09 ޖެނުއަރީ 2022 - 12:53
ސޫދާންގައި މިދިޔަ އޮކްޓޫބަރު މަހު ސިފައިން ގެނައި ބަގާވާތާ ގުޅިގެންނާއި، އޭގެ ފަހުން އުފެއްދި ވަގުތީ ސަރުކާރު އިސްތިއުފާ ދިނުމާ ގުޅިގެން، އެ ގައުމުގައި މިހާރު އޮތް ސިޔާސީ ނުތަނަވަސްކަން ކުޑަކޮށް ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި، އެ ގައުމުގެ އިސް ވެރިންނާ އެކުގައި މަޝްވަރާތަކެއް ފަށާނެ ކަމަށް އދ. އިން ބުނެފި އެވެ.
އދ. އިން ސޫދާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ވޯކާ ޕާތެސް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި އދ. އިން މަސައްކަތް ކުރަނީ ސޫދާނުގައި ޑިމޮކްރެސީ ގާއިމުކޮށް ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށެވެ. އެހެން ނަމަވެސް، ސޫދާންގެ ވެރިންނާ އެކުގައި މަޝްވަރާތައް ބާއްވަނީ ކޮން އިރަކުން ކަމެއް އެ ބަޔާނުގައި ނުބުނެ އެވެ.
"މިހާރު މިއީ ހަމަނުޖެހުންތަކާއި އަނިޔާވެރި އަމަލުތައް ދޫކޮށް ބިނާކުރަނިވި މަރުހަލާއެއް ފަށަންވީ ވަގުތު. މި ފަށާ މަސައްކަތުގައި ހުރިހާ ފަރާތްތައް ބައިވެރިވާނެ،" އދ.ގެ މަންދޫބުގެ ބަޔާނުގައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އދ. އިން ސޫދާނުގައި ބާއްވާ މަޝްވަރާތަކުގައި، އެ ގައުމުގެ ސިފައިންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، ހަނގުރާމަވެރި ޖަމާއަތްތަކުގެ މަންދޫބުންނާއި، މިހާރު ކުރަމުންދާ މުޒާހަރާތައް އިންތިޒާމުކުރާ އިސް މީހުންނާއި، މަދަނީ ޖަމިއްޔާތަކާއި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތައް ބައިވެރިކުރާނެ އެވެ.
އދ.ގެ އިސްނެގުމަށް ބާއްވާ މި މަޝްވަރާތަކަށް، ސައޫދީ އަރަބިއްޔާ އާއި އެމިރޭޓްސްގެ އިތުރުން އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ މަރުހަބާ ކިޔައިފަ އެވެ. އެ ހަތަރު ގައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިއީ ސޫދާނުގައި ސުލްހަ ގާއިމުކޮށް ޑިމޮކްރެސީއަށް އެނބުރި ދިއުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް މިފުރުސަތުގެ ބޭނުން ހިފުމަށް އެދޭ ކަމަށެވެ.
ސޫދާނުގައި ކުރިން ވެރިކަން ކުރެއްވި ރައީސް އުމަރުލް ބަޝީރުގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަން ފެށި މުޒާހަރާތަކާ ގުޅިގެން، ސިފައިން ގެނައި އިންގިލާބެއްގައި އުމަރުލް ބަޝީރުގެ ވެރިކަން ފުރޮޅައިލީ، 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ ގައުމުގައި ވެރިކަމުގެ އެންމެ މަތީ ބާރެއްގެ ގޮތުގައި ކަނޑައެޅީ ސިފައިންގެ އިސް ވެރިންނާއި ސިޔާސީ ޕާޓީތައް ގުޅިގެން އެކުލަވައިލި، ވެރިކަމުގެ ސިޔާދަތީ މަޖިލީހަކުންނެވެ.
އުމަރުލް ބަޝީރުގެ ވެރިކަމަށް ފަހު، މިދިޔަ އަހަރުގެ އޮކްޓޫބަރު 25އާ ހަމައަށް އެ ގައުމުގައި ވެރިކަން ކުރަމުން އައީ، އެ މަޖިލީހުން އައްޔަންކުރާ ބޮޑުވަޒީރަކު އެކުލަވައިލާފައި އޮންނަ ސަރުކާރަކުންނެވެ. ނަމަވެސް އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ސިފައިން ވަނީ، އިންގިލާބެއް ގެނެސް، ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު މަގާމުން ދުރުކޮށްފަ އެވެ.
ސިފައިންގެ އެ އިންގިލާބާ ގުޅިގެން އާންމު ރައްޔިތުން މަގުތަކަށް ނުކުމެ ކުރަން ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން، އަބްދުﷲ ހަމްދޫކާއި ސިފައިންގެ އިސް ވެރިންނާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން، ބޮޑުވަޒީރުގެ މަގާމަށް އަނެއްކާ ވެސް ހަމްދޫކު އައްޔަންކުރި އެވެ.
ނަމަވެސް، ގައުމުގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމުގައި ކުރިއެރުމެއް ނުލިބުނު ކަމަށް ވިދާޅުވެ، އަބްދުﷲ ހަމްދޫކު ވަނީ، މި މަހުގެ 2 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން، ވެރިކަމުގެ ހުރިހާ ކަމެއް ހިންގަމުން އަންނަނީ، ސިފައިންގެ އިސް ވެރިންނެވެ.
އޮކްޓޫބަރު 25ގައި ސިފައިން ގެނައި އިންގިލާބާ ދެކޮޅަށް އާންމުން ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފަ އެވެ.
މުޒާހަރާގެ ބައިވެރިން ބޭނުންވަނީ ސިފައިންގެ އެއްވެސް ބައިވެރިވުމެއް ނޯންނަ ގޮތަށް، މަދަނީ ސިޔާސީ ފަރާތްތައް ބައިވެރިވާ ޑިމޮކްރެޓިކް ސަރުކާރެއް އުފައްދާށެވެ. ނަމަވެސް އަސްކަރީ ވެރިން ބުނާ ގޮތުގައި، ވެރިކަން ހަވާލުކުރެވޭނީ ފުރިހަމަ ޑިމޮކްރެޓިކް އިންތިހާބަކަށް ފަހު އުފައްދާ ސަރުކާރަކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy