12 ނޮވެމްބަރ 2021 - 08:06
ޓެސްލާ ކުންފުނީގައި އޮތް އަމިއްލަ ހިއްސާގެ ތެރެއިން 10 ޕަސެންޓް ހިއްސާ ވިއްކާލަން ޓްވިޓާގެ ޕޯލުން ދެއްކުމާ ގުޅިގެން މަހުޖަނު އީލޮން މަސްކް ފަސް ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލައިފި އެވެ.
އިލެކްޓްރިކް ކާރު އުފައްދާ ކުންފުނީގައި އޮތް އަމިއްލަ 23 ޕަސަންޓް ހިއްސާގެ ތެރެއިން 10 ޕަސެންޓް ހިއްސާ ވިއްކާލުމާ މެދު އާންމުންގެ ހިޔާލަކަށް މި ހަފުތާފައި ހުޅުވާލި ޕޯލް ނިންމާލިއިރު 57.9 ޕަސެންޓް މީހުން ވޯޓް ދިނީ ހިއްސާ ވިއްކައިލުމަށް އެދި އެވެ. އެކަމާ ދެކޮޅަށް ވޯޓްދިނީ 42.1 ޕަސެންޓް މީހުންނެވެ.
މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހިއްސާ ވިއްކާލުމަށް ގިނަ ބަޔަކު ތާއީދު ކުރުމާ އެކު، ޓެސްލާގެ ހިއްސާގެ ވިޔަފާރި އަށް 16 ޕަސެންޓްގެ ދަށްވުމެއް އައިސް، އީލޮންގެ އަމިއްލަ މިލްކިއްޔާތަށް ދަށްވުމެއް އައިސްފައިވެ އެވެ. މި ވަގުތު ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ މިލްކިއްޔާތު 300 ބިލިއަނުން ޑޮލަރުން މަތީގައި އުޅެނިކޮށް މިހާރު ވަނީ 271 ބިލިއަނަށް ތިރިވެފަ އެވެ.
Much is made lately of unrealized gains being a means of tax avoidance, so I propose selling 10% of my Tesla stock.
— Elon Musk (@elonmusk) November 6, 2021
Do you support this?
ޓްރިލިއަން ޑޮލަރުގެ އަގުހުރި ކުންފުނި ޓެސްލާގެ އަމިއްލަ ހިއްސާގެ ތެރެއިން އީލޮން ފުރަތަމަ ވިއްކީ 3.6 މިލިއަން ހިއްސާ އެވެ. އެއީ ހަތަރު ބިލިއަން ޑޮލަރުގެ ހިއްސާގެ އެވެ. އޭގެ ފަހުން 1.1 ބިލިއަނަށް އިތުރު 2.2 މިލިއަން ހިއްސާ ވިއްކައިލި އެވެ.
ޓެސްލާގެ އަމިއްލަ ހިއްސާތަކެއް އީލޮން ވިއްކައިލީ އދ. ގެ ފުޑް ޕްރޮގްރާމްގެ އެޒެކެޓިވް ޑިރެކްޓަރު ޑޭވިޑް ބީޒް، އީލޮން އަށް ރައްދުވާ ގޮތަށް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަހުން އެހީވެއްޖެ ނަމަ ހަ ބިލިއަން ޑޮލަރުން ދުނިޔެއިން ބަނޑުހައިހޫނުކަން ނައްތާލަން އެހީއަކަށް ވެދާނެ ކަމަށެވެ.
ޑޭވިޑްގެ އެ ވާހަތަކާ ގުޅިގެން އީލޮން ކުރެއްވި ޓްވީޓްތަކެއްގައި ބުނެފައި ވަނީ ހަ ބިލިއަން ޑޮލަރުން ދުނިޔޭގެ ބަނޑުހައިހޫނުކަން ނައްތައިލެވިދާނެކަން ސާބިތުކޮށް ދީ ނަމަ، ޓެސްލާގައި އޮތް އޭނާގެ ހިއްސާ ވިއްކާލަން ތައްޔާރަށް ހުރި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢިޅޮށް
13 November 2021
ދެންނޫޅޭނެތާ މިދުނިއޭގަ ބަނޑުހައި ހޫނުކަމުގަ އުޅޭ އެކަކުވެސް