އެމްޓީސީސީގެ ބަހަކަށް ބަޔަކު އަރަނީ-- ފައިލް ފޮޓޯ: މިހާރު
08 ޑިސެމްބަރ 2021 - 13:25
މާލެއާ އެއްގޮތަށް ރަށްތަކުގައި ވެސް 65 އަހަރުން މަތީގެ މީހުންނަށާއި ސްކޫލް ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބަހުގެ ހިދުމަތް ހިލޭ ދޭ ގޮތަށް އެމްޓީސީސީން ހަމަޖައްސައިފި އެވެ.
މިހާރު ވެސް މާލެ ސަރަހައްދުގައި ދުއްވާ ބަސްތަކުން، 65 އަހަރުން މަތީގެ މީހުންނަށާއި ސްކޫލް ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ދަތުރު ކުރެވޭނެ އެވެ. ރަށްތަކުގައި މި ހިދުމަތް ހިލޭ ދޭން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މިވަގުތު އެމްޓީސީސީން ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލޭގެ އިތުރުން އައްޑޫގަ އެވެ. ލ. އަތޮޅާއި ފުވައްމުލަކުގައި ބަހުގެ ހިދުމަތް ފަށަން އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. މި ހިދުމަތް ފެށުމަށް ބޭނުންވާ ބަސް ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ލ. އަތޮޅުގައި ބަހުގެ ހިދުމަތް ދޭނީ ގަމާއި ފޮނަދުއާއި އިސްދޫ އަދި ކަލައިދޫގަ އެވެ.
އެމްޓީސީސީން މިހާރު ވެސް އަންނަނީ އެ ކުންފުނިން ފެރިޣެ ހިދުމަތް ދޭ ރަށްރަށުގައި ވެސް އުމުރުން ދުވަސްވީ މީހުންނަށާއި ދަރިވަރުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ހިދުމަތް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފީފުކަހަލަމީހުންނަށް
08 December 2021
އެއްކަމެއްވެސް ރަށްރަށުގަ ކުރާ ކަމަކަށްނުވާނެ އެކަމު. މިފަދަ ކަމެއް ކޮށްލިއަސް އެކަން ކުޑައިމީސްކޮށްލުން އޮންނާނީ. ދުނިޔޭގެ ކޮން ގައުމެއްގަބާ ސިޓީތަކާ އެއްވަރަށް ރަށްފުށު ހިސާބުގައި ހުރިހާ ފުރިހަމަކަމެއް އޮންނަނީ؟ ރާއްޖެ މިއީ އަދި އެންމެ ބޮޑަށް ތަރައްގީވެފަ އޮތް ގައުމެއްވެސް ނޫން .