މުޖުތަމައު ތެރޭގައި ހިނގާ ނޭދެވޭ ކަންކަމުން ދަރިން ދުރުކޮށް ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ބެލެނިވެރިން އެ ކުދިންގެ އިތުބާރު ހޯދުން މުހިންމު ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ބެލެނިވެރިންގެ މަހާ ގުޅިގެން ރާއްޖޭގެ ޔުނިސެފު މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ފަސްޓް ލޭޑީ ވިދާޅުވީ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރާ ނަމަ ކުދިންނާ އެކީގައި ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށެވެ. ތަފާތު އުމުރު ފުރައިގެ ކުދިންނާ ގުޅުން ބަދަހި ކުރާނީ ތަފާތު ގޮތްގޮތަށް ކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
ކުޑަ ކުއްޖަކާ ގުޅުން ބަދަހި ކުރާނަމަ އެ ކުއްޖެއްގެ ލެވަލްގެ ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭ ކަމަށާއި ފުރާވަރަށް އަރާ ކުއްޖަކާ އެކީ ގުޅުން ބަދަހި ކުރާނަމަ އެ ކުއްޖާ އަކީ ބެލެނިވެރިޔާގެ އެންމެ ގާތް ރަހުމަތްތެރިޔާ ގޮތުގައި ގެންގުޅެން ޖެހޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ.
"މި ގޮތް ގޮތަށް ނޫނިއްޔާ އެ ކުދިންނާ ގުޅުން ބަދަހިވެގެނެއް ނުދޭ، ވަކިން ހާއްސަކޮށް މައިބަފައިން ނުވަތަ ބެލެނިވެރިޔާއާ މެދު އޮތް އިތުބާރު އުފެދުން ވަރަކަށް ގުޅުން ބަދަހި ވެގެން މިދަނީ" ސާޖިދާ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި ކުދިން އެންމެ އިތުބާރު ކުރަނީ ބެލެނިވެރިންނަށް ކަމަށް ވާނަމަ މާހައުލުން ފެންނަ ކޮންމެ ކަމަކަށް އިތުބާރު ކޮށްގެން އެއަށް ދިޔުން ކުޑަ ކުރެވެ އެވެ.