15 ޑިސެމްބަރ 2021 - 10:40
ރިޔާޒް، ސައުދީ އަރަބިޔާ (ޑިސެމްބަރު 15) - އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާގެ ހަނދާނުގައި، މަރަޑޯނާ ކަޕް ނަމުގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗުން، ބޮކާ ޖޫނިއާސް އަތުން ބާސެލޯނާ ބަލިވެއްޖެ އެވެ.
މަރަޑޯނާ ވަނީ އޭނާގެ ކުލަބް ކެރިއަރުގައި ބޮކާ ޖޫނިއާސް އަދި ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ. އޭނާ މަރުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އޭރު އުމުރަކީ 60 އަހަރެވެ.
މަރަޑޯނާގެ ހަނދާނުގައި ކުޅުނު މި މެޗުގައި ކޯޗު ޒަވީ ހެނާންޑޭޒް ވަނީ މި ސީޒަނުގައި ޓީމަށް އެނބުރި އައި ބްރެޒިލްގެ 38 އަހަރުގެ ފުލްބެކް ޑެނީ އަލްވޭސް އަށް ފުރުސަތު ދީފަ އެވެ. މި ސީޒަނުގައި ބާސެލޯނާއާ ގުޅުނު ނަމަވެސް ރަޖިސްޓްރޭޝަން ފުރިހަމަނުވާތީ، ވާދަވެރި މެޗުތަކުގައި އަލްވޭސް އަށް ކުޅެވޭނީ އަންނަ ޖެނުއަރީ މަހު ޓްރާންސްފާ ބާޒާރު ހުޅުވުމުންނެވެ.
ހޮނިހިރު ދުވަހުގެ ރޭ ލީގުގައި އަމިއްލަ ދަނޑުގައި އެލްޗޭއާ ދެކޮޅަށް ބާސެލޯނާ ނުކުންނަން ޖެހޭތީވެ، ޒަވީ ވަނީ ރޭގެ މެޗުގައި ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.
ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ބޮކާ ޖޫނިއާސް ޕެނަލްޓީ ކާމިޔާބުކުރީ 4-2 އިންނެވެ. ބާސެލޯނާގެ ފެރަން ޖަގްލާ، 22، ދެވަނަ ހާފުގައި ލީޑު ނަގައިދީފައި ވަނިކޮށް ބޮކާ ޖޫނިއާސް އިން އެއްވަރު ކުރީ އެޒެކީލް ޒެބާލޯސް، 19، ޖެހި ލަނޑުންނެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ބޮކާ ޖޫނިއާސް އިން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. ބާސެލޯނާގެ ފުރަތަމަ ދެ ޕެނަލްޓީ އަލްވޭސް އާއި ޖަގްލާ ކާމިޔާބު ކުރިއިރު، ކުރިން ޔުވެންޓަސް އަށް ވެސް ކުޅުނު މެތިއަސް ޕެރޭރާ، 23، ޖެހި ޕެނަލްޓީ މަތަކުރީ ބޮކާ ޖޫނިއާސްގެ ކީޕަރު އޮގަސްޓިން ރޮސީ އެވެ. އަދި ގިޔެން ޖެމީ، 22، ޖެހި ޕެނަލްޓީ ދިޔައީ ގޯލު މަތިން ބޭރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
15 December 2021
ކޮޕީ ކުރުން ވެސް އެއީ ބައެއް މީހުންގެ ކަށީގަ ހިފާފަ ހުންނަ ހުތުރު އާދައެއް.އެފަދަ މީހުން އެއީ އެއްވެސް ކަހަލަ އުފެއްދުންތެރި ހިޔާލެއް ވެސް ނެތް ބައެއްކަން އެމީހުންގެ ކޮމެންޓު ބުނެދޭ.އެފަދަ ފަރާތްތަކަށް ހެޔޮ ވިސްނުން މިންވަރުކުރައްވާށި.އާމީން.ވ.ވެދުން
ރަދީފްއޮފިިޝިިއަލް
15 December 2021
ކޮބާ ފެނޭތަ؟ ފެނޭ ދޯ؟