ރާއްޖެއަށް ފެނުނު "ގިނިހިލަ"
21 ޖެނުއަރީ 2022 - 09:56
މިދިޔަ ބުދަ ދުވަހުގެ އިރާކޮޅު، މަތިން ދިޔަ ބޮޑު އަލިގަނޑެއް އެތައް ބަޔަކަށް ފެނުނު ކަމަށް އެބަ ބުނެ އެވެ. ރާއްޖޭގެ އެކި ހިސާބުން އެކި ރަށްރަށުން ވެސް ފެނުނު ކަމަށްވެ އެވެ. މީގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ.
އެންމެ ފަސް ސިކުންތުގެ އެ ވީޑިއޯ އިން ފެންނަނީ އަނދަމުންދާ އަލިފާންގަނޑެއްހެން އެއްޗެއް ދަނިކޮށެވެ. މުޅި އުޑުމަތި އެ ވަގުތު އެއްކޮށް ދިއްލިފައި އޮތެވެ. ގަދަ އަލިގަނޑު "އަނދައި ހުލިވެގެން" ނިވޭ ގޮތަށް ގޮސް ގެއްލެނީ އެވެ.
ޓްވިޓާގައި ވީޑިއޯ ޝެއާކޮށްފައި ވާއިރު ބައެއް މީހުން ބުނެފައި އެއީ ރ. މީދޫން، މިދިޔަ ބުދަ ދުވަހުގެ ރޭ އިރާކޮޅު ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ. ވީޑިއޯ އަށް ރިޕްލައިކުރި ބައެއް މީހުން، ހަމަ އެ އަލިގަނޑު މާލެ ކައިރިން ވެސް ފެނުނު ކަމަށް ބުނެފައިވެ އެވެ. އަނެއް ބަޔަކު ބުނެފައިވާ ގޮތުގައި ނ. ވެލިދޫންނާއި ދ. ކުޑަހުވަދޫން ވެސް މި ފެނުނެވެ.
Rey iraa kolhu javvu thereyn dhathuru kuri gina hila pic.twitter.com/iVwv8mqycT
— ♥*♡ fαтнιмαтн zαнα ♡*♥ (@FathmathZaha) January 20, 2022
ކުޅުދުއްފުށިން ފެނުނު "ގިނިހިލަ"
މި އަލިގަނޑު ފެނިފައި މި ވަނީ ވަރަށް ބޮޑު އެސްޓްރޮއިޑެއް ނުވަތަ ގިނިހިލައެއް މި މަހުގެ 18 ވަނަ ދުވަހު ދުނިޔެ ކައިރިން ދާނެ ކަމަށް ނާސާ އިން ބުނެފައި ވަނިކޮށެވެ. ދުނިޔެއާ ކައިރިން ކަމަށް ބުންޏަސް އެއީ 1.9 މިލިއަން ކިލޯމީޓަރު ދުރުންނެވެ. މިއީ ދުނިޔެ އާއި ހަނދާ ދެމެދު ހުންނަ ދުރުމިނުގެ ފަސް ގުނަ އެވެ.
ރާއްޖެއަށް މި ފެނުނީ 19 ވަނަ ދުވަހުގެ ރޭ އިރާކޮޅު އެވެ.
Near-Earth #asteroid 1994 PC1 (~1 km wide) is very well known and has been studied for decades by our #PlanetaryDefense experts. Rest assured, 1994 PC1 will safely fly past our planet 1.2 million miles away next Tues., Jan. 18.
— NASA Asteroid Watch (@AsteroidWatch) January 12, 2022
Track it yourself here: https://t.co/JMAPWiirZh pic.twitter.com/35pgUb1anq
ދުނިޔެއާ ކައިރިން ދާނެ ކަމަށް ބުނި އެސްޓްރޮއިޑަށް ނާސާ އިން ދީފައިވާ ނަމަކީ "7482 (1994 ޕީސީ1) އެވެ. މި ނަން ދީފައި ވަނީ އެ ހިލަގަނޑު ހޯދިފައިވަނީ 1994 ވަނަ އަހަރު ކަމަށްވާތީ އެވެ. އެ ހިލަގަނޑު މި ބިމާ ކައިރިން ދަތުރުކުރި ކަމުގައި ވިޔަސް، މި ބިމަށް ވެއްޓުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.
ފުޅާމިނުގައި ކިލޯމީޓަރެއް (3،451 ފޫޓް) ހުރި މި ހިލަގަނޑުން ދުނިޔެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް ކުރިން ބުނެފައިވެ އެވެ. އެކަމަކު ރާއްޖެއަށް މި ފެނުނީ އެ ހިލަގަނޑު ކަމެއް ނުވަތަ އެއިން ވަކިވެގެން ދިޔަ ބައެއް ކަމެއް ނޭނގެ އެވެ.
Beautiful! Long-lasting #Meteor streaked across the sky @UWMadison this morning. This is from the rooftop of the @UW_AOS building around 6:48 am. pic.twitter.com/suC9SzI70z
— Max Tsaparis (@MaxTsaparis) January 20, 2022
އެމެރިކާ އަށް ފެނުނު "އަލިގަނޑު" ގެ ވީޑިއޯ
އެމެރިކާގެ ވިސްކޮންސިން އަށް ބުރާސްފަތި ދުވަހުގެ ފަތިހު ހަމަ މިގޮތަށް އަލިގަނޑެއް ފެނުނު ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކާ ބެހޭ ގޮތުން ޔުނިވަސިޓީ އޮފް ވިސްކޮންސިން-މެޑިސަންގެ އެސްޓްރޮނޮމީ ޕްރޮފެސަރު ޖޭމްސް ލެޓީސް މީޑިއާ އަށް ވިދާޅުވެފައި ވަނީ އަލިގަނޑު ފެނުނު ގޮތަށް ބަލާއިރު އެއީ ސްޕޭސް ޖަންކް ނުވަތަ ޖައްވީ ކުނިގަނޑެއް ކަމަކަށް ނުބެލެވެ އެވެ. އެ ދިޔަ މިސްރާބަށް ބަލާއިރު އެއީ ބެލެވެނީ އެއީ މީޓިއޮރޮއިޑެއްގެ ގޮތުގައި ކަމަށާއި އެމެރިކާގައި މި އެންމެ ފަސޭހައިން އަދި އާންމުކޮށް ފެންނާނީ ވެސް މިޑްވެސްޓް ސަރަހައްދަށް، ފަތިހުގެ ވަގުތުގައި ކަމަށެވެ.
އެމެރިކާގައި މި ފެނުނު މީހުން ވެސް އެ ސިފަކޮށްފައިވަނީ އަލިފާން ބޯޅައެއްގެ ގޮތުގަ އެވެ. އަދި އެ ދިޔައީ އަނދަމުން ކަހަލަ ގޮތަކަށް ކަމަށް ބުނެފައިވެ އެވެ. މި ފެނުނީ އެއް ސިކުންތާއި ހަތް ސިކުންތާ ދެމެދުގެ ވަގުތަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިމަތޮޅި އަދުނާން
22 January 2022
ހަމަ ޔަގީން ތިވާނީ ބޮޑު ފުރޭތައަކަށް . އެ ސޮރު ސްޓަންޓް ޖައްސާ ހުލިވީކަމަށް ހެދީ.
ސަދަން
22 January 2022
މިއީ އާންމު ކަމެއް. މިއީ ނާސާއިން އެ ބުނި ހިލަ އަކަށް ނުވާނެ. އެއީ މި ފެނުނުނު ހިލަޔާ ހާސްބައި ތަފާތު ހިލައެއް. މިއީ އާންމުކޮށް އުޑުމަތިން ފެންނަ މަންޒަރެއް. އަލަށް ވީ ކަމެއް ނޫން
ހުތޭ
22 January 2022
އާނއެކޭ. އެކަމަކުވެސް ބަޔަކުމީހުން ޖިންނިއޭ ކިޔަައިގެންވެސް މީހުން ބިރުގަންނަވަން އެބަ އުޅެއެއްނު؟
ތުއްތުބެެ
22 January 2022
މިކަހަލަ ކުދިކުދި ގިނިހިލަތައް ދުނިޔެއަށް ކެނޑިނޭޅި އަބަދުވެސް ވަންނަމުން ދޭ. މިފަދަ ތަކެތި އާންމުގޮތެއްގައި ދުނިޔޭގެ ވައިގެ ފަށަލައަށް ވަނުމުން ހޫނުވެގެން އަނދައިގެން ވިރިގެން ދާކަމީ އާންމުކަމެއް. މިކަހަލަ ބައިވަރު ވީޑިއޯތައް ހުންނާނެ ޔޫޓިއުބްގައިވެސް. ދުނިޔެއަށް ނުރައްކާވަނީ މީގެ އާދަޔާ ޚިލާފް ބޮޑެތި ހިލަ ވަނުމުން. 3.4 ކިލޯމީޓަރުގެ ހިލަގަނޑު ދުނިޔެއަށް ވަތްނަމަ މިތާގައި މިކޮމެންޓްލިޔެލަން ފުރުސަތު ނުލިބޭނެ ވަރަށް ދުނިޔެ ހަލާކުވުން ގާތް.
ގާފަރު
22 January 2022
ގާފަރަށްވެސް ތި ފެނުނު. ހަމަ ވަރަށް ރީތިކޮށް އަލިގަދަކޮށް ދުށިން. ވިއްސަކަށް ސިކުންތަށް ހުރި ފެންނަން. އަނދަމުންގޮސް ވިލާގަނޑަކަށް ގެއްލުނީ. ފުރަތަމަވެސް ބުނެވުނީ އެސްޓުރޮއިޑެކޭ.
އޭލިޔަން
22 January 2022
ތި ށ.ޅައިމަގަށް ވެސް ފެނުން ހަމަ އެރޭ. މިރަށު މީހުން ބުނީ އެ ވެއްޓުނީ ބެން 10 ގެ ގަޑިކަމަށް.
ދަލޭކާ
21 January 2022
ދުނިޔޭގެ ވައިގެ ފަށަލަ ހުންނަނީ ވިހިތިރީސް ކިލޯމީޓަރުގެ އުސްމިނެއް، ސްޕޭސް ސްޓޭޝަންތައް ޖައްވުގަ އޯބިޓް ކުރަނީ 400 ކިލޯމީޓަރު އުހުގަ ވެކިއުމްގަ، އެކަމަކު މިބުނާ އެއްޗެއް 1.9 މިލިއަން ކިލޯމީޓަރު ދުރުންދިޔައިރު ވައިގެތެރޭ އަނދާހުލިވެއްޖެ.
ހިލާ1
21 January 2022
ތަންކޮޅެއް ބޮޑު ޖިންނިއަކާ ދިމާއަށް އެއްލި ބޮޑު ހިލަގަނޑަކަށްވާނީ ދެއްތޯ. އެސޮރުގެ ދުވަސް ދިޔައީ.
މުލޭ
21 January 2022
ކޮންފަރާތަކަށް ޖޯކު ތިޖަހަނީ. ތި މަޖަލެއް ވެސް ނޫން.
ޞައްލޫ
22 January 2022
ހިލާ ކަލޭގެ ތިިޔަ ކޮމެންޓް ބަލައި ނުގަނެވޭނެ. !
އުދުހޭ
21 January 2022
ޕަރީއެއްގެ ވީޑިއޯއެއް ނެއްތަ؟
ޟަޒް
21 January 2022
ޖައްވުގެ ތެރެއަަަށް ބާރު ސްޕީޑްގައި ވަނީމަ އުފެދޭ ފުރިކްޝަން ގެ ސަބަބުން އަލިފާން ރޯވެ އަނދާ ހުލިވަނީ. އެއީ ގުރުރަތުގެ ނިޒާމް.
ޖުޕިޓަރ
21 January 2022
އޭތި ފެނުނީ އަނދައި ހުލިވެގެން ނިވޭ ގޮތަށް ކަމަށްވިއަސް އޭތި އަދިވެސް ދާނީ އެ އޮތްގޮތަށް ދަތުރުކުރަމުން. 200 އަހަރު ތެރޭ ދުނިޔެއާ އެންމެ ކައިރިން ދާނެ ފަހަރު މިއީ. ދުނިޔެއާ ކައިރިން އެދާ އެތިން އެއްވެސް ބައެއް ވަކިވަކިވެގެން ގޮސްދާނެ ކަމަކަށް ކަމާބެހޭ އެއްވެސް ބަޔަކު ބުނެފަ އޮތްތަނެއް ނުފެނުނު.