ދިގު މުއްދަތަކަށް އެމްއޭސީއެލް އަށް ހިދުމަތް ކޮށްފައިވާ މުވައްޒަފަކާ، އެ ކުންފުނީގެ ޗީފް ހިއުމަން ރިސޯސަސް އޮފިސަރު ރެބެކާ (ކ) މިރޭ ހަނދާނީ ލިއުމާއި ހަދިޔާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ޑިސެމްބަރ 2016 - 22:53
ގިނަ ދުވަހު މަސައްކަތް ކުރާ މުވައްޒަފުންގެ ދަރިންގެ މަތީ ތައުލީމަށް ހަރަދު ކުރެވޭނެ ސްކީމެއް ތައާރަފް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނެފި އެވެ.
ދިގު މުއްދަތަކަށް އެމްއޭސީއެލް އަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި މި އަހަރު ރިޓަޔާކުރި މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މިރޭ ބޭއްވި ހަފްލާއެއްގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި ވަޒީފާ އަދާކުރަނީ އާއިލާ ބަލަހައްޓައި، ހާއްސަކޮށް ދަރިންނަށް ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދިނުމަށެވެ. އެހެންވެ، އެމްއޭސީއެލްގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ ދަރިންނަަށް މަތީ ތައުލީމް ހާސިލް ކުރެވޭނެ ސްކީމެއް އެކުލަވާލަމުން އަންނަކަން އޭނާ އިއުލާނު ކުރެއްވި އެވެ.
ދިގު މުއްދަތަކަށް އެމްއޭސީއެލް އަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި މި އަހަރު ރިޓަޔާކުރި މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މިރޭ ބޭއްވި ހަފްލާގައި ބައެއް މުވައްޒަފުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާދިލް ފާހަގަކުރެއްވި ގޮތުގައި އަންނަ އަހަރު ތައާރަފް ކުރަން މަސައްކަތް ކުރަމުން އަންނަ މި ސްކީމުގެ ދަށުން ރާއްޖޭގެ ޔުނިވަސިޓީތަކާއި ކޮލެޖުތަކުން ހިންގާ ކޯސްތައް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. ކިޔެވުމުގެ ހަރަދު ކުންފުނިން ދޭ އިރު، އެކަން ހަމަޖައްސަނީ ދިގު މުއްދަތަކަށް ބަހާލައިގެން މުވައްޒަފުންގެ މުސާރަ އިން ކެނޑޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވިޔަފާރީގެ ކަމަކަށް ވުރެން ބޮޑަށް އަޅުގަނޑުމެން ކުންފުނީގެ މުވައްޒަފުންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި،" ދަރުބާރުގޭގައި ބޭއްވި ހަފްލާގައި އާދިލް ވިދާޅުވި އެވެ.
ދިގު މުއްދަތަކަށް އެމްއޭސީއެލް އަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި މި އަހަރު ރިޓަޔާކުރި މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މިރޭ ބޭއްވި ހަފްލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެކަމަކު، މި ސްކީމް ފެށޭނީ، އޭނާ ވިދާޅުވި ގޮތުގައި، އެމްއޭސީއެލްގެ ބޯޑުން ހުއްދަ ލިބިގެންނެވެ. އެހެންވެ، އޭނާ ވިދާޅުވީ ބޯޑުން އެކަން ހަމަޖައްސައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަބަދު ވެސް މި ބަލަނީ މުވައްޒަފުންނަށް ކުރިއެރުމާއި ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަކީ އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު،" އާދިލް ވިދާޅުވި އެވެ.
މިރޭގެ ހަފްލާގައި އެމްއޭސީއެލް އަށް 20 އަހަރު، 25 އަހަރު އަދި 30 އަހަރާއި 35 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކޮށްފައިވާ ފަރާތްތަކަށް ހަނދާނީ ލިއުމާއި ހަދިޔާއެއް ދިނެވެ. އެ ގޮތުން، 20 އަހަރު ވަޒީފާގައި އުޅެފައިވާ 58 މުވައްޒަފަކަށް، 25 އަހަރު ހިދުމަތް ކޮށްފައިވާ 27 މީހަކަށް އަދި 30 އަހަރާއި 35 އަހަރު ކުންފުނީގެ ވަޒީފާގައި ހޭދަކޮށްފައިވާ 11 ފަރާތެއްގެ އަގު ވަޒަންކުރި އެވެ.
ދިގު މުއްދަތަކަށް އެމްއޭސީއެލް އަށް ހިދުމަތް ކޮށްފައިވާ މުވައްޒަފަކާ ހަނދާނީ ލިއުމާއި ހަދިޔާ މިރޭ ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މީގެ އިތުރުން، މި އަހަރުގެ ތެރޭގައި އެމްއޭސީއެލް އިން ރިޓަޔަކޮށްފައިވާ އަށް ފަރާތަކަށް ވެސް ހަނދާނީ ފިލައަކާއި ހަދިޔާއެއް ދިނެވެ.
އެމްއޭސީއެލް އިން މި އަހަރު ރިޓަޔާކުރި މުވައްޒަފަކަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މިރޭ ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާދިލް ވިދާޅުވި ގޮތުގައި ވީހާ ވެސް ގިނަ ދުވަހަކު މުވައްޒަފުން ކުންފުނީގައި ގެންގުޅެން ބޭނުންވިޔަސް، ގާނޫނުތަކާއި ގަވާއިދުތައް ހުންނަ ގޮތުން އެކަން ކުރެވޭކަށް ނޯވެ އެވެ. އެކަމަކު، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމަށް ފަހު މުވައްޒަފަކު ވަކިވުމުން ނުވަތަ ރިޓަޔާ ކުރުމުން، އެ ގެއްލެނީ، އޭނާ ސިފަކުރެއްވި ގޮތުގައި، ތިން މީހުންނެވެ.
"އެ ބޭފުޅުން ރީޕްލޭސް ކުރަން ވެސް ހަމަ އެހާ އުނދަގޫ،" އާދިލް ވިދާޅުވި އެވެ.
އެމްއޭސީއެލް އަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޮޑު ހަފްލާއެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ހަފްލާ ބާއްވާފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ހުންނަ އެމްއޭސީއެލްގެ އޮފީހުގައި ވަރަށް ކުޑަ ގޮތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފު
14 December 2016
އަޖައިބެއްކަހަލަ ކަމެއްމީ؟ ދައުލަތުގެ ކުންފުނިތަކުގެ ބޮޑުންނަށް ހީވާކަހަލަ މިއީ ތިބާމެންގެ އަމިއްލަ ފައިސާއޭ. އެއްބަޔަކު ދަރިންނަށް ކިޔަވައިދޭ ސްކީމްތައް ތަޢާރަފްކުރާއިރު އަނެއްބަޔަކު މުވައްޒަފުންނަށް ގެދޮރު ދޭ ސްކީމްތައް. ތިޔައީއޭ މައްސަލައަކީ. މިހާރުވެސް އެކަމަކު ޑިވޮލޮޕްމެންޓް ޗާޖޭ ކިޔާފަ ރައްޔިތުން އަތުން 12 ޑޮލަރ ނަގަން ތިޔައުޅެނީ. ހުރިހާ ދިވެހިންގެ ދަރިންނަށް މަތީ ތަޢުލީމަށް ލޯނު ދޭނެ ނިޒާމް ވަނީ ހަމަޖައްސާފަ. އެކަން ކުރާ އޮފީހުން އެކަން އެބަކުރޭ. ދެން އަނެއްކާ ތިޔައީ ކޮންކަމެއް. ތިޔަތާ މުވައްޒަފުންގެ ދަރިންނަށްވެސް އެ ސްކީމުން ކިޔެވޭނެ. ހަމަ ހައުސިންގެ ކަންކަން ބަލަހައްޓާ މިނިސްޓްރީއެއް ހުއްޓާ ކުންފުނިތަކާއި އޮފީސްތަކުން އެތަންތާގެ މުވައްޒަފުންނަށް ހައުސިންގ ސްކީމް. މިއީ ޤަބޫލުކުރެވޭނެކަންކަމެއްނޫން. ތިޔަފަދަ ކަންކަމުގެ ސަބަބުން ހަމަހަމަކަން ގެއްލި ކޮރޮޕްޝަނަށް މަގުފަހިވޭ.
ރަނގަޅު
14 December 2016
އެމްއޭސީއެލްގެ މުވައްޒަފުންގެ ދަރިން ކިޔެވުމުގެ ފުރުސަތު ހޯދާ ދޭންވީ ސީދާ ސިންގަޕޯރގެ ނޭޝަނަލް ޔުނިވަރސިޓީން ނެވެ. އެއިރުން ހުރިހާ ކަމެއް ދާނީ ރަނގަޅު މަގުން ރަނގަޅު ފާލުންނެވެ.
ދދ
14 December 2016
ބައިތުލް މާލުން ހަރަދު ކުރުމުގައި ގެންގުޅޭ ވަކި ހަމަތަކެއް އޮވޭ، ކޮންމެ ބަޔަކު ވަކި ސަރުކާރެއް ހިންގަން އުޅެނީ ދައުލަތުގެ ބައިތުލް މާލު ތިޔައީވެސް ތިތަނުންވެސް ހަރަދު ކުރުމުގައި މާލިއްޔަތު ޤާނޫނު ބަލަންޖެހޭ!
މުހައްމަދު
14 December 2016
މަރުހަބާއެވެ! މުވައްޒަފުންނަށް ތަހުނިޔާއެވެ! ޤައުމީ ޚިދުމަތުގައި ދެމިތިބުމުގެ އުފާ މުވައްޒަފުންނަށް ލިބެންޖެހޭނެއެވެ. ތެދެކެވެ. ޤައުމަށް ލިބޭ ފައިސާއަކީ ހުރިހާ ރައްޔިތުންގެ ފައިސާއެވެ. އެކަމަކާ ދެބަސްވާކަށް ނެތީމެވެ. އެކަމަކު މުޅި އުމުރު ރައްޔިތުންނަށް ދުއްޕާކުރަމުން އަތުޖެހުނުހައި އެއްޗެއް ބޮމުން ވައްކަންކުރަމުން އުޅޭ މީހުންނެކޭ މުޅި އުމުރު ޤައުމީ ޚިދުމަތުގައި ތިބޭ މީހުންނެކޭ އެއްގޮތްކޮށް، އެއްގޮތަކަށް އޮތުމަކީ ހަމަހަމަ ކަމެއް ނޫނެވެ. މަސައްކަތްކުރާ ތެދުވެރި ވަފާތެރި ޤައުމީ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރާ މުވައްޒަފުން މުޅި ޤައުމުގެ ރައްޔިތުންނަށްޓަކައި ތެދުވެރިކަމާއެކު ކުރި މަސައްކަތުގެ ފޮނިމީރުކަން ލިބެންޖެހެއެވެ. ލިބެންވާނެއެވެ. އަދި މިއަށް އިތުރުކުރަންޖެހޭ ބައެއް އެބައޮތެވެ. މިފަދަ މުވައްޒަފުން މުސްކުޅިވާ ދުވަހު ގެދޮރުވެރި ކުރެވޭނެ ނިޒާމެއްވެސް ގާއިމުކުރަންވީއެވެ. ރާއްޖޭގެ ޒުވާނުން ހެޔޮމަގު ރަނގަޅުމަގު، ރަނގަޅުގޮތް ޚިޔާރުކޮށް އެގޮތުގައި އުޅޭނީ މިފަދަ ކަންކަން ޒުވާނުންނަށް ފެންނަން ފެށީމައެވެ. ޒުވާނުން ތަރުބިއްޔަތުކުރަން ހަމައެކަނި ކުޅިވަރުކުޅޭނެ ތަންތަން ހެދުމަކުން ނުފުދޭނެއެވެ.
ދަންމާނު
14 December 2016
މިސްރާބުމެންނަށް ނޭނގެނީތާ؟ ކުންފުނީގެ ގަވާއިދުތަކުގެ ތެރެއިން ކުރެވެން ހުންނަ ކަންކަން ކުރެވޭނެ. ކުންފުންޏަކީ، ސަރުކާރު ކުންފުންޏެއްކަމަށްވިޔަސް ވިޔަފާރި އުސޫލުން ހިންގާ ތަންތަނުގަ ހުންނަ ގަވާއިދުތަކާ އުސޫލުތައް ދަސްކޮށްބަލަ؟ ތއުޅެނީ ރޯނުއެދުރަކަށްވެގެންދޯ؟
މިސްރާބު
14 December 2016
ކުންފުންޏަށް ވަންނަ ފައިސާއަކީ ދައުލަތުގެ ފައިސާ. އެފައިސާ ޚަރަދު ކުރަންޖެހެނީ މާލިއްޔަތު ޤާނޫނުގައިވާ ގޮތަށް. ވަޒީފާގެ އެއްބަސްވުމުގެ ބޭރުން ކަންކަން ކޮށްދެވޭނެ ކަމަށް މާލިއްޔަތު ޤާނޫނުގައި ވޭބާ؟
ބަކުރު އެންޑް ޒުބޭރް
14 December 2016
މިސަރުކާރު އައިފަހުން ހަފުލާއެއް ނުބޭއްވޭ ދުވަހެއްނުދޭ. މީ ހަފްލާޔާ ސޮއިކުރުމުގެ ވެރިކަން.
މިސްރާބު
14 December 2016
ދައުލަތުގެ ކުންފުނި ތަކަށް ލިބޭ ފައިސާ އަކީ ހުރިހާ ރައްޔިތުންގެ ފައިސާއެއް. ވަކި ކުންފުންޔެއްގައި ގިނަދުވަހު ޚިދުމަތް ކުރުމުން ބޮޑެތިކަންކަން ޙާސިލްވެފައި ޢަނެއްބައި ކުންފުންޏަށް ކުރާ ޚިދުމަތަކީ އަގެއްނެތް އެއްޗަކަށް ވުމަކީ ތާކުންތާކު ޖެޙޭ ކަމެއް ނޫނެވެ.