ކުޅިވަރު / މަހިންދަ ރާޖަޕަކްސަ ޓްރޮފީ

ލަންކާ މުބާރާތުގެ ފައިނަލް މިރޭ، މުބާރާތް ކާމިޔާބުކުރި ރާއްޖޭގެ ފުރަތަމަ 11 ކޮބާ؟

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން ލަންކާއާ ދެކޮޅަށް ނެރުނު ފުރަތަމަ 11. ފައިނަލް މެޗުގައި ޕާކިސްތާނާ ދެކޮޅަށް ވެސް ނުކުތީ މި 11 ކުޅުންތެރިން. (ކަނާތުން ވާތަށް ކޮޅަށް: އަދުހަމް، ރިލްވާން، ނޫމާން، އަމްދާން، އިމާޒް، އަސަދުﷲ - ކަނާތުން ވާތަށް އިށީނދެގެން: އިރުފާން، ޝިފާޒް، ޔާމީން، ސަމްދޫހު، ޖަޒްލާން.)-- ފޮޓޯ: އިބްރާހިމް އާމިރު (ސަލްސާ އާމިރު)

ސްރީ ލަންކާގައި މިހާރު ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ޓްރޮފީ، 4 ނޭޝަންސް ކަޕުގެ ފައިނަލުގައި ސީޝެލްސްއާ ދެކޮޅަށް ލަންކާ މިރޭ ނުކުންނާނެ އެވެ.

ރާއްޖެ ވެސް މި މުބާރާތުގައި ބައިވެރިވިއިރު، މުބާރާތް ނިންމާލަން ޖެހުނީ ދެ ޕޮއިންޓާ އެކު ތާވަލުގެ ފުލުގަ އެވެ. ފުރަތަމަ މެޗުގައި ރާއްޖޭން ހަތަރު ގޯލު ޖަހާފައި ވަނިކޮށް ފަހަތުން އަރައި، ފަހު 28 މިނިޓުގައި ލަންކާއިން ރާއްޖެއާ އެއްވަރުކުރި އެވެ. ދެވަނަ މެޗުގައި ރާއްޖޭން ބަންގްލަދޭޝް އަތުން ބަލި ނުވާތާ ހޭދަވި 18 އަހަރު ދުވަހުގެ ރެކޯޑަށް ނިމުމެއް އައެވެ. ފައިނަލަށް ނުގޮސް ކެޓީ، ފަހު މެޗުގައި ސީޝެލްސްއާ ކުޅެ އެއްވަރު ވެގެންނެވެ.

މެޗަކުން މޮޅުނުވެ މުބާރާތުން ކެޓި ނަމަވެސް، މުޅި ގައުމުގެ ސަމާލުކަން ހުއްޓުނީ މެޗުގެ ފަހު ވަގުތު ރާއްޖޭގެ އަސްހަދު އަލީ (އަޑޭ) ކުޅުމުން ބޭރުގައި އިދިކޮޅު ޓީމުގެ ކެޕްޓަނަށް އުޅަނބޮށިން ގަސްތުގައި ދިން ހަމަލާއަށެވެ.

ރާއްޖޭގެ ޓީމް މުބާރާތުގެ ތަށްޓާ އެކު.-- ފޮޓޯ: އަމީން ފައިސަލް/ މޯލްޑިވްސޮކާ

މި އަހަރުގެ މުބާރާތް ސީނިއާ ގައުމީ ޓީމުތަކަށް އަމާޒު ކޮށްގެން ކުރިޔަށް ދާއިރު، މީގެ އެންމެ ފުރަތަމަ މުބާރާތް 2012 ވަނަ އަހަރު ބޭއްވީ 23 އަހަރުން ދަށުގެ ގައުމީ ޓީމުތަކަށެވެ. ފައިނަލުގައި ޕާކިސްތާނާ ވާދަކޮށް 2-1 އިން މޮޅުވެ، ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު ވަނީ މުބާރާތަކުން ރަން މެޑަލް ކާމިޔާބުކުރުމުގެ ޝަރަފް ހޯދައިފަ އެވެ. މިއީ ޒުވާން ގައުމީ ޓީމެއްގެ ފުރަތަމަ ކާމިޔާބީ ވެސް މެ އެވެ.

މުބާރާތުގެ ގުރޫޕް ފިޔަވަހީގެ ފަހު މެޗުން ބަންގްލަދޭޝް އަތުން ބަލިވި ނަމަވެސް، އެއްވަނަ ޓީމުގެ ގޮތުގައި ރާއްޖެ ފައިނަލަށް ދަތުރުކުރީ ލަންކާ އާއި ޕާކިސްތާން ބަލިކޮށްފަ އެވެ. އަދި މުބާރާތް ކާމިޔާބު ކުރުމާ އެކު މި ޓީމާމެދު ރައްޔިތުންގެ އުންމީދުތައް ވެސް ބޮޑުވި އެވެ. ތަށި ހިފައިގެން އެނބުރި ރާއްޖެ އައުމުން ރަތް ދޫލައިގެ މަރުހަބާއެއް ވެސް ކިއެވެ.

ކެޕްޓަން އަދުހަމް، ރިލްވާނާ އެކު މުބާރާތުގެ ތަށި އުފުލައިލަނީ.-- ފޮޓޯ: ހުސެއިން ސިނާން/ މޯލްޑިވްސޮކާ

މުބާރާތް ކާމިޔާބުކުރި ޒުވާން ޓީމުގެ ކޯޗަކަށް ހުރީ، އޭރު ގައުމީ ސީނިއާ ޓީމުގެ ވެސް ހެޑް ކޯޗަކަށް ހުރި ހަންގޭރީގެ އިސްތަވާން އުރުބާނީ އެވެ. މުބާރާތުގައި އޭނާގެ އިރުޝާދުގެ ދަށުން ދަނޑުމަތީގައި ޓީމު ލީޑުކުރަން ހަވާލުކުރީ، ހަސަން އަދުހަމް (ސަޑޭ) އާއެވެ. އަދުހަމަށް ބޭންޑް ހަވާލުކުރުމުގެ ކުރިން ވެސް ކޯޗު ވަނީ އަދުހަމްގެ "އެޓިޓިއުޑް" ރަނގަޅު ކުރަން ޖެހޭކަމަށާއި، ކެޕްޓަނެއްގެ ގޮތުގައި އަދުހަމް ނުކުންނާނީ ޓެސްޓަކަށް ކަމަށް "ހަވީރު" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.

މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމުގައި ހިމެނުނު ދެ ކުޅުންތެރިޔަކު ވަނީ އަދުހަމްގެ ކެޕްޓަންކަމުގައި އެ އަހަރުގެ މުބާާރާތުގެ ފައިނަލުގެ ފުރަތަމަ 11 ގައި ކުޅެފަ އެވެ.

ހަސަން އަދުހަމް (ސަޑޭ)

ތައްޓާ އެކު ރާއްޖެ އައުމުން ކެޕްޓަން އަދުހަމް ގައިގައި ސަޕޯޓަރުން ބައްދާލަނީ.-- ފޮޓޯ: ހުސެއިން ސިނާން/ މޯލްޑިވްސޮކާ

އަދުހަމަކީ އޭރު ރާއްޖޭގެ ފުޓުބޯޅައިގައި އުންމީދީ ކުޅުންތެރިއެކެވެ. އުމުރުން 17 އަހަރުގައި ސްކޫލުގައި ކިޔަވަމުން ވިކްޓަރީ ސްޕޯޓްސް ކުލަބާ އެކު އޭނާ ވަނީ އޭއެފްސީ ކަޕުގައި ކުޅެފަ އެވެ. މުބާރާތުގައި ވާދަކުރިއިރު އަދުހަމްގެ އުމުރުން 22 އަހަރެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވަނީ ރާއްޖޭން ލަންކާ 3-0 އިން ބަލިކުރި މެޗުގައި ދެ ލަނޑު ވެސް ޖަހައިފަ އެވެ.

ޒުވާން ޓީމުގައި ހިމެނުމުގެ ކުރިން ވެސް އޭނާ އައީ ސީނިއާ ގައުމީ ޓީމަށް ކުޅެމުންނެވެ. އުމުރުން 19 އަހަރުން ފެށިގެން ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށި އަދުހަމް އަށް މިފަހުން ގައުމީ ޓީމުން ޖާގަ ގެއްލިފައި ވާއިރު އޭނާ އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅުނީ 2015 ވަނަ އަހަރު އެވެ.

ލަންކާ މުބާރާތަށް ފަހު މާޒިޔާއަށް ބަދަލުވެ، ފަހުން ބީޖީ ސްޕޯޓްސް އަށާއި އީގަލްސް އާއި ވެލެންސިއާ އަދި ނިއުރޭޑިއަންޓަށް ވެސް ކުޅުނު އަދުހަމް، 31، އެންމެ ފަހުން ފެނުނީ މިދިޔަ ސީޒަނުގައި އަލަށް ޕްރޮމޯޓްވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިންނެވެ. އެޓީމުގައި ވެސް އަދުހަމަށް މާގިނަ މެޗުތަކަކުން ފުރުސަތެއް ނުލިބެ އެވެ.

ރިލްވާން ވަހީދު (ރިލޭ)

ފައިނަލް މެޗަށް ފަހު ރިލްވާން (ކ) އަދި ޝިފާޒް (ވ).--

އުމުރުން 16 އަހަރުން ފެށިގެން ވެލެންސިއާއަށް ކުޅުމަށް ފަހު ރިލްވާން ވިކްޓްރީއަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އެ އަހަރު ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެން ފެށި ރިލްވާނަށް އޭރު އުމުރުން 21 އަހަރެވެ. މުބާރާތުގެ ފައިނަލުގައި ރާއްޖޭން ޖެހި ފުރަތަމަ ލަނޑު ރިލްވާން ކާމިޔާބު ކޮށްދިނީ ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ރާއްޖޭން ޖެހި ދެވަނަ ލަނޑު ޖަހަން ފުރުސަތު ފަހި ކޮށްދިނީ ވެސް ރިލްވާނެވެ.

މުބާރާތުގެ ކުރިން ޖެހިގެން އައި 2013 ވަނަ އަހަރުގެ ސީޒަނަށް ނިއުރޭޑިއަންޓުން ރިލްވާނުގެ ސޮއި ހޯދިއެވެ. ދެހާސް ބާރަ ވަނަ އަހަރު "ހަވީރު"ން ހޮވި، އަހަރުގެ އެންމެ އުންމީދީ ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ރިލްވާން ވަނީ ނިއުރޭޑިއަންޓުން ހުރިހާ މެޗަކުން މޮޅުވެގެން ޑޮމެސްޓިކް ހުރިހާ މުބާރާތެއް ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ފަހުން މާޒިޔާ އަށް ވެސް ކުޅެ، ރާއްޖޭން ޗެލެންޖު ކަޕުގެ ތިންވަނަ ހޯދި ޓީމުގެ ވެސް މުހިއްމު ދައުރެއް އަދާކުރި ރިލްވާނުގެ ނަން ދަނޑުމަތިން ފަނޑުވާން ފެށީ ގާތްގާތުގައި ދިމާވި އަނިޔާގެ މައްސަލަތަކާހުރެ އެވެ. އޭގެ ފަހުން ވެސް ނިއު އާއި ވިކްޓްރީއަށް ވެސް ކުޅުނު ރިލްވާން މިހާރު ކުޅެމުން އަންނަނީ ކްލަބް ގްރީން ސްޓްރީޓަށެވެ.

އަސަދުﷲ އަބްދުﷲ (އަސަކޮ)

ރާއްޖޭގެ ފުޓުބޯޅަ އެނގޭ އެއްވެސް ފަރާތަކަށް އަސަދުﷲ ގެ ތައާރަފަކަށް ބޭނުމެއް ނުވާނެ އެވެ. ރާޖަޕަކްސާ ކަޕްގެ ފުރަތަމަ މުބާރާތް ރާއްޖޭން ކާމިޔާބުކުރި މެޗުގެ ދެވަނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން މާޒިޔާގެ ކެޕްޓަންނެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުގައި މާޒިޔާއަށް ވަނީ ޑޮމެސްޓިކު ހުރިހާ މުބާރާތެއް ވެސް ކާމިޔާބު ކޮށްދީފަ އެވެ.

ކްލަބް އޯލް ޔޫތު ލިންކޭޖުން ދެވަނަ ޑިވިޝަނުގައި ކުޅެމުން އެޓީމާ އެކު ދިވެހި ލީގުގައި ވެސް ކުޅުމަށް ފަހު އޭނާ މާޒިޔާއަށް ބަދަލުވީ ވެލެންސިއާ އަށް ދެ އަހަރު ކުޅުމަށް ފަހު އެވެ. އަނިޔާގެ ސަބަބުން އެކި ފަހަރު މަތިން އެކި މުއްދަތަށް ކުޅުމާ ދުރުގައި ހުރެ ވެސް، މާޒިޔާއަށް އަސަދުﷲ ވަނީ މިހާތަނަށް 157 ލަނޑު ޖަހައިފަ އެވެ.

އަހުމަދު ނޫމާން (ހެލްމެޓު)

ނޫމާން، ކޯޗު އުރުބާނީ އާއެކު މުބާރާތުގެ ޗެމްޕިއަން ޓްރޮފީ ހިފައިގެން.--

އިނގިރޭސި ޕްރިމިއާ ލީގު ކުލަބް ޗެލްސީގެ ކީޕަރު ޗެކުގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދަނޑުމަތީގައި ބޭނުންކުރި ފަދަ "ހެޑްގާޑް" އެއް އަޅައިގެން ކުޅޭ ނޫމާން އާއްމުންނަށް ފާހަގަވީ ލަންކާ މުބާރާތުންނެވެ. ހެޑްގާޑު އަޅައިގެން ކުޅޭތީވެ، އޭނާއަށް ވަނަމަކަށް ވެސް ކީ "ހެލްމެޓް" އެވެ. ޒުވާން ޓީމަށް ކުޅުނުއިރު އޭގެ ކުރިން ދުވަހަކު ވެސް ފުރަތަމަ ޑިވިޝަނުގައި ނޫމާން ކުޅެފައެއް ނުވެ އެވެ. އޭރު އޭނާ ކުޅެމުން އައީ ދެވަނަ ޑިވިޝަނުގެ ކުލަބް ބީޖީ ސްޕޯޓްސް ކުލަބަށެވެ. އެ އަހަރު ބީޖީން ދެވަނަ ޑިވިޝަން ކާމިޔާބުކޮށް، ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދިއިރު ނޫމާނަކީ އެޓީމުގެ ފަހަތުގައި ހަރަކާތްތެރިވި އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ.

ރާޖްޕަކްސަ މުބާރާތުގައި ފުރަތަމަ 11 ގައި ހިމެނިގެން ހުރިހާ މެޗެއް ކުޅެ ދެއްކި މޮޅު ކުޅުމުން، ފުރަތަމަ ޑިވިޝަނުގެ ކްލަބް އީގަލްސް އިން އޭނާގެ ސޮއިހޯދި އެވެ. އެއަށް ފަހު މިއަދާ ހަމައަށް ވެސް އީގަލްސްގައި ހުރި ނޫމާން ވަނީ އީގަލްސް ފުރަތަމަ ޑިވިޝަނުގައި މިހާތަނަށް ހޯދި ހުރިހާ ކާމިޔާބީއެއްގައި ވެސް މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. މި އަހަރުގެ މުބާރާތުގައި ވެސް ނޫމާން ވަނީ ސީނިއާ ޓީމުގައި ހިމެނިގެން ކުޅެފަ އެވެ.

ސީނިއާ ގައުމީ ޓީމުގެ ހުށަހެޅުންތައް ލިބުނު ނަމަވެސް އަނިޔާގެ ސަބަބުން ގިނަ ފަހަރު ޓީމާ ގުޅުމުގެ ނަސީބު ނުލިބި ހުރުމަށް ފަހު އޭނާ ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅުނީ 2018 ވަނަ އަހަރެވެ. އެއަހަރު ރާއްޖޭން ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ވެސް އޭނާ ހިމެނުނެވެ.

މޫސާ ޔާމީން (ޔާމްބެ)

ރާޖަޕަކްސާ ކަޕް ރާއްޖެ އިން ފުރަތަމަ ހޯދިއިރު އެންމެ 19 އަހަރުގެ ޔާމީން އޭރު ކުޅެމުން ދިޔައީ ކްލަބް އޭވައިއެލް އަށެވެ. އެ އަހަރު ސީނިއާ ގައުމީ ޓީމުން ވެސް ޖާގަ ހޯދި ޔާމީން އެއަށް ފަހު 2013 ވަނަ އަހަރު ވަނީ ނިއުރޭޑިއަންޓަށް ކުޅެފަ އެވެ. ޖެހިގެން އައި އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާ އަންނަނީ މާޒިޔާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޕާކިސްތާނުން ޖެހި ހަމައެކަނި ލަނޑަކީ ގޯލު ރޮނގުމަތިން ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޔާމީން އަތުން ވަން ލަނޑެކެވެ. ކީޕަރު ބޯޅަ ހިފެހެއްޓުމާއެކު ރީބައުންސްވެފައި އައި ބޯޅަ ޕާކިސްތާނުގެ ކުޅުންތެރިޔާ ޖެހުމުން ބޯޅަ ގޯލަށް ވަނީ ޔާމީންގެ ފައިގައި ޖެހިފަ އެވެ.

ސީނިއާ ގައުމީ ޓީމުން ޖާގަ ނުލިބި ގިނަ ދުވަސްތަކަކަށް ފަހު މި އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑުގެ ކުޅުންތެރިންތަކަކަށް އަނިޔާވުމުން، ފަހު ވަގުތު ޔާމީނަށް ޓީމުން ފުރުސަތު ލިބުނެވެ. ނަމަވެސް އެއްވެސް މެޗެއްގައި ކޯޗު އޭނާ ބޭނުމެއް ނުކުރި އެވެ. އަދި މި އަހަރުގެ ރާޖަޕަކްސަ މުބާރާތަށް ނެގި ރާއްޖޭގެ ޓީމުން ވެސް ޔާމީނަށް ފުރުސަތު ނުދެ އެވެ.

މުހައްމަދު ޖަޒްލާން (ބަބޭ)

ރާއްޖޭން ނުޅުނު ފުރަތަމަ މެޗުގެ ކުރިން ޖަޒްލާން (ކ)، ނޫމާން (މ) އަދި ޔާމީން (ވ).--

ކީޕަރު އިމްރާން މުހައްމަދު (އިންމަ) ކުޅުން ހުއްޓާލުމުން ގައުމީ ޓީމުގެ ގޯލު ބަލަހައްޓާނީ ކޮން ކީޕަރެއްތޯ އެއީ އޭރު ވެސް ކުރެވެމުން އައި ސުވާލެކެވެ. އެ އަހަރުގެ މުބާރާތުގައި ކޯޗު އިސްތަވާން އުރުބާނީ ރާއްޖޭގެ ގޯލު ބަލަހައްޓަން ހަވާލުކުރީ ކީޕަރު އިންމަގެ އުފަން ރަށް މަހިބަދޫއަށް ނިސްބަތްވާ 19 އަހަރުގެ ޖަޒްލާނަށެވެ.

މުބާރާތުގައި ދެއްކި މޮޅު ކުޅުމުން ރާއްޖޭގެ ސަޕޯޓަރުން ވެސް އޭނާއާމެދު އުންމީދުތަކެއް ކުރަން ފެށި އެވެ. ފައިނަލް މެޗުގައި ޕާކިސްތާނުން ޕެނަލްޓީ ޖަހަން ތައްޔާރުވި ގަޑީގައި އިދިކޮޅު ކުޅުންތެރިޔާގެ ވިސްނުމާ ކުޅެލައި ޕެނަލްޓީ މަތަކުރި ނަމަވެސް ގޯލު ވަނީ ރީބައުންސް ބޯޅައިގަ އެވެ.

އެއަށް ފަހު ނިއު ރޭޑިއަންޓުން ވެސް ފެނުނު ޖަޒްލާން ވަނީ މަހިބަދޫ ސްޕޯޓްސް ކުލަބާއި ވިކްޓަރީ އަދި ގްރީން ސްޓްރީޓްސްގެ ބެންޗުން ފެނުމަށް ފަހު މިދިޔަ އަހަރު ފެނުނީ ދެވަނަ ޑިވިޝަނުގައި ކްލަބް ވެލެންސިއާ އިންނެވެ. ދެވަނަ ޑިވިޝަނުގެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދައި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓު ވުމުން ވެލެންސިއާއިން ވަނީ ދަ ގްރާންޑޭ ސްޕޯޓްސް އަށް އޭނާ ފޮނުވާލައި، ގޯލްކީޕަރު ފައިސަލް ޓީމަށް ގެނެސްފަ އެވެ.

އަމްދާން އަލީ (އެންޑީ)

ރާޖަޕަކްސަ މުބާރާތް ބޭއްވި 2012 ވަނަ އަހަރު މާޒިޔާއިން ކެރިއަރު ފެށި އަމްދާން އަދިވެސް ހުރީ މާޒިޔާގަ އެވެ. ޖެހިގެން އައި އަހަރުގެ ފަހު ކޮޅު ލޯނު އުސޫލުން އީގަލްސް އަށް ކުޅުމަށް ފަހު އޭނާއަކީ މާޒިޔާގެ ފަހަތުގައި އެންމެ މުހިއްމު އެކަކެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި އަމްދާނަށް މި ފަހުން ވަނީ އަނިޔާގެ ގިނަ މައްސަލަތަައް ކުރިމަތި ވެފަ އެވެ.

އަހުމަދު އިމާޒް (އާއްކޮ)

އިމާޒަކީ އޭރު 23 އަހަރުން ދަށުގެ ޓީމުގެ ސިނިއާ ކުޅުންތެރިއެކެވެ. އޭރު ކްލަބް އީގަލްސް އަށް ކުޅެމުން އައި ފޯވަޑް ސީނިއާ ގައުމީ ޓީމަށް ވެސް އެ އަހަރު ކުޅުނެވެ. އެއަހަރުގެ ރާޖަޕަކްސަ މުބާރާތުގެ ލީގު ބުރުގައި 1-0 އިން ޕާކިސްތާނު ބަލިކުރި މެޗުގައި ލަނޑު ޖެހީ ވެސް އިމާޒެވެ.

ފައިނަލް މެޗުގައި ޕާކިސްތާނަށް ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން އިމާޒުގެ އަތުގައި ބޯޅަ ޖެހުމުންނެވެ. މިއާއެކު ކޯޗު އިސްތަވާނީ އުރުބާނީ ބެންޗުން ފޮނުވާލައި، ރެފްރީ ވަނީ 90 މިނިޓު ހަމަވުމުން އިތުރު ވަގުތުގެ ގޮތުގައި 12 މިނިޓު ކުޅުވައިފަ އެވެ.

ފަހުން މާޒިޔާ އާއި ދަ ގްރާންޑޭ އަށް ވެސް ކުޅެ، މިދިޔަ ސީޒަނުގައި ވެލެންސިއާ އިން ފެނުނު އިމާޒް ވަނީ 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ވެސް ކުޅެފަ އެވެ.

ހަސަން ޝިފާޒް (ޑުންގާ)

މުބާރާތުގެ ފުރަތަމަ މެޗުގައި ޝިފާޒް ލަންކާއާ ދެކޮޅަށް ކުޅެނީ.-- ފޮޓޯ: ޑެއިލީނިއުސް ލަންކާ

ޝިފާޒަކީ 2011 ވަނަ އަހަރު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި މާޒިޔާގެ ޒުވާން ޓީމުގެ ކެޕްޓަނެވެ. ފެށުނީއްސުރެން މާޒިޔާގެ ކުޅުންތެރިއެއް ގޮތުގައި މިއަދާ ހަމައަށް ވެސް ހުރި ޝިފާޒަކީ އެޓީމުގެ ވައިސް ކެޕްޓަނުންގެ ތެރޭގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ.

އޭނާ ވަނީ 2012 ވަނަ އަހަރުގެ މުބާރާތުގެ ކުރިން، ޖަޕާނުގެ ފުޓްބޯޅަ އެކަޑަމީތަކުގައި ތަމްރީނު ވެފައެވެ.

އަލީ ސަމްދޫހު މުހައްމަދު

ކްލަބް އޭވައިއެލް އިން ކުޅެން ފެށި ސަމްދޫހު މާޒިޔާއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އެއަށް ފަހު މާޒިޔާ އަަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ، ގްރީން ސްޓްރީޓްސް އަށް ބަދަލުވެ، މިދިޔަ ސީޒަނުގައި ކުޅުނީ ވެލެންސިއާ އަށެވެ.

ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ސަމްދޫހު ވަނީ ގައުމީ ޓީމާ އެކު 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕު ވެސް ކާމިޔާބު ކޮށްފަ އެވެ.

މުހައްމަދު އިރުފާން (އިރޭ)

ކްލަބް ވެލެންސިއާއިން 2012 ވަނަ އަހަރު ކެރިއަރު ފެށި އިރުފާން ވަނީ އެ އަހަރު ވެލެންސިއާ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވިޔަ ނުދީ ސަލާމަތް ކޮށްދީފަ އެވެ. ވެލެންސިއާ އެ އަހަރުގެ ރެލިގޭޝަން ކުޅެން ޖެހުނުއިރު، ކުޅުނު ތިން މެޗުގައި ވެސް އިރުފާން ލަނޑު ޖެހި އެވެ. ޔުނައިޓެޑް ވިކްޓަރީ 1-0 އިން ބަލިކުރި މެޗާއި ބީޖީ ސްޕޯޓްސް 2-1 އިން ބަލިކުރިއިރު ހުރިހާ ލަނޑެއް ވެސް ޖެހީ އޭރު އުމުރުން 18 އަހަރުގެ އިރުފާނެވެ. އަދި ފަހު މެޗުގައި 4-1 އިން ވިޔަންސާ ބަލިކުރި މެޗުގައި ފުރަތަމަ ވިޔަންސާ ލީޑު ނެގުމުން ވެލެންސިއާ އަށް އެއްވަރު ކޮށްދިން ލަނޑު ވެސް ޖެހީ އިރުފާނެވެ.

ދެހާސް ސާދަ ވަނަ އަހަރު މާޒިޔާއަށް ބަދަލުވެ، އެއަހަރު "ހަވީރު"ން ހޮވި ރާއްޖޭގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އިރުފާނަކީ މާޒިޔާގެ ވައިސް ކެޕްޓަނެވެ. އޭނާ ވަނީ ގައުމީ ޓީމާ އެކު 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ.

5 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 41%
icon angry icon angry 6%
icon wow icon wow 35%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޮބަޅި

20 November 2021

އަހަރެން ހީކުރީ އެއްވަނަ ހޯދި ޓީމުގެ ކުޅުންތެރިން މި އަހަރުގެ ޓީމުގައި ނުހިމެނުނު ސަބަބާއި މިކަހަލަ އެނަލިސިސްއެއްކަމަށް ލިޔުމުން ފެންނާނީ.

The name is already taken The name is available. Register?

ޝޯމޭން

20 November 2021

އައްސަދު ތިކުރި ކަންތައް ދިވެހި ފުޓުބޯޅައިގެ ތާރީހުގަ ކަޅު ލައްގަނޑެއް ގޮތުގަ ލެވިގެންދާނެ. އަހަރުމެން މިހާރުވެސް ހަމަތިގޮތައް ދަނގަޑޭ ކޮލުގަ އުޅަނބޮށިން ޖެހި އިންޑިއާމީހެއްގެ ވީޑިއޯ ފަހުރުވެރިކަމާއެކު ބަލަން. އެއީ އެދުވަހު ކަނޑައެޅިގެން އިންޑިއާއަށް ނުކުޅެވިގެން ކުރި ކަމެއްގޮތުގަ އެވާހަކަވެސް ދައްކަން. ކަލެއާހެދި އަހަރުމެންގެ ކުރިއަށް އަންނަން އޮތް ޖީލުތަކަށްވެސް ތިކަމުން އަރައިނުގަނެވޭނެ. މާދެން ތެޅޭމީހަކަށް ވެގެން. އަދި އަޑުވެސް ބަރެއް ނޫނޭ.

The name is already taken The name is available. Register?

އިބްރ

19 November 2021

އަޑޭއަކީ އަލީވަހީދު މައްސަލާގައި ޖަލުގައި ބަހައްޓަންޖެހޭ މީހެކެވެ. އޭނާ މިޤައުމު ފަޟީހަތްކުރީ މި ޤައުމުން އޭނާކުރިކުށަށް އަދަބުނުދިނީމަ. މިހާރު މިއޮތް ސަރުކާރަކީ ރައްޔިތުންނަށް ޣައްދާރު ސަރުކާރެއްކަން ހާމަވަމުންމިދަނީ.

The name is already taken The name is available. Register?

ބަލަ

19 November 2021

ތިޔަ ޓީމު ތިހާ ހިށާބަށް ދިޔައީ ނިއު، ވިކްޓަރީ ބައްސާމު ބާރުގައި އެއްވަނަ ޑިވިޝަނުން ދުއްވާލުމުން ފުޓުބޯޅައިގެ ފޯރިކުޑަވެ ސަޕޯޓަރުން ފުޓްބޯލަދެކެ ފޫހިވުމުންނެވެ. ބައްސާމު އެމަޤާމުގައި ހުރެ ޤައުމުގެ ފުޓުބޯޅަ މިދަނީ ފަހަތަށް. ލަންކާ ދިަގޮތަށް އަޑިއަށް މިވެއްޓެނީ. ދެންވެސް ފޯރިގެންނަންބޭނުންނަމަ ނިއު، ވިކްޓަރީ ފުރަތަމަ ޑިވިޝަނަށްގެނެސް ކުޅުވަވަލަ. އޭރުން އާޅަކުލުންތެރިންތަށް ފެނިގެންދާނެ އަދި ފޯރިހިފާނެ

The name is already taken The name is available. Register?

އިއްޕަޓޭ

19 November 2021

މިޓީމަކީ އަދި މިހާތަނަށް ރާއްޖެއިން އެކުލަވާލި އެންމެ ވަރުގަދަ 23 އަހަރުންދަށުގެ ޒުވާން ޓީމް. އޭރު، އަދި މިހާރުވެސް ސީނިއާ ޓީމުގަ ކުޅެމުންދާ ބައެއް ނުފޫޒުގަދަ ކުޅުންތެރިން ޕްރޮމޯޓްކުރަން ހަދައިގެން މީގެތެރެއިން ގިނަ ކުޅުންތެރިންނަށް ފުރުސަތު ނުލިބި، މަޑުމަޑުން ގައުމީޓީމުން ދުރަށް ޖައްސާލިތަން ފެނިގެން ދިޔައީ. ކަމެއް ނުކުރެވުނަސް އަދިވެސް ކުޅެންމިޖެހެނީ މީގެ 10-15 އަހަރުކުރިން ކުޅޭ ކުޅުންތެރިން، ނޫނީ ފެންނާނީ ޓީމުގެ ބިދޭސީ ކޯޗު ބޭރުކޮށްލާތަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454