11 ޖެނުއަރީ 2022 - 02:26
މޯލްޑިވްސް ސްވިމިން އެންޑް ލައިފް ސޭވިން ސްކިލްސް ޓްރޭނިން ސްކޫލުން ދޭ މިދިޔަ އަހަރުގެ "ބެސްޓް އޯލް ރައުންޑް ރިސޯޓް އިން ލައިފް ގާޑިން ގޯލްޑަން އެވޯޑް" ޖޯލި މޯލްޑިވްސް ރިސޯޓަށް މިރޭ ލިބިއްޖެ އެވެ.
ރިސޯޓްތަކުގައި ލައިފް ގާޑުން ތަމްރީންކޮށްދޭ ސްކޫލުން ބޭއްވި ލައިފް ގާޑް އޮފް ދި އިޔާ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ލައިފް ގާޑިން ސްކިލްސް އެކްސެލަންސް އެވޯޑް ވެސް ވަނީ ޖޯލި މޯލްޑިވްސް އަށް ލިބިފަ އެވެ. މި އެވޯޑަށް ވަނީ ފަސް ރިސޯޓެއް ވާދަކޮށްފަ އެވެ. ބެސްޓް ލައިފް ގާޑިން ސާވިސް އޮޕަރޭޝަން އެވޯޑް ހޯދާފައި ވަނީ ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑެވެ. އެ ވޯޑަށް ވަނީ ތިން ރިސޯޓަކުން ވާދަކޮށްފަ އެވެ.
ސަސްޓެއިނަބްލް އިން ލައިފް ގާޑިން ސްކިލްސް އެންޑް ޕާފޯމިން ރިސޯޓުގެ އެވޯޑް ވަނީ ތިން ރިސޯޓަކުން ހޯދައިފަ އެވެ. އެއީ ޖޯލި މޯލްޑިވްސް، ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އަދި ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސް އެވެ.
ތިން ސަތޭކަ އަށް ވުރެ ގިނަ ލައިފް ގާޑުންގެ ތެރޭން މިދިޔަ އަހަރުގެ ލައިފް ގާޑް އޮފް ދި އިޔާގެ މަގާމަށް ހޮވުނު ފަސް ފަރާތަކީ:
- އަހުމަދު ނަދީމް (ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް)
- މުހައްމަދު އިބްރާހިމް (ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސް)
- އިސްމާއިލް ފާތީ (ޖޯލި ބީން ރިސޯޓް)
- ހައްމާދު މުހައްމަދު (ޖޯލި ރިސޯޓް)
- އަލީ މުޖްތަބާ (ޖޯލި ރިސޯޓް)
މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާތިފް ވަނީ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން މޫދަށް އެރިއުޅުމުގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ޓަކައި ލައިފް ގާޑުން ތަމްރީނު ކުރުމުގެ މަސައްކަތަށް މިނިސްޓްރީން އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމާ ގުޅޭ ގަވާއިދު ނެރުމުގެ މަސައްކަތް އަވަސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ފުރޭއިރު ޝިއާރަކީ ވެސް ރައްކާތެރި ޓޫރިޒަމް ކަމަށެވެ.
މޯލްޑިވްސް ސްވިމިން އެންޑް ލައިފް ސޭވިން ސްކިލްސް ޓްރޭނިން ސްކޫލުން ވަނީ 400 އަށް ވުރެ ގިނަ ލައިފް ގާޑުން ރިސޯޓްތަކުގައި ތަމްރީނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy