ލައިފްސްޓައިލް / އެމެރިކާ

އެމެރިކާގެ ފުރަތަމަ ގާނޫނުއަސާސީގެ އޮރިޖިނަލް ކޮޕީއަކަށް ނީލަމެއްގައި ރެކޯޑް އަގެއް

އެމެރިކާގަި 1787 ގައި އެކުލަވާލި ގާނޫނުއަސާސީގެ ޕްރިންޓްކޮށްފައިވާ ކޮޕީ ވިކުނީ 43.2 މިލިއަން ޑޮލަރަށް

އެމެރިކާގެ އެންމެ ފުރަތަމަ ގާނޫނުއަސާސީގެ އޮރިޖިނަލް މަދު ކޮޕީތަކުގެ ތެރެއިން އެއްޗެއް ބުރާސްފަތި ދުވަހު ނިއު ޔޯކްގައި ބޭއްވި ނީލަމެއްގައި ރެކޯޑް އަގަކަށް ވިކިއްޖެ އެވެ.

ނީލަން ކުރިއަށް ގެންދިޔަ އޮކްސްޝަން ހައުސް، ސޮދަބީޒް އިން ބުނި ގޮތުގައި އަށް މިނިޓަށް ކުރިއަށް ދިޔަ ނީލަމުގައި، 1787 ގައި އެކުލަވާލި ގާނޫނުއަސާސީގެ ކޮޕީ ވިކުނީ 43.2 މިލިއަން ޑޮލަރަށެވެ. މިއީ މިފަދަ ތާރީހީ ލިޔުމަކަށް ނީލަމެއްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އަގު ވެސް މެ އެވެ.

ގާނޫނުއަސާސީގެ ކޮޕީ އަށް ނީލަމުގައި ލިބޭނެ ކަމަށް ސޮދަބީޒް އިން ކުރިން އަންދާކުރި އަގަކީ 20 މިލިއަން ޑޮލަރެވެ. އެކަމަކު އޭގެ ދެ ގުނަ އަށް ވުރެ ވެސް ބޮޑުކޮށް އެ ވިކުނު އިރު، ނީލަން ކާމިޔާބުކުރި މީހާގެ ނަމެއް ސޮދަބީޒް އިން ހާމައެއް ނުކުރެ އެވެ.

ނަމަވެސް ފަހުން ނީލަން ކާމިޔާބުކުރި މީހާ އަމިއްލަ އަށް އެކަން އިއުލާންކޮށްފައިވެ އެވެ. އެއީ އެމެރިކާގެ އިންވެސްޓްމެންޓް ކުންފުންޏެއް ކަމަށްވާ ސިޓަޑެލްގެ ބާނީ އަދި ސީއީއޯ ކެން ގްރިފިން އެވެ.

ނީލަން ކާމިޔާބުކުރި ކެން ގްރިފިން.

އޭނާ މި ނީލަން ކާމިޔާބުކުރީ މިހާތަނަށް ފައިސާ އެއްކުރަން ހިންގި އެންމެ ބޮޑު ކްރައުޑްފަންޑިން ކުރިއަށް ގެންދިޔަ ކްރިޕްޓޯކަރަންސީ ގްރޫޕެއް ކަމަށްވާ "ކޮންސްޓިޓިއުޝަން ޑީއޭއޯ" ވެސް ބަލިކުރުމަށް ފަހު އެވެ. ސަތާރަ ހާހަށް ވުރެ ގިނަ މީހުން ބައިވެރިވި ކްރައުޑްފަންޑިން އިން ޖުމްލަ 47 މިލިއަން ޑޮލަރު އެއްކުރެވުނަސް، ގާނޫނޫއަސާސީގެ ތާރީހީ ކޮޕީ ކާމިޔާބު ކުރުމުގެ ފުރުސަތު ގެއްލުމުން އެ ގްރޫޕުން ވަނީ އެކަމަށް ކުރި މަސައްކަތަށް ދިޔަ ޓްރާންސެކްޝަން ހަރަދު އުނިކޮށް، ފަންޑަށް އެހީވި މީހުންނަށް ފައިސާ ރައްދުކޮށްދޭން ވެސް ނިންމައިފަ އެވެ.

"ކޮންސްޓިއުޝަން ޑީއޭއޯ" އިން ނީލަމަށް ބިޑްކުރީ ވައުދަކަށް، ފުރަތަމަ ގާނޫނުއަސާސީގެ ކޮޕީ ވީހާ ވެސް ގިނަ ބަޔަކަށް އެއްވެސް އަގަކާ ނުލައި ބަލާލެވޭ ގޮތަށް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ބުނެ އެވެ.

ނިލަން ކާމިޔާބުކުރި ކެން ވިދާޅުވި ގޮތުގައި އޭނާ އެކަން އިންތިޒާމުކޮށް ދެއްވާނެ އެވެ. އެގޮތުން ގާނޫނުއަސާސީގެ ކޮޕީ އާކަންސަސްގެ ބެންޓޮވިލްގައި ހުންނަ ކްރިސްޓަލް ބްރިޖެސް މިއުޒިއަމް އޮފް އާޓްގައި ހިލޭ ބަލައިލެވޭ ގޮތް އާންމުންނަށް ހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ. ނީލަން ކާމިޔާބުކުރި ކެންގެ ސިޓަޑެލް އަކީ 16.1 މިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏެކެވެ.

ސޮދަބީޒް އިން ވިއްކާލި ގާނޫނުއަސާސީގެ އޮރިޖިނަލް ކޮޕީ އަކީ އެންމެ ފުރަތަމަ ޕްރިންޓްކުރި 11 ކޮޕީގެ ތެރެއިން އެކައްޗެވެ. އަދި އާންމު މީހެއްގެ އަތުގައި އޮތް ހަމައެކަނި ކޮޕީ ވެސް މެ އެވެ. އެ ކޮޕީ މިލްކުވެރިޔަކީ އެމެރިކާގެ ވިޔަފާވެރިޔާ ޑޮރޯތީ ޓެޕާ ގޯލްޑްމަން އެވެ. އޭނާ އަށް އެ ވާރުވަތީ މަރުވެފައިވާ ފިރިމީހާ ހޮވަޑް ގޯލްޑްމަންގެ ފަރާތުންނެވެ.

ނީލަމުގައި އެ ކޮޕީ ވިއްކައިލަން ނިންމިކަން އިއުލާންކިރީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ވިއްކައިގެން ލިބުނު ހުރިހާ ފައިސާއެއް ދާނީ ޑޮރޯތީ ޓެޕާ ގޯލްޑްމަން ފައުންޑޭޝަނަށެވެ. ޑޮރޯތީ ވިދާޅުވެފައިވާ ގޮތުގައި ފިރިމީހާ ހަނދާނާއި ތާރީހަށްޓަކައި ރައްކާކޮށްގެން ގެންގުޅުނު ގާނޫނުއަސާސީގެ އޮރިޖިނަލް ކޮޕީ އަކީ އޭނާގެ ކަލެކްޝަންގައި ހިމެނޭ ތަކެތީގެ ތެރެއިން އެންމެ ހާއްސަ އެއްޗެވެ. ހޮވަޑް އެ އޮރިޖިނަލް ކޮޕީ ގަތީ ފިލަޑެލްފިއާގެ މީހެއްގެ އަތުން 1988 ގައި 165،000 ޑޮލަރަށެވެ.

މި ކޮޕީ އަކީ އެމެރިކާގެ 19 ވަނަ ރައީސް ރަދަފޯޑް ބީ ހޭޔެޒްގެ ދައުރުގައި އެކުލަވާލީ ގާނޫނުއަސާސީ އެވެ. އޭރު އޭގެ ފައިނަލް ޑްރާފްޓްގެ ޖުމްލަ 500 ކޮޕީ ޕްރިންޓްކޮށް، އޭގެ ތެރެއިން ގިނަ އެއްޗެހި ގާނޫނުއަސާސީ އެކުލަވާލި ކޮމިޓީގައި މެމްބަރުންގެ މެދުގައި ބަހާލި އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެންކޮއި

21 November 2021

ޤާނޫނު އަސާސީއަކީ ފައިސާއިން އަގުކުރެވޭނެ އެއްޗެއް ނޫން. ދެލި ކަރުދާސްގަނޑު ކިތަންމެ ބޮޑު އަގުގައި ވިކުނަސް، އޭގައިވާ ހައްޤުތައް ކަށަވަރު ނުކުރެވޭނަމަ އަދި އޭގައިވާ ހައްޤުތަކަކީ އެހެންމީހުންނަށް ލިބެންޖެހޭ ޙައްޤުތަކެއްކަމުގައި ނުވާނަމަ އޭގެ އަގެއްނެތް!

The name is already taken The name is available. Register?

ހާމިދު ޝާހިދު

21 November 2021

ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ވީދާލާފައިވާއިރު، އޭގެ އަސްލު އޮތް މީހަކު މިކަހަލަ ކަމެއް ކުރާނެނަމަ އޭ ހިތައް އަރާ. ހަމަ ގައިމުވެސް އޭގެ ފުރަތަމަ ދެލިކޮޕީ ގެ ބައެއްނަމަވެސް އަދިވެސް ކޮންމެވެސްތަނެއްގައި އޮތުމަކީ އެކަށީގެންވާކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454