ދިވެހި ގައުމު އިސްކޮށް ހާއިނުންގެ ކިބައިން ރާއްޖެ ސަލާމަތްކުރުމުގައި ފުރާނައިން ގުރުބާން ވެގެން ވިޔަސް ގައުމު ހިމާޔަތްކޮށް ދެއްވުމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އެދިވަޑައިގެންފި އެވެ. 

މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ހަމަލާއަކީ ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ދީފައިވާ ވަަރަށް ނުރައްކާތެރި ހަމަލާއެއް ކަމަށާއި އެއީ ނާމާން، ބިރުވެރި ދުވަހެއް ކަމަށެވެ. 

ދިވެހިންގެ ލޯތަކުން ކަރުނަ އައި އެ ދުވަހަކީ ދުޝްމަނުންގެ ރަހުމެއް ނެތް ހަމަލާތަކުގައި 19 ދިވެހިން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވި ދުވަހެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

ހަސަން ވިދާޅުވީ ނަސްރުގެ ދުވަހު ލިބިގަންނަންވީ އެންމެ މުހިއްމު ފިލާވަޅަކީ ދީނާއި ގައުމަށްޓަކައި ޝަހީދުވި ސިފައިން ދައްކައި ދިން ހިތްވަރު ކަމަށެވެ. އެހެންވެ، އެންމެން ވެސް ފުރާނައިން ގުރުބާންވެގެން ހިމާޔަތްކޮށްދޭންވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ނަސްރުގެ ދުވަހު ލިބިގަންނަވަންވީ އެންމެ މުހިއްމު ކަމަކީ ދިވެހި ގައުމު އިސްކުރުމުގެ ފިލާވަޅު، އެ ދުވަހު ދީނާއި ގައުމަށްޓަކައި  ޝަހީދުވެދިޔަ ހިތްވަރުގަދަ ސިފައިން ދައްކައިދިނީ އެކަން. ތިބޭފުޅުން ފުރާނައިން ގުރުބާން ވެގެން ހިމާޔަތް ކޮށްދޭންވީ މި ގައުމުގެ މިނިވަންކަމާއި ސިޔާދަތު،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގައުމަށްޓަކައި ފުރާނައިން ގުރުބާންވުމަކީ ގައުމު އަބަދުވެސް ނޮވެމްބަރު 3 ގެ ޝަހީދުންގެ ހިތްވަރަށް ފަހުރުވެރިވާނެ ކަމެއް ކަމަށެވެ. އެހެންވެ، އެންމެން ވެސް ވާންވީ ގައުމުގެ ދުޝްމަނުންނާއި ހާއިނުންގެ ނުބައި ރޭވުންތަކުން ސަލާމަތްކުރުމުގައި އެއްބައިވަންތަކަމާ އެކު، މަސައްކަތްކުރާ ދީނާއި ގައުމު ދެކެ ލޯބިވާ ބަޔަކަށް ކަމަށް ވިދާޅުވި އެވެ.

"ތިބޭފުޅުންނަށްޓަކައި ތާއަބަދު މި ގައުމު ފަހުރުވެރިވާނެ. މިއަދު އަޅުގަނޑުމެން ވެސް ވާން ޖެހޭނީ ގައުމުގެ ދުޝްމަނުންނާއި ހާއިނުންގެ ނުބައި ރޭވުންތަކުން  މި ގައުމު ސަލާމަތްކުރުމުގައި އެއްބައިވަންތަކަމާ އެކު މަސައްކަތްކުރާ ދީނާ ގައުމުގެ ދެކެ ލޯބިވާ ބަޔަކަށް،" މިނިސްޓަރުގެ ހިތާބުގައި ވިދާޅުވި އެވެ. 

ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ރާއްޖެ އަރައި ދިން ހަމަލާ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރުގެ ހަނދާން އާ ކުރުމަށެވެ.

އެ ޓެރަރިސްޓް ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 8 މީހަކާއި އާންމުންގެ 11 ބޭފުޅެކެވެ.

އެ ހަމަލާ ނާކާމިޔާބުވުމުން ތަމަޅަ ހަނގުރާމަވެރިން ފިލައިގެން ދިޔައީ މާލޭ ބަނދަރުގައި އޮތް އާގުބޯޓެއް ކަމަށްވާ ޕްރޮގްރެސް ލައިޓްގަ އެވެ. އެކަމަކު ކަނޑުމަތިން އެ ބޯޓު ހުއްޓުވައި، އިންޑިއާ ސިފައިން ހަމަލާދީ ފައްތާލި އެވެ. އެ ހަމަލާގެ ޒިންމާ ނަގަންޖެހޭ ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރުގެ އިތުރުން، މަރުނުވެ ތިބި ޓެރަރިސްޓުން އަތުލައިގަނެގެން މާލެ ގެނަ އެވެ. އަދި ރަހީނުކޮށްގެން ގެންދިޔަ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ސަލާމަތްކުރި އެވެ.

ލުތުފީ އާއި ނާސިރުގެ މައްޗަށް އޭރުގެ އެންމެ މަތީ ކޯޓު، ހައި ކޯޓުން، އިއްވީ މެރުމުގެ ހުކުމެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އަށް އޭރުގެ ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން، ރައީސް މައުމޫން އަބްދުއްގައްޔޫމް އެ ހުކުމް ބަދަލުކުރެއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަަކަށެވެ.