ފަތޯ އައިޖީއެމްއެޗްގައި: އަތުގެ އޮޕަރޭޝަން ނުކުރެވި ގިނަ ދުވަސްވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި --
07 ޑިސެމްބަރ 2021 - 22:35
އާއިލީ ހަމަނުޖެހުމެއްގެ ތެރޭ، ލަވަކިޔުންތެރިޔާ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ)ގެ އަތް ބިންދާލުމުން ފަރުވާ ހޯދަން އައިޖީއެމްއެޗަށް ދިޔަ ނަމަވެސް އަތުގެ އޮޕަރޭޝަން ލަސްވެ އަތަށް އިތުރު ގެއްލުންވާ ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފަތޯ "މިހާރު" އަށް ބުނީ، މި މަހުގެ ތިން ވަނަ ދުވަހު އޭނާގެ އަތް ބިންދާލީ ހިނގި ހަމަނުޖެހުމެއްގައި އޭނާގެ ބޭބެ ކަމަށެވެ. ގަސްތުގައި އަތުގައި ހިފައި އަތް ބިންދާލި މައްސަލަ ފުލުހަށް ހުށަހަޅާފައި ވިޔަސް އެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ނުބަލާ ކަމުގެ ހިތްހަމަނުޖެހުން ވެސް އޭނާގެ އެބަ އޮތެވެ. ފަތޯ ބުނި ގޮތުގައި ބޭބެގެ ފަރާތުން ގެވެށި އަނިޔާ ލިބެމުންދާތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.
އަތް ބިންދާލުމުން އެކަނިމާއެކަނި އެންމެ ފުރަތަމަ ދިޔައީ ވިލިމާލޭ ހޮސްޕިޓަލަށް ކަމަށާއި ފަހުން އައިޖީއެމްއެޗްއަށް ބަދަލު ކުރީ ކަމަށް އޭނާ ކިޔައިދިނެވެ.
"އެކަނިމާއެކަނި އަހަރެން ހޮސްޕިޓަލަށް އައީ ބިނދިފަ އޮތް އަތަކާ އެއްކޮށް،" ފަތޯ ކިޔައިދިނެވެ.
ފަތޯގެ އަތުގެ އެކްސްރޭއިން ފެންނަ ގޮތުގައި އޭނާގެ ވައަތުގެ ކޮނޑުހުޅާއި އުޅަނބޮއްޓާ ދެމެދުން ވަނީ ބިންދައިގެން ގޮސްފަ އެވެ. އެ އަތް އޮޕަރޭޝަންކޮށް ބޮލްޓު އަޅަން ޖެހިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުންޏެވެ.
ފަތޯ ބުނީ، އޭނާގެ ސާޖަރީ މިއަދަށް ޝެޑިއުލްކުރި ނަމަވެސް އިމަޖެންސީ އެހެން އޮޕަރޭޝަންތަކެއް ކުރަން ޖެހިގެން މިއަދު އޭނާގެ އޮޕަރޭޝަން ނުކުރެވުނީ ކަމަށެވެ. މިއަދު އޮޕަރޭޝަން ކުރަން، ޑޮކްޓަރުންގެ ލަފާ ދިން ގޮތަށް، ނުކައިނުބޮއެ ހުރި ނަމަވެސް، އޮޕަރޭޝަން ނުކުރެވުމުން އޭނާ ހުރީ ހިތްހަމަނުޖެހިފަ އެވެ.
އައިޖީއެމްއެޗްގައި އޮތޮޕެޑިކް ސާޖަރީތައް ކުރަނީ އަންގާރަ ދުވަހާއި ހޮނިހިރު ދުވަހު އެކަނި ކަމަށް ވާތީ މިހާރު ޖެހިފައި ވަނީ އެއިން ދުވަހަކަށް އިންތިޒާރުކުރަން ކަމަށް އޭނާ ބުންޏެވެ.
"ހޮސްޕިޓަލުން ބުނަނީ އޮތޯއަށް އެލޮކޭޓް ކޮށްފައި އިންނަނީ ވީކްލީ ދެ ދުވަހޯ. އެގޮތަށް ޑިޕާޓްމެންޓުތަކަށް ހުންނަނީ އެލޮކޭޓުކޮށްފައޯ ފެސިލިޓީތައް،" ފަތޯ ކިޔައިދިނެވެ.
ލަވަކިޔުންތެރިޔާ ފަތޯގެ އަތުގެ އެކްސްރޭ: ވައަތުގެ އުޅަނބޮއްޓާއި ކޮނޑުހުޅާ ދެމެދުން ވަނީ ބިނދިފައި.
ލަވަ ކިޔުމުގެ އިތުރުން ގިޓާ ވެސް ކުޅޭ ފަތޯ ބުނީ އަތުގެ ކަށިގަނޑު އެއްކޮށް ވަކިވެފައި ވާތީ، ނާރުގެ މައްސަލަތައް ދިމާވެ އަތުގެ ހަރަކާތް ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ. މިހާރު ވެސް އަތް ދުޅަވެ، އެ އަތުގެ އިނގިލިތަކުން ހަރަކާތް ކުރަން ދަތި ކަމަށް އޭނާ ބުންޏެވެ.
"މިތަނުގައި އެ މީހުން އަހަރެން ބަހައްޓާ ކޮންމެ ދުވަހަކީ އަހަންނަށް ލިބޭ ވޭނާއި ގެއްލުން އިތުރުވާ ދުވަހެއް. އެ މީހުން އަހަރެންގެ ސާޖަރީ ލަސް ކުރަމުން ގޮސް އިނގިލިތަކުގެ ހަރަކާތް ހުއްޓިއްޖެއްޔާ ދެން ހަދާނީ ކިހިނެއް؟ ކާކު އެކަމަށް ޒިންމާވާނީ،" ފަތޯ މިއަދު ކުރި ފޭސްބުކް ޕޯސްޓުގައި ބުންޏެވެ.
މި އަނިޔާ އަކީ އޭނާގެ މަސައްކަތަށް އެޅިފައިވާ ހުރަހެކެވެ. ފަތޯ ބުނި ގޮތުގައި އޭނާ ބޭނުންވަނީ އަވަހަށް ރަނގަޅުވެގެން އަނބުރާ މިއުޒިކް ކުޅުމަށެވެ. ރިޒޯޓުތަކުގައި މިއުޒިކް ކުޅުމަކީ އޭނާ އާމްދަނީ ހޯދަން ކުރާ މަސައްކަތެކެވެ.
މިހާރު ފަތޯ ހޮސްޕިޓަލުގައި ބާއްފައި އޮތީ ކަށިގަނޑުތައް އެއްވަރުކޮށް ކާސްޓެއް ލައްވައިފަ އެވެ.
ފަތޯ އަކީ ގިނަ އަދަދެއްގެ އަމިއްލަ ރާގުތައް ވެސް ހަދައި މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާކިޜާ
08 December 2021
ކޮބާތޯ ؟ އަވަސްވަރުވާ ؟ މަތީމަގާމެއްގެ ވެރި އެއްނަމަ ވަގުތުން ނިންމާނެ ލޮލް
ޖަބީން
08 December 2021
ކޮބާތޯ މީނަގެ އިންސާފް
ކޮބާއެބޭބެ
08 December 2021
ހާދަ ނުލަފާ ބޭބެއެކޭ އެއީ. ކޮބާބާ އޭނައާ މެދު އެޅި ފިޔަވަޅަކީ؟ އިހުގައި މީހުން ރުޅި އައިމަ ވަރަށްގިނައިން ބުނާނެ މިވެނިއެވެނި ކަމެއްކޮށްފިއްޔާ އަތް ބިންދާލާނަމޭ ނޫނީ ފައިބިންދާލާނަމޭ. އެޒަމާނުގެ މީހެއްތަ އެ ބޭބެއަކީ؟ މައިންބަފައިން ކިޔާ އެއްޗެހި ކުދިންނަށް ދަސްވާނެ. އެކަމު ދުނިޔެއަށް ލޯ ހުޅުވެމުންދާ ވަރަކަށް އެނގެންވާނެ އެފަދަ އަނިޔާ ދިނުމަކީ ކަން އޮންނަންވީ ގޮތެއްނޫންކަން. ހުރިހާ ކަމެއް ގަދަބާރު ދައްކައިގެން ހައްލުނުވާނެކަން.
ފޮނިޓައްޕު ހަސަނު
08 December 2021
ތި އައިޖީއެމް އެޗްގެ މެނޭޖްމަންޓައް ހަމަ ސާބަސް. ހަފްތާއަކު އެއްމެ ދެދުވަހު ކަށީގެ ފަރުވާ ތިހޮސްޕިޓަލުން ދިނުމަކީ މުޅި ދިވެހި ދައުލަތް ވެސް ލަދުގަންނަން ޖެހޭ ފަދަ ކަމެއް. ނާގާބިލު މީހުން ހޮސްޕިޓަލް ހިންގަން ހަވާލު ކުރުމުގެ އަސްލު މިފެންނަނީ.
ޙައްގު
08 December 2021
ޢެއީ ރައްޔިތުންނަށް ހައްގު މިންވަރު ?♂️
އޯ ބޯއި
08 December 2021
މީހަކު ކޮއްލާ ޕޯސްޓަކަށް މެޑިކަލީ އެކަން އިންނަގޮތް ރަގަޅަށްނޭގި ޚިޔާލު ފާޅުކުރުމަކީ ރަގަޅުގޮތެއްނޫން. އިމާޖެންސީ ހާލަތުގައި އޮޕަރޭޝަން ލަސްލުރުމަކީ އާންމުކޮަށް ކުރާކަމެއް، އެހެންނޫނަސް ކާސްޓް އަޅާފައިހުރީމަ އޭނަގެ އަތުގެ ހާލަތު ސްޓޭބަލްވާނެ.
ލިއުމުގެއޮތީ
08 December 2021
ގަސްދުގައި ލަސްކުރުން އެއީ ކަން އޮތްގޮތްނަމަ އެދުވަހު އޮޕަރޭޝަން ކުރާކަށް ކުރިން ހަމައެއްނުޖައްސާނެތާ. ވަކި ދުވަހަކު އޮޕަރޭޝަން ކުރަން އުޅެފަ ކަމާ ނުގުޅޭ މުޅިން އެހެން މައްސަލަތަކަކާ ހެދި ލަސްވުމުން އެއީ މެޑިކަލީ އެކަން އޮންނަ ގޮތަށްވެގެން ވީކަމެއް ނޫނެއްނު.
ތަކޫ
08 December 2021
ދެން ބަޔާނެއް ނެރޭނެ ބަލި މީހާ އައިހާ އަވަހަކަށް ފަރުވާ ފެށިގެން ކުރިއައް ދާވަހަކަ. މިދިވެހި ރާއްޖޭގެ ހޮސްޕިޓަލް ތަކުން ފަރުވާ މާނަ ކުރަނީ ހޮސްޕިތަލުގެ ގޮނޑި އެއް ނޫނީ އެނދެއްގަ ބަލި މީހާ ބޭއްވުންވެސް. އެހެޔޮ އިތުރު ކަމެއް ނުކުރިޔަސް
ސުޙާ
08 December 2021
އަނިޔާ ލިބުނީ އަންހެނަކަށްނަމަ ހުރީސް ފޯރި އަރުވާލާފަ.
އެކެޑެމީ އަޝްރަފް
08 December 2021
ދޮންކަލޯ "އަތާ އޮޅަބޮއްޓާ ކޮޑުހުޅާ" ދޭތެރެއޭ ނުކިޔަވެސް "މުލައްދަނޑި" އޭ ބުނިނަމަ އެނިމުނީނު...
މުލައްދަނޑި
08 December 2021
މުލައްދަނޑިއޭ ބުނީމަ ހީކޮށްފާނެ މުޑިކާއްޓޭވެސް. އެހެންވީމަ ރަނގަޅަށް ކިޔައިދޭންޖެހޭ.
އެކެޑިމިއާ
08 December 2021
މުލައްދަނޑިއަކީ ކޮން ތަނެއްކަން އެންމެންނަށް ނޭނގިދާނެ.
2021
08 December 2021
"ފަތޯގެ އަތުގެ އެކްސްރޭއިން ފެންނަ ގޮތުގައި އޭނާގެ ވައަތުގެ ކޮނޑުހުޅާއި އުޅަނބޮއްޓާ ދެމެދުން ވަނީ ބިންދައިގެން ގޮސްފަ އެވެ." މިއީ ކޮންތަނެއްތޯ؟
ޖެންޑަރ
08 December 2021
ފިރިހެނުންނަށް ގެވެށިއަނިއާއެއް ނުލިބޭނެ...އަންހެނުންނަށް އެކަނި ލިބޭއެއްޗެއްއެއީ. އަންހެނަކު ފިރިހެނެއް ގައިގަ ނުވެސް ޖަހާނެ.
ޞަވޭ
08 December 2021
ދިވެހި ރާއްޖޭގައި އާބާދީ އިތުރުވެ ސިއްހީ ބޮޑެތި މައްސަލަތައް އިތުރުވަމުންދާއިރު ސިއްޙީ ހިދުމަތް ފުޅާ ނުވޭ ، ޑޮކްޓަރަކަށް ދައްކަން އެޕޮއިންޓްމަންޓް ހޯދަން އެންމެ އަވަސް ވިޔަސް 1 މަސް އެހާ ހާލުން އެޕޮއިންޓްމަންޓް ލިބިގެން އޮޕަރޭޝަން ކުރަން އެޕޮއިންޓްމަންޓް ދެނީ އަނެއް މަހަށް. ދެން ގޮތެއް ނެތް ބަލި މީހެއް ވެއްޖެއްޔާ ހަމަ ހުންނަން ޖެހޭނީ. . ނުފޫޒެއް ފޯރުވެން އޮތް މީހެއް ވިއްޔާ ހޮސްޕިޓަލްތަކުގެ ވެރިންނަށް ގުޅާލައިގެން ގޮތެއް ހޯދާ.