ފިޔަވަޅު އެޅީ އެލްއެފް ކޮންސްޓްރަކްޝަނާއި ސަޕްލަޔަރެއް ކަމަށްވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމްސް
ރަށެއްގެ މަގެއްގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: ދައުލަތުގެ މަޝްރޫއުތައް އެއްބަސްވާ މުއްދަތަށް ވުރެން ލަސްވާ ނަމަ މާލިއްޔަތު ގަވައިދުގައި އޮތީ ފިޔަވަޅު އެޅޭ ގޮތަށް.
24 ނޮވެމްބަރ 2021 - 15:07
މަޝްރޫއުތައް ލަސްވެ ގެއްލުންވަމުންދާތީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށް ދެ ކުންފުންޏެއް ސަސްޕެންޑްކޮށްފި އެވެ.
މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ބީލަންތައް ކާމިޔާބުކޮށް މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށް ފަހު އެ ގަވާއިދާ ހިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުން ބަލައި ފިޔަވަޅު އަޅަންޖެހެ އެވެ. ބީލަންވެރިން ނުވަތަ މަސައްކަތާ ހަވާލުވާ ކުންފުނިތައް ސަސްޕެންޑްކުރެވޭނެ ހާލަތްތައް ވެސް ގަވާއިދުގައިވެ އެވެ.
ގަވައިދުގެ ދަށުން މައްސަލަ ބަލައި ފިނޭންސް މިނިސްޓްރީގެ ރިވިއު ކޮމިޓީން ފުރަތަމަ ފިޔަވަޅު އެޅީ އެލްއެފް ކޮންސްޓްރަކްޝަނާއި ސަޕްލަޔަރެއް ކަމަށްވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމްސްއަށެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުގައި ށ. ފޯކައިދޫގެ ކޮމިއުނިޓީ ސެންޓަރު އަޅަން ހަވާލުކުރި އެލްއެފް ކޮންސްޓްރަކްޝަން ސަސްޕެންޑްކުރީ އަންނަ އަހަރުގެ ނޮވެމްބަރު 22 އާ ހަމައަށެވެ. އއ. ބޮޑުފުޅަދު އާއި މަތިވެރި އަދި މާޅޮހަށް ވޭސްޓް މެނޭޖްމެންޓް މެޝިނަރީޒް ފޯރުކޮށްދޭން ހަވާލުކުރި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ސަސްޕެންޑްކުރީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ.
އަހަރެއްހާ ދުވަހަށް ސަސްޕެންޑްކުރި މި ދެ ކުންފުނީގެ ސަސްޕެންޝަން އުވެންދެން މި ކުންފުނިތަކާ ދައުލަތުގެ އެހެން އެއްވެސް މަޝްރޫއެއް ހަވާލެއް ނުކުރެވޭނެ އެވެ.
ދެ ކުންފުންޏަކާ ދޭތެރޭގައި ފިޔަވަޅު އެޅިއިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މި މަހު ނެރުއްވި ސާކިއުލާގައި، މާލިއްޔަތު ގަވާއިދާ ހިލާފުވާ ކުންފުނިތަކުގެ މައުލޫމާތު ކޮމިޓީއަށް ހުށަހަޅަން އެދިވަޑައިގެންފައިވެ އެވެ.
ކުންފުންޏެއް ނުވަތަ ސަޕްލަޔަރަކާ ދޭތެރޭގައި ފިޔަވަޅު އަޅާނީ ބީލަމުގެ މައްސަލަތައް ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީންނެވެ. މި ފިޔަވަޅު އެޅޭނީ ކުންފުންޏާ ދެކޮޅަށް ބަލާ މައްސަލައިގައި، ދިފާއުވާން މައުލޫމާތު ހުށަހެޅުމަށާއި ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު، ތަހުގީގުކޮށް ނިމޭއިރު މައްސަލަތަކެއް ސާބިތުވާ ނަމަ ކަމަށް ވެސް މާލިއްޔަތު ގަވާއިދުގައިވެ އެވެ.
ބީލަމުގައި ބައިވެރިވާ ފަރާތްތަކާއި ސަޕްލަޔަރުން ސަސްޕެންޑްކުރެވޭނެ ޝަރުތުތަކުގެ ތެރޭގައި މަސައްކަތް ލަސްވުމުގެ އިތުރުން ބީލަމުގެ މަރުހަލާގައި ސައްހަ ނޫން ލިޔެކިޔުން ހުށަހެޅުމާއި ކޮންޓްރެކްޓް ކުރިއަށް ގެންދާއިރު ވެސް އޮޅުވާލުމާއި ދޮގު މައުލޫމާތު ދިނުން ހިމެނެ އެވެ. އެހެން ފަރާތްތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި ވާދަވެރި ބީލަމެއް ކަމުގައި ދެއްކުމަށް އެކި ނަން ނަމުގައި ބީލަން ހުށަހެޅުން ވެސް ހިމެނެ އެވެ.
މަޝްރޫއުތައް ލަސްވެގެން ފިޔަވަޅު އަޅަން ފެށިއިރު، ބީލަން ކާމިޔާބުކޮށް އެއްބަސްވާ މުއްދަތަށް މަސައްކަތް ނުނިންމުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. މިގޮތަށް ބައެއް މަޝްރޫއުތައް ލަސްވެ، ނިންމަން ޖެހޭ ތާރީހަށް ވުރެން އަހަރުތަކެއް ފަހުން ވެސް ނިންމާފައި އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން އިބްރާހީމް
25 November 2021
މީ ވަރަށް ތާކުންތާކު ނުޖެހޭ ނިންމުންތަކެއް. ކުދި ވިޔަފާރިތައް ފުނޑެމުންދަނީ އެއްފަރާތައް ބުރަކޮށް ހުންނަ އެގްރީމަންޓް ހަދާ، މަސައްކަށް ކޮށްފަ ދޭންޖެހޭ ފައިސާ ނުދީ ލަސްކުރާތީ.
މަހަލްދީބްވާ
24 November 2021
އުއްމީދު ކުރަން ލަގްޒަރީ އެޕާންޓްމަންޓްސް ހަދަން ފައިސާ ނަގާފަ އެ އިމާރާތްތައް ބުނެފަ އޮތް މުއްދަތަށް ނުނިމި ލަސްވުމުން ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ބަދަލުވެސް ލިބޭނެ ގޮތެއް ހަމަޖެހޭނެ ކަމަށް، އަދި މި ނަން މަޝްއޫރު ކުންފުނިތަކާ މެދު ފިޔަވަޅު އަޅާނެކަމަށް..
މަރާ
24 November 2021
ސަރުކާރުން ބިލްތަކަށް 6 މަސްވާ އިރުވެސް ފައިސާނުދިނީމާ ސަޕްލަޔަރަށް ގެއްލުމެއްނުވޭތަ؟ ހަމައެކަނި ހައްގު އޮންނަނީ ސަރުކާރުގައިތަ
ހަސަން އިބްތާ
24 November 2021
ތިވާނީ ސަރުކާރުގެ ބޮޱުންނާ ގުޅުން ނެއް މީހަކައް
މަނިކްހ
25 November 2021
އެމް އާރު އެމް ގެ ބޮޑު މީހެއްގެ ކުންފުނި.
ނަންނުޖަހާ
24 November 2021
ކޮމިޓީ ކުރިޔަށް ކަނޑަން ފަށައިފި
ބޮޑުމީހާ
24 November 2021
މަޝްރޫއުތައް އެންމެ ލަހީ ޕްލޭނިންގ މިނިސްޓްރީގަ..މިނިސްޓަރ ސަސްޕެންޑް ކުރޭތަ
ޖަމީލުބެ
24 November 2021
الحمد لله ރަނގަޅު ފެށުމެއް ކަމަށް އުއްމީދުކުރަން!
ޣުލްފާމް
24 November 2021
ޢަރަބިއްޔާ އިމާރާތްކިރީ ތިޔަ އެލްއެފް ކޮންސްޓްރަކްޝަނުން. ޢޭރު ވެރިޔަކަށް ހުރީ އެލްއެފް ލަތީފްގެ ދުރުތާ ތިމާގެ ބޭބެ ރައީސް ވަހީދު
ބޮޑުމީހާ
24 November 2021
ދައުލަތުން އެއްބަސްވުމާއި ޚިލާފްވީމަ މިނިސްޓަރ އިސްތިއުފާ ދޭނަންތޯ
ކަނބުރު
24 November 2021
ތި އެލް އެފް ކޮންސްޓްރަކްޝަން ތީ ފެންވަރު ދަށްކޮށް އަރަބިއްޔާ ސްކޫލް އެޅި ގުރޫޕު ދޯ