ކުޅިވަރު / ފާތިމަތު ދީމާ އަލީ

ވޯލްޑް ޗެމްޕިއަންޝިޕަށް ނައިޖީރިއާގެ ކުޅުންތެރިޔާ އަށް ނުދެވުމުން ދީމާ އަށް ދެރައެއް

ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަން އާއި ރާއްޖޭގެ ފާތިމަތު ދީމާ: ސުކުރާތު އަށް މުބާރާތަށް ދަތުރުނުކުރެވުމުން ދީމާ އަށް ޑަބަލްސް އިވެންޓްގައި ނުކުޅެވުނު.

07 ޑިސެމްބަރ 2021 - 10:47

ޕޯޗުގަލްގައި މިހާރު ކުރިއަށްދާ ޓީޓީ ޔޫތު ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ފާތިމަތު ދީމާ އަލީގެ ޑަބަލްސް ޕާޓްނަރު ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަން އަށް މުބާރާތަށް ދަތުރު ނުކުރެވުމުން ޑަބަލްސް ކެޓެގެރީގައި ވާދަކުރުމުގެ ފުރުސަތު ދީމާ އަށް ގެއްލިއްޖެ އެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގައި ދީމާ ވާދަކުރީ 15 އަހަރުން ދަށުގެ ކެޓެގަރީގަ އެވެ. އެއް ގައުމަކުން އެއް ކެޓެގަރީއެއްގެ ދެ ކުޅުންތެރިން ވާދަނުކުރާ ގައުމުތަކުގެ ކުޅުންތެރިންނަށް، ޑަބަލްސް އިވެންޓްތަކުގައި ޕާޓްނާޝިޕް ހަދާނެ ކުޅުންތެރިން ކަނޑައެޅީ އައިޓީޓީއެފް އިންނެވެ. ދީމާގެ މިކްސް ޑަބަލްސް ޕާޓްނަރެއްގެ ގޮތުގައި އައިޓީޓީއެފުން ހަމަޖެއްސީ ޗެކް ރިޕަބްލިކްގެ މާޓިން ސިޕް އެވެ.

ވޯލްޑް ކެޑޭޓް މުބާރާތުގައި ފާހަގަ ކުރެވޭ ކުޅުމެއް ކުރިން ދެއްކި ސުކުރާތަށް ވޯލްޑް ޗެމްޕިއަންޝިޕަށް ނުދެވުނީ، އޭނާގެ ޕީސީއާރް ޓެސްޓުގެ މައްސަލައެއް ދިމާވެގެން ކަމަށް ވޯލްޑް ޗެމްޕިއަންޝިޕްގައި ދީމާގެ މެނޭޖަރު އަދި ކޯޗުގެ ގޮތުގައި ދިޔަ ޓީޓީއޭއެމްގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގިފައި އޮތީ މިކޮޅަށް (ޕޯޗުގަލް އަށް) އަންނަން ވެގެން ތައްޔާރުވި ކަމަށް. ޕީސީއާރް މައްސަލައެއް މެދުވެރިވީ ފްލައިޓަށް ވެސް އެރިފަހުންކަން އެނގިފައި އޮތީ. އެހެންވެ އެ ކުޅުންތެރިޔާ އަށް މުބާރާތުގައި ބައިވެރިވެވޭ ގޮތް ނުވީ،" ޕޯޗުގަލްގައި ހުރެ ޝިއުރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުކުރާތަށް މުބާރާތަށް ނުދެވުމަކީ ދީމާ އަށާއި ރާއްޖޭގެ ޓީޓީ އަށް ވެސް ލިބުނު ދެރައެކެވެ. ޑަބަލްސް ކެޓެގަރީގައި ދީމާ އާއި ސުކުރާތު ވާދަކުރަން ޖެހިފައި އޮތީ ޗައިނީޒް ޓައިޕޭގެ ޗެންގް ޕޫ ސުޔާން އާއި ސިންގަޕޫރުގެ ޝާލިން ކިއާންއާ ދެކޮޅަށެވެ. ސުކުރާތަށް މުބާރާތަށް ނުދެވުމުން، ސުޔާން އާއި ކިއާން މޮޅުވީ ކަމަށް އައިޓީޓީއެފުން ނިންމި އެވެ.

"ޑަބަލްސްގައި ވާދަ ނުކުރެވުނުކަން އެއީ ވަރަށް ބޮޑު ދެރައެއް،" ޝިއުރީ ވިދާޅުވި އެވެ. "ވާދަކުރެވުނު ނަމަ ރާއްޖޭގެ ޓީޓީ އަނެއްކާވެސް އެހެން ހަރުފަތަކަށް ދާން ލިބުނު ފުރުސަތަކަށް ވާނެ."

މިކްސް ޑަބަލްސް ކެޓެގަރީގައި ދީމާ އާއި މާޓިން ސިޕް ވަނީ އޮސްޓްރޭލިއާގެ ނީ ޗުލޯންގް އާއި ސައިހޯޖިއޯސް ކޮންސްޓަންޓީނާގެ ޕެއާ 3-1 ސެޓުން ބަލިކޮށްފަ އެވެ.

ފުރަތަމަ ސެޓް ދީމާ އާއި ސިޕްގެ ޕެއާ ކާމިޔާބު ކުރީ 11-4 އިންނެވެ. ދެވަނަ ސެޓުން 11-7 އިން މޮޅުވި އެވެ. އެކަމަކު ތިން ވަނަ ސެޓްގައި ބަލިވީ 11-9 އިންނެވެ. ފަހު ސެޓް ކާމިޔާބުކޮށް ދީމާ އާއި ސިޕްގެ ޕެއާ މެޗު ކާމިޔަބުކުރި އެވެ. އެ ޕެއާ ފަހު ސެޓް ހޯދީ 11-3 އިންނެވެ.

ދީމާ އާއި އޭނާގެ މިކްސް ޑަބަލްސް ޕާޓްނަރު ސިޕް ހޯދި މޮޅާ އެކު ދިމާވެފައި ވަނީ ޓީޓީގެ ވޯލްޑް ޗެމްޕިއަންޝިޕް މެޗެއް ކާމިޔާބުކުރި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިންޔާ އަށެވެ. ރާއްޖޭގެ ގައުމީ ޓީޓީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ ދީމާ އާއި ސިޕް މެޗުން މޮޅުވެ ގަދަ 16 ގެ ބުރަށް ދަތުރު ކުރި އެވެ. އެކަމަކު ގަދަ 16 ގެ ބުރުގައި ރުމޭނިއާގެ ރިޗްޓާ ޔޫލިއާން އާއި ބިއަންކާ މެއި ރޯސޫއާ ދެކޮޅަށް ދީމާ އާއި ސިޕް ކުޅުނު މެޗުން ބަލިވީ ސީދާ ތިން ސެޓުންނެވެ.

ސިންގަލްސް އިވެންޓްގައި ދީމާ ވަނީ ސްލޮވޭކިއާގެ ވިލްޓްސްކޯވް ޑޮމިނިކާއާ ދެކޮޅަށް ކުޅެ 4-1 ސެޓުން ބަލިވެފަ އެވެ. ވިލްޓްސްކޯވް މެޗު ކާމިޔާބުކުރީ 11-3، 11-8، 11-3، 6-11 އަދި 11-9 އިންނެވެ.

0 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 60%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454