އެފްއޭއެމްގެ ރައީސް ބައްސާމް އާއި ޖެނަރަލް ސެކްރެޓަރީ ޖަވާޒު
30 ޑިސެމްބަރ 2021 - 13:11
އެފްއޭއެމްގެ މުވައްޒަފުންނަށް ދެ މަހުގެ މުސާރަ އެއްފަހަރާ ރޭ ދީފި އެވެ.
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ، އެމައްސަލަ ފާހަގަކޮށް "މިހާރު" އިން ރޭ ރިޕޯޓް ކުރުމާ ގުޅިގެން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު، ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، "މިހާރު" އިން ފަތުރަނީ ދޮގު ވާހަކައެއް ކަމަށް ބުނެފަ އެވެ. އެކަމަކު މުވައްޒަފުންނަށް މުސާރަ ދީފައި ވަނީ "މިހާރު"ން ރިޕޯޓް ކުރި ފަހުން ކަމަށް ބައެއް މުވައްޒަފުން ބުނެފައިވެ އެވެ.
މުސާރަ ނުދީ އޮތް މައްސަލައިގައި "މިހާރު"ން ޖަވާޒު އަށް އިއްޔެ ގުޅުމުން، އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާކަން އޭނާ ވިދާޅުވި އެވެ.
"ނޮވެމްބަރުގެ މުސާރަ ލަސްވެފައި ވަނީ ޕޭމަންޓް ޓްރާންސްފާވުން ލަސްވުމުން. އަދި އެކަން ދިމާވެގެން އުޅޭކަން ވަނީ މުވައްޒަފުންނާ ވެސް ހިއްސާކޮށްފައި،" ސޯޝަލް މީޑީއާގައި ޖަވާޒު ލިޔުއްވާފައިވެ އެވެ. "ނޮވެމްބަރު އަދި ޑިސެމްބަރުގެ މުސާރަ ވާނީ ޖަމާކޮށްފައި. ހަގީގަތް އޮޅުވާލައިގެން ވާހަކަ ދައްކަނީ ނަފުރަތު އުފެއްދުމުގެ ގޮތުން."
އެފްއޭއެމްގައި މަސައްކަތް ކުރަމުން ދިޔަ ހަ މުވައްޒަފަކު ދާދި ފަހުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އެފްއޭއެމުން ބުނެފައި ވަނީ، އެ މުވައްޒަފުން ވަކިކުރީ އޮނިގަނޑަށް ގެނައި ބަދަލަކުން ކަމަށެވެ. އަދި އޭގެތެރެއިން ބައެއް މަގާމުތަކަށް ގާބިލު މުވައްޒަފުން ހޯދަން އިއުލާން ކުރާނެ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.
މުވައްޒަފުން ވަކިކުރި މައްސަލައާ ގުޅިގެން، އެފްއޭމްގެ ކުރީގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެފްއޭއެމް ބަނގުރޫޓްވެފައިވާ ކަމަށެވެ.
"ދިވެހި ފުޓްބޯޅަ ހަލާކުވެ، ފުޓުބޯޅަ އެސޯސިއޭޝަން ބަނގުރޫޓުވެ، އެތަނުގެ އެތަކެއް މުވައްޒަފުންނަށް މުސާރަ ނުދީ ނޯޓިސް ދޭން ފަށައިފި. ކުޅިވަރުގެ ގާނޫނާއި އެހެނިހެން ގާނޫނުތަކާ ދިމާ އިދިކޮޅަށް އެސޯސިއޭޝަން ހިންގަމުންދާއިރު އެކަމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުންތޯ؟" އާޒިމް ކުރެއްވި ޓްވީޓްގައިވެ އެވެ.
އެކަމަކު އާޒިމްގެ އެ ތުހުމަތުތައް އެފްއޭއެމުން ދޮގުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެވޭލާ
30 December 2021
ނިއު އިން ކުޅުންތެރިންނަށް މުސާރަ ނުދީގެން ނިއު ސަަސްޕެންޑްކުރީ.. އެފް އޭ އެމް އިން މުވައްޒަފުންނަށް މުސާރަ ނުދިނީމަ ފީފާއިން އެފް އޭ އެމް ސަސްޕެންޑްކުރާކަށް ނުވޭބާ.. ބައްސާމު އަމިއްލައށް ސަސްޕެންޑްވެ އިސްތިއުފާ ދޭންވީނު ދިވެހި ފުޓްބޯޅަ ހަލާކުނުކޮށް
ހެހެ
30 December 2021
މިހާރުން އެފް އޭ ކުދިންގެ މުސާރަ ހޯދައި ދިނީތީ ޝުކުރުވެރިވަން.. މުސްތަގުބަލައްޓަކައި މިހާރު ކުޅޭ ކުޅުންތެރިންވެސް ވެއްޖެ ވިސްނަން. އެހެންނޫނީ ކުރިއަށް އޮތްތަނުގައި ފުޓުބޯޅަ އެއްގޮތަކަށް ވެސް ނުފެނިދާނެ.
ރަދީފު ބިން ރަފައިދާ
30 December 2021
"މިހާރު" ބޯއިކޮޓްނުކުރާވަރެއްނޫނޭ. ބައްސާމުގެ އަބުރަށްވިއްޔަ އެއޮށް ގުޑުންއަރުވާލަނީ. ޝުކުރިއްޔާ މިހާރު އޮންލައިން.
2021
30 December 2021
جزاكم الله خيرا، މިހާރު ނޫސް
އަބަސް
30 December 2021
މިހާރު ނޫހުން ތިޔަކުރައްވާ މަސައްކަތައް ސުކުރު. ގައިމު މިފަހަރު އެތައްބަޔެއްގެ މުސާރަ ތިލިބުނީ މިކަމުގެ ސަބަބުން..
ނާއިމާ
30 December 2021
މިކަމުގެ ޒިންމާ ބަންސާމު އެކަންޏެށްނޫން. 2ނާއިބް ރައީސުން އަލީޢުމަރު އާއި މާޒިޔާ ކޮކީވެސް ނަގަންޖެހޭނެ. ކޮކީއަށް ނިމުނީ މާޒިޔާއަށް ލާރިލިބެނިކޮށް. އެހެން ކްލަބަކައްނުލިބުނަސް. ބަންސާމު ފަހާދުވެގެންވެސް އޭނާލާރި ހޯދާނެ. މުއައްޒަފުންނާއި ކުޅުންތެރިން މުސާރައައްޖެހިފައި
އަލީމާ
30 December 2021
މުސާރަނުދީހުރީ ޔަގީންކަމެށް. ބަންސާމު އުޅެނީ 17 މީހުން ގޮވައިގެން ތުރުކީގައި އައުއަހަރުފާނގަކުރަން. ކުޅުންތެރިންނާއި ކުލަބުތަށް ތިބީ މުސާރަނުދެވިފައި. އެމީހުންނައް އައު އަހަރު ފާނހަގަކުރުމުގެ ފުރުސަތެއްނެއް. އައުއަހަރު އެންމެންވީކެންޑައްދާއިރު ދިވެހިލީގުކުޅެނީ. ކޮބާތޯ ރޭވުންތެރިކަން.
ސަސސި
30 December 2021
ދެން އަނެއްކާ ބަޔާން ނެރޭ އިއްޔެ ހަވީރު ޖަމާ ކުރީމެ، ނޫހުން ފަތުރަނީ ދޮގު ހަބަރޭ ކިޔާފަ
ހިބިރިންބެއްޔާގެ ކުޑަސޮރު
30 December 2021
މިލަސްވުމަށް ކޮންމެވެސްމީހަކަށް އަދަބުދެވޭންޖެހޭނެ. އެއޮށް އަނގަގަދަ ސްޕޯޓްސް މިނިސްޓަރުވެސް ހަނު. އިހައްދުހު އުޅޭ އުއްޗުއާއެކު ނަމާލު ގޮވައިގެން.