ގައުމީ ބެޑްމިންޓަން ޗެމްޕިއަން ނަބާހާ ފައިނަލު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު
17 ނޮވެމްބަރ 2021 - 12:35
އެއްމާބަނޑު ދެބެންގެ ތެރެއިން ދައްތަ އާމިނަތު ނަބީހާއާ ދެކޮޅަށް ކުޅެން ޖެހުމުން އުނދަގޫތަކެއް ހުންނަ ކަމަށް ގައުމީ ބެޑްމިންޓަން ޗެމްޕިއަން ފާތިމަތު ނަބާހާ ބުނެފި އެވެ.
ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ނަބާހާ ހޯދީ ނަބީހާ ބަލި ކުރުމަށް ފަހު އެވެ. ޑަބަލްސް ކެޓަގަރީގެ ރަން މެޑަލް ނަބާހާ ކަރުގައި އަޅުވާލީ ނަބީހާއާ އެކު ހިއްސާ ވެގެންނެވެ. އަދި އޭގެ އިތުރުން މިކްސް ޑަބަލްސް ކެޓަގަރީގައި ޒަޔާން ޒަކީއާ އެކު ޗެމްޕިއަންކަން ހޯދި އެވެ. މިއީ ގައުމީ މުބާރާތުގެ ތިން ތަށި ޖެހިޖެހިގެން ނަބާހާ ހޯދި ދެވަނަ ފަހަރެވެ. އެ ހުރިހާ ކާމިޔާބުގެ ތެރެއިން އޭނާ އަށް އެންމެ ހާއްސަވީ ސިންގްލްސް ތައްޓެވެ.
"ޑަބަލްސް އާއި މިކްސް ޑަބަލްސް ކެޓަގަރީއާ މެދު އަޅުގަނޑަށް މާކުރިން ވެސް އިތުބާރު އޮތް. އެނގޭ އެންމެ އުނދަގޫ ވާނީ ސިންގަލްސް ފައިނަލްކަން. ދައްތައާ ދެކޮޅަށް ކުޅެން ޖެހުމުން ކުޅެން ވެސް އުނދަގޫވޭ. ތިން ސެޓް ނިންމަން 43 މިނިޓް ހޭދަވި،" ނަބާހާ ބުންޏެވެ.
ނަބީހާ އާއި ނަބާޙާ ކުރިން ކުޅުނު މެޗެއްގެ ތެރެއިން --- ފައިލް ފޮޓޯ: އެމްއޯސީ
ގައުމީ ފައިނަލުގައި ނަބާހާ އާއި ނަބީހާ 2017 ގައި ވާދަކޮށް ޗެމްޕިއަންކަން އޭރު ހޯދީ ނަބީހާ އެވެ. ނަބާހާ ބުނީ ސިންގަލްސްގައި ނަބީހާއާ ވާދަވެރިކަން އޮންނާނެ ކަމަށެވެ. އެކަމަކު އެއީ ރަނގަޅު ސިފައެއްގައި އޮންނަ ވާދަވެރި ކަމެކެވެ.
"ދެ މީހުންގެ ދެމެދުގައި ވެސް ވާދަވެރިކަން އޮންނާނެ. އެކަމަކު ކޮންމެ ގޮތެއް ވިޔަސް ނިމިގެން ދާއިރު ތަށި އަންނާނީ ގެއަށް. އެހެންވީމަ އޭނާ މޮޅުވިޔަސް އަޅުގަނޑު އުފާވާނެ،" ނަބާހާ ބުންޏެވެ.
"އެކަމަކު ބައެއް ފަހަރު ދައްތަ ވީމަ ވަރުގަދައަށް ވާދަކޮށްގެން ކުޅެން އުނދަގޫތަކެއް ހުރޭ."
ނަބާހާ އާއި ނަބީހާ މިހާރު ތިބީ ގައުމީ ޓީމު ތަމްސީލުކުރަން ބަހްރެއިން އަށް ގޮހެވެ. މިއަދުން ފެށިގެން މިއަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރއަށްގެންދާ ބަހްރެއިން އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ގައުމީ ޓީމު ތަމްސީލު ކުރާނީ ނަބާހާ އާއި ނަބީހާގެ އިތުރުން ނިބާލް އަހްމަދެވެ. ގައުމީ ފިރިހެން ޗެމްޕިއަން އަހްމަދު ތޯއިފް އާއި ޒަޔާން ޒަކީ އަމިއްލަ ގޮތުން މުބާރާތުގައި ވާދަކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy