެވެ.
ޓިކެޓް ވިއްކަން ފެށުމުގެ ކުރިން "ބައިވެރިޔާ" ގެ ފޭސްބުކް ޕޭޖާއި ފިލްމަށް ހާއްސަ ހޮޓްލައިން ނަމްބަރު މެދުވެރިކޮށް މީގެ ކުރިން ވަނީ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެހެންވެ ޓިކެޓް ނޯޓް ކުރި މީހުން ވީހާ ވެސް އަވަހަށް ޓިކެޓް އޮލިމްޕަހުން ނެގުމަށް، "ބައިވެރިޔާ" ގެ ޓީމުން ވަނީ އެދިފަ އެވެ.
ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ "ބައިވެރިޔާ" އަކީ ބަތަލާ ނިއުމާ މުހައްމަދާއި "އިންސާފު" ގެ ޕްރޮޑިއުސަރު އިސްމާލް ޝަފީގް ގުޅިގެން ޕްރޮޑިއުސްކޮށް، އެންވިޝަން އެންޓަޓައިންމަންޓުން އުފައްދާފައިވާ ފިލްމެކެވެ.
މި ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ޔޫއްޕެ އާ އެކު "ބައިވެރިޔާ" އިން ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ޝީލާ ނަޖީބް، މަލީހާ ވަހީދު (މަލް)، އަހުމަދު އަޒްމީލް (އަޒޭ)، މުހައްމަދު ފައިސަލް އަދި ނާޝިދާ މުހައްމަދު (ނާއްކޮ) ހިމެނެ އެވެ.
"ބައިވެރިޔާ" އަކީ މި އަހަރު އަޅުވާ އަށް ވަނަ ފިލްމެވެ.
މިދިޔަ ބުރާސްފަތިދުވަހުގެ ރެއިން ފެށިގެން އޮލިމްޕަހުގައި އަންނަނީ އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކޮށްފައިވާ "ވީ ބޭވަފާ" ދައްކަމުންނެވެ.