ކުޅިވަރު

ބާސާ އާއި ރެއާލް ވެސް ކޮޕަ ޑެލް ރޭގެ ގަދަ 16 އަށް

ފެރާން ޖުގްލާ ބާސެލޯނާ މޮޅު ކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (ޖެނުއަރީ 6) - ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވެސް ރޭ ކުޅުނު ކޮޕާ ޑެލް ރޭގެ މެޗްތައް ކާމިޔާބުކޮށް، މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.

ބާސެލޯނާ އިން ރޭ ކުޅުނު މެޗު ކާމިޔާބުކުރީ ތިންވަނަ ޑިވިޝަނުގެ ލިނަރެސް އާ ވާދަކޮށް ފަހަތުން އަރައި 2-1 އިންނެވެ. މި މެޗުގައި ބާސެލޯނާގެ ވިންގް، އުމުރުން 38 އަހަރުގެ ޑެނީ އަލްވޭސް ވަނީ ކުޅެފަ އެވެ. މިދިޔަ ނޮވެމްބަރު މަހު އަލްވޭސް ބާސެލޯނާއާ ގުޅުނު ނަމަވެސް ޓީމުގައި އޭނާ ރަޖިސްޓްރީކޮށްފައި ވަނީ އިއްޔެ އެވެ.

ލިނަރެސް އިން ފުރަތަމަ އުފެއްދި ހަމަލާގައި ވަނީ ލީޑު ނަގައިފަ އެވެ. މެޗުގެ 19 ވަނަ މިނިޓުގައި އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ޖަހައި މި ލަނޑު ކާމިޔާބު ކޮށްދިނީ ހޫގޯ ޑިއާޒް ސަންޗޭޒް އެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ޑެނީ އަލްވޭސް.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ އިން އެއްވަރު ކުރީ 63 ވަނަ މިނިޓުގައި އޭރިއާ ބޭރުން އުސްމާން ޑެމްބެލޭ ފޮނުވާލި ބޯޅަ ސީދާ ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިގެންނެވެ. އޭގެ ފަހުން ލިނަރެސް އިން އިތުރު ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެ ގޯލުގައި ލިނަރެސްގެ ކުޅުންތެރިއެއް އޮފްސައިޑުގައި ހުރި ކަމަށް ނިންމައިފަ އެވެ.

ބާސާ އިން ނަތީޖާ އެއްވަރުކުރިތާ ހަ މިނިޓު ފަހުން އެ ޓީމަށް ލީޑު ނަގައިދިނީ ފެރާން ޖުގްލާ އެވެ.

އެޑާ މިލިޓާއޯ (ވ) ރެއާލްގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ރެއާލް މެޑްރިޑުން ވެސް ރޭ ވަނީ ތިންވަނަ ޑިވިޝަނުގެ ސީޑީ އަލްކޮޔާނޯއާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބުކޮށްފަ އެވެ. މެޗު ފަށައިގެން އަލްކޮޔާނޯ އިން ރެއާލްގެ ގޯލަށް ފުލުފުލުގައި ނުރައްކާ ކުރި ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރެއާލުންނެވެ. ރޮޑްރިގޯ ނަގައިދިން ކޯނަރަކުން 39 ވަނަ މިނިޓުގައި މި ލަނޑު ޖަހައިދިނީ ޑިފެންޑަރު އެޑާ މިލިޓާއޯ އެވެ.

އަލްކޮޔާނޯ އިން ނަތީޖާ އެއްވަރުކުރީ 66 ވަނަ މިނިޓުގައި ޑެނީ ވެގާ އެވެ. އޭނާ ވަނީ އަރިމަތިން ބޯޅައާ އެކު އޭރިއާ ތެރެއަށް ވަދެ، އެ ބޯޅަ އަށް ހުރަސް އަޅަން ހުރި ކަސެމީރޯ ކައިރިން ނައްޓާފައި ގޯލުގެ މަތީ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރެއާލަށް އަލުން ލީޑު ލިބުނީ 76 ވަނަ މިނިޓުގައި މާކޯ އަސެންސިއޯ ފޮނުވާލި ބޯޅައެއް އަލްކޮޔާނޯގެ ޑިފެންޑަރެއް ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޯލަށް ވަން ބޯޅައަކުންނެވެ. ރެއާލްގެ ތިންވަނަ ލަނޑަކީ އަލްކޮޔާނޯގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ޓީމުގެ ޑިފެންޑަރުންނަށް ރަނގަޅަށް ސާފުކޮށް ނުލެވުނު ބޯޅައެއްގެ ފައިދާ ނަގައި ރެއާލްގެ އިސްކޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އަލްކޮޔާނޯގެ ގޯލްކީޕަރު ހުއާން ހޯސޭ، 42، ފައިގައި ޖެހިފަ އެވެ.

ކޮޕާ ޑެލް ރޭގެ މި ބުރުގެ މެޗުތައް މިރޭ ނިމޭއިރު، ގަދަ 16 ގެ މެޗުތައް ވެސް ވަނީ މި މަހު ކުޅޭގޮތަށް ހަމަޖައްސައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454