ވިޔަފާރި / ކެޕިޓަލް މާކެޓް

އާންމު ހިދުމަތްދޭ އިދާރާތަކަށް ބޮންޑު ވިއްކުމުގެ ފުރުސަތެއް!

ސީއެމްޑީއޭ އާއި މާލޭ ސިޓީ ކައުންސިލްގެ މެންބަރުން ކެޕިޓަލް މާކެޓުގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަނީ--ފޮޓޯ:ސީއެމްޑީއޭ

05 ޑިސެމްބަރ 2021 - 10:29

ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވާއިރު ރައްޔިތުންގެ ދިރިއުޅުން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހިދުމަތްތައް ކަމުގައިވާ އުމްރާނީ ވަސީލަތްތަކާއި ސިއްހީ ހިދުމަތާއި ތައުލީމުގެ އިތުރުން އާންމު ހިދުމަތްތައް ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަކީ މިކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ރާއްޖޭގެ ރަށްރަށަށް ބޭނުންވާ މިފަދަ ހިދުމަތްތައް ދެމުން އައީ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ބަޖެޓު ލިބޭ މިންވަރަކުންނެވެ. ނަމަވެސް، ލާމަރުކަޒީ ނިޒާމަށް ރާއްޖޭގެ ރަށްތަކުގެ ހިންގުން ބަދަލުވުމާ ގުޅިގެން މިކަމަށް ވަނީ ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ފުރުސަތު ފުޅާވެފަ އެވެ.

މިކަން ކުރުމަށް ސީއެމްޑީއޭ އިން އިސްނަގައިގެން އަންނަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. ސީއެމްޑީއިން ބުނީ މުނިސިޕަލް ބޮންޑު ފްރޭމްވޯކެއްގެ ދަށުން ރަށްރަށާއި ސިޓީ ކައުންސިލްތަކަށް ބޮންޑު އަދި ސުކޫކު ވިއްކުމުގެ އިންތިޒާމުތައް މިހާރު އަންނަނީ އެކަން ޕްލޭން ކުރެވެމުންނެވެ. ސީއެމްޑީއޭގެ އިސްނެގުމުގެ މަތިން މިހާރު ވެސް މާލޭ ސިޓީ ކައުންސިލާ އެކު ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކުމަށް އޮނިގަޑަކާއި ވަސީލަތް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔާ މުއިއްޒާއި ކައުންސިލް ބައެއް މެންބަރުން. މާލޭ ސިޓީ ކައުންސިލުން އަންނަނީ ބޮންޑު ނުވަތަ ސުކޫކު އިޝޫ ކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރަމުން--ފޮޓޯ:ސީއެމްޑީއޭ

ބޮންޑު އަދި ސުކޫކަކީ ފަންޑު ހޯދާ ފަރާތްތަކުން، ފައިސާ ދޭ އިންވެސްޓަރުން ފަރާތްތަކަށް ވަކި މުއްދަތެއްގައި އަނބުރާ ދައްކާގޮތަށް ވަކި ނިސްބަތެއްގައި ފައިދާއާ އެކު އިންވެސްޓްކުރާ ފަރާތްތަކަށް ދޭ އުސޫލުން ފަންޑް ހޯދުމަށް ދޫކުރާ މާލީ ވަސީލަތެކެވެ. ބޮންޑަކީ ކޮންވެންޝަނަލް މިންގަނޑުން އަނބުރާ ދައްކާ ގޮތަށް ހޯދާ ފައިސާ އެވެ. ސުކޫކަކީ އިސްލާމީ އުސޫލުގެތެރެއިން އަނބުރާ ދައްކާ ގޮތަށް ހޯދާ ފައިސާ އެވެ.

ސީއެމްޑީއޭއިން އަންނަނީ ބޮންޑާއި ސުކޫކު ދޫކޮށްގެން ރާއްޖޭގައި މިހާރުވެސް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން އެކުންފުނީގެ ވިޔަފާރިއަށް ބޭނުންވާ ފަންޑު ހާދަމުންނެވެ. އަދި ބޮންޑަށް ނުވަތަ ސުކޫކަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ރަނގަޅު ނިސްބަތެއްގައި ފައިދާ ލިބެމުންދެ އެވެ.

ރާއްޖޭގައި އާންމުން ފަހަށް ރައްކާކުރާ ފައިސާ ނަފާ ލިބޭގޮތުގައި އިންވެސްޓްކުރުމަށް ރާއްޖޭގެ ކެޕިޓަލް މާކެޓަކީ ރަނގަޅު ސިނާއަތެކެވެ. އަދި އާންމުންގެ އިތުރުން އިންސްޓިޓިއުޝަނަލް އިންވެސްޓަރެއްގެ ގޮތުގައި މޯލްޑިވްސް ޕެންޝަން ފަންޑް ހިމެނޭ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ދައުލަތާއި އާންމު ފަރާތްތަކުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ހެޔޮ އަގެއްގައި ހޯދުމަށް ރާއްޖޭގެ ކެޕިޓަލް މާކެޓުގައި މިހާރުވަނީ ފުރުސަތުތައް އެބަ ހުއްޓެވެ. ޕްރައިވެޓް ޕްލޭސްމަންޓް ފްރޭމްވޯކެއްގެ ދަށުން ހިޔާރުކުރާ ވަކި އިންވެސްޓަރުންނަށް އަމާޒުކޮށްގެން ފައިސާ ހޯދުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ސީއެމްޑީއޭ އާއި ސިޓީ ކައުންސިލް މެންބަރު މަޝްވަރާ ކުރަނީ. އާންމު ހިދުމަތްދޭ އިދާރާތަކަށް ވެސް ފަންޑު ހޯދޭނެ ގޮތްތައް ސީއެމްޑީއޭއިން އަންނަނީ ކިޔައިދެމުން--ފޮޓޯ:ސީއެމްޑީއޭ

ސީއެމްޑީއޭ އިން މިހާރު ވެސް ދައުލަތުގެ ބައެއް ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާ އެކު އަންނަނީ ބޮންޑު އަދި ސުކޫކު ދޫކުރުމަށް މަޝްވަރާކުރަމުންނެވެ. ބޮންޑު އަދި ސުކޫކު ދޫކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ގަވައިދާ ޤާނޫނުގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އަންނަނީ އެކި ފަރާތްތަކަށް ފޯރުކޮށްދެމުންނެވެ.

ފާގަތި ދިރުއުޅުމަށް ބޭނުންވާ ތަރައްގީގެ އެކި މަޝްރޫއުތަކަށް ބޭންކުގެ ވަސީލަތްތަކަށް ހަމައެކަނި ބަރޯސާވުމުގެ ބަދަލުގައި ކެޕިޓަލް މާކެޓުގައި ހުރި ފުރުސަތުތައް ފުޅާވުމަކީ އާންމު އެންމެހާ ފަރާތްތަކަށް އެކަމުގެ ފައިދާ ކުރާނެ ކަމެކެވެ. ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކުރުމަށް ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް މިހާރު އެވަނީ ޕްރައިވެޓް ޕްލޭސްމަންޓުގެ ތެރެއިން އާ ދޮރެއް ހުޅުވިފަ އެވެ. މި ފުރުސަތު ބޭނުން ކޮށްގެން ރަށުގެ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރެވޭނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454