ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

މާޒިޔާ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެލެންސިއާ ހޯދައިފި

ރ. އަލިފުށީގައި މިއަދު ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ކާމިޔާބު ކުރުމަށް ފަހު ކްލަބް ވެލެންސިއާއިން ތަށި އުފުލާލަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

23 ޖެނުއަރީ 2022 - 20:47

7 comments

ރ. އަލިފުށީގައި ކުޅުނު ފައިނަލް މެޗުގައި އިތުރު ވަގުތުގެ ދެހާފު ކުޅެ މާޒިޔާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ވެލެންސިއާ މިއަދު ހޯދައިފި އެވެ.

ސީޒަނަށް ދުރާލައި ތައްޔާރުވި މާޒިޔާގެ މައްޗަށް ވެލެންސިއާ އިން ކާމިޔާބު ހޯދުމަށް، އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ވަރަށް ކުރީކޮޅު ޖެހީ ޑިފެންޑަރު ޑަކްސަން ޕުސްލާސް އެވެ.

މެޗުގެ ކުރީކޮޅު ލަނޑު ވަންނަމަވެސް، އަވަހަށް ރިކާވާވެ ގޯލް ޖެހުމަށް މާޒިޔާ އިން މަސައްކަތް ކުރި އެވެ. އެ ޓީމުން ނެގި ހުރަހެއްގައި ސަމޫހް އަލީ (ސަމުއްޓޭ) ގޯލްގެ ދަނޑި ކައިރީގައި ހުރެފައި ބޮލުން ފޮނުވައިލި ބޯޅަ ދިޔައީ ބޭރަށެވެ.

މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިއާ ހޯދީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. މިއީ ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާ ހޯދި ހަ ވަނަ ފަހަރެވެ. ވެލެންސިއާ އިން އެންމެ ފަހުން ތަށި ހޯދީ މީގެ 14 އަހަރު ކުރިން 2008 ވަނަ އަހަރު އެވެ.

މެޗުގެ 29 ވަނަ މިނެޓްގައި މާޒިޔާ އަށް ލިބުނު ކޯނަރުން ތަނަވަސްވި ބޯޅަ ޖަހަން ހަމްޒާ މުހައްމަދު (ހަމްޕު) އަށް ވެސް ފުރުސަތު ލިބުނެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ބާރެއް ނެތުމުން އެބޯޅަ ގޯލަށް އަމާޒެއް ނުވެ އޭރިއާ ތެރެއަށް ވެއްޓުނީ އެވެ. ދެން އެބޯޅަ ޖަހަން މަސައްކަތް ކުރީ ސަމޫހް އެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔާއީ ގޯލް ދަނޑި ކައރިން ބޭރަށެވެ.

ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ބެކުން ޖެހި ބޯޅަ ކައުންޓަ އެޓޭކު ފުރުސަތެއްގައި އަލީ ފާސިރު (ސެންޓޭ) މާޒިޔާގެ އޭރިއާގެ ތެރެއަށް ވަދެ ޑިފެންޑަރު ސަމޫހް ކައިރިން ނައްޓައިލި ތަނުން ސެންޓޭ އޭރިއާ ތެރެއަށް ވެއްޓުނެވެ. ވެލެންސިއާގެ ބެންޗުން ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް ރެފްރީ ނިންމީ ފައުލެއް ކޮށްފައިނުވާ ކަމަށެވެ.

ފުރަތަމަ ހާފުގައި ވެލެންސިއާގެ ޑިފެންޑަރު ޑަކްސަން އަށް ދެފަހަރެއްގެ މަތިން ފަރުވާ ދޭން ޖެހުނެވެ. ފުރަތަމަ އޭނާ އަށް ފަރުވާ ދިނީ ނިތްކުރިމަތި ފަޅައިގެން ދިއުމުންނެވެ. ވެލެންސިއާގެ މެޑިކަލް ޓީމުން ފަރުވާ ދީގެން ވެސް ލޭ މަނާ ނުވާތީ ގައުމީ ޓީމުގެ ޑޮކްޓަރު، އަބްދު ރާފިއު ވެސް ދަނޑަށް އަރައި ވެލެންސިއާގެ މެޑިކަލް ޓީމަށް އެހީތެރިވި އެވެ.

މާޒިޔާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 40 ވަނަ މިނެޓްގަ އެވެ. އިބްރާހިމް އައިސަމް (ޓޯނީ) ނެގި ކޯނަރުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ މާޒިޔާގެ މުހައްމަދު އިރުފާން ފައިން ޖައްސާލައި ބޯޅަ ގޯލަށް ވައްދާލި އެވެ. ބޯޅަ ގޯލަށް ވަނީ ކީޕަރު ފައިސަލް އަތްދަށުން ގޮހެވެ. ދެ ޓީމުގެ ކުޅުންތެރިން އޭރިއާ ތެރެއަށް ބޮނޑިވެފައިވުމުން ބޯޅަ ދިޔަގޮތް ފައިސަލަށް ވެސް އޮޅުނީ އެވެ.

މެޗުގެ 53 ވަނަ މިނެޓްގައި މާޒިޔާގެ އައިސަމް އޭރިއާ ތެރެއަށް ވަދެ މަސައްކަތް ކުރީ ޑިފެންޑަރު ޑަކްސަން ކަޓުވައިލުމަށެވެ. ނަމަވެސް ޑަކްސަން ވަނީ އައިސަމް އަތުން ބޯޅަ ހޯދައިފަ އެވެ.

ވެލެންސިއާ މެޗުން މޮޅުކޮށްދިން ލަނޑު ޖަހައިދިން ބޯހާސް މާޓިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭގެ ފަހުން ވެސް މާޒިޔާ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ހުސއިން ނިހާން (ނިހާޓް) ތަނަވަސްކޮށްދިން ބޯޅަ ކޯނޭލިއަސް ސްޓްވާޓް ފޮނުވާލުމުން އެބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ. އެކަމަކު ބޯޅަ ދިޔައީ ކީޕަރު ފައިސަލް އަތުގައި ޖެހިފަ އެވެ.

މެޗުގެ 74 ވަނަ މިނެޓްގައި ނާއިޒު ހަސަން (ދާދު) އަށް ހުސް ފުރުސަތެއް ލިބުނެވެ. އޭރިއާގެ ކަނާ ދިމާލުން އޭނާ އަރައި ކުރިއަށް ފޮނުވައިލި ބޯޅަ ކީޕަރު ފައިސަލް ސަލާމަތް ކުރީ އެވެ.

މެޗުގެ 80 ވަނަ މިނެޓްގައި މާޒިޔާގެ ހާފުގެ މެދެއްހާ ހިސާބުން ވެލެންސިއާ އަށް ލިބުނު ހިލޭ ޖެހުމެއްގައި ސެންޓޭ އޭރިއާ ތެރެއަށް ނަގައިދިނުމުން ބޯހާސް މާޓިން ވެއްޓިގެންފައި ބޮލުން ފޮނުވައިލި ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑިމަތިން ބޭރަށެވެ.

އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގައި ވެލެންސިއާގެ ސެންޓޭ އަށް ފައުލު ކުރުމުން ނާއިޒް ހަސަން (ދާދު) އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލި އެވެ. އެ ފައުލާ ގުޅިގެން ސެންޓޭ އަށް އަނިޔާވުމުން އޭނާ އިތުރަށް މެޗު ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. އޭނާގެ ބަދަލުގައި އިސްމާއީލް އީސާ ކުޅެން އެރުވި އެވެ. ވެލެންސިއާ މެޗުން މޮޅުކޮށްދިން ލަނޑު ބޯހަސް މާޓީން ޖެހީ މާާޒިޔާއިން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅމުން ދަނިކޮށެވެ.

އެކްސްޓްރާ ޓައިމްގެ ދެވަނަ ހާފު ފެށުމަށް ދެ ޓީމު ދަނޑަށް ނުކުތް ފަހުން ދެން ކުރިމަތިލާން ޖެހުނީ އެހެން މައްސަލައެކެވެ. ދަނޑުގެ ހަރުކޮށްފައިވާ ލައިޓްތަކުގެ ތެރެއިން ބައެއް ލައިޓް ނުދިއްލޭތީ އެކަށީގެންވާ އައްޔެއް ނެތި ކުޅެން ޖެހުމުން އެ މައްސަލަ ހައްލު ކުރުމަށް ވަގުތު ހޭދަވި ވި އެވެ. އެކްސްޓްރާ ޓައިމް ވެސް ކުޅުނީ އެކަށީގެންވާ ވަރަށް އަލި ނެތި އެވެ.

އެކްސްޓްރާ ޓައިމްގެ ދެވަނަ ހާފު ފެށުމުގެ ކުރިން އިތުރު ލައިޓްތައް ދިއްލޭގޮތްވުމުން އަލި އިތުރަށް ގަދަވި އެވެ. އެކަމަކު މެޗެއްގައި ހުންނަން ޖެހޭ މިންވަރަށް ލައިޓެއް ނެތެވެ.

އެއް ލަނޑުގެ ތަފާތުން މާޒިޔާ ފަހަތުގައި އޮތުމުން ލަނޑު ޖެހުމަށްޓަކައި މުޅި ޓީމުން ކުރިއަރައި ކުޅެން މަސއްކަތް ކުރި އެވެ. އެކްސްޓްރާ ޓައިމްގެ ފަހު ހަތަރު މިނެޓް ވެލެންސިއާ އަށް އިން ވެސް ވަނީ ކުރިއަށް ޖެހި ކުޅެން މަސައްކަތް ކޮށްފަ އެވެ. އޭގެ ސަބަބުން މާޒިޔާގެ ފަހަތަށް ބާރު ބޮޑުވި އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބޯހާސް މާޓީން އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތރިޔާގެ އެވޯޑާއި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ސެންްޓޭ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވަން އޮތް ރަސްމިއްޔާތަށް، ބަދަލުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގެންނެވީ ރައީސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ.

މި ރަށުގެ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ބަލާލަށް ކައިރީ ރަށްރަށުގެ މީހުން ވެސް ވަނީ އަލިފުއްޓަށް ޒިޔާރަތްކޮށްފަ އެވެ.

7 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 9%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޭމްސް

24 January 2022

ކިބުރުވެރިކަމުގެ ހިތި ނަތީޖާ މާޒިޔާއަށް ފެންނަމުން ތިދަނީ. ތިމަންމެންނަށް ވުރެ މޮޅު ބަޔަކު ނެތިގެން އެހެން ޓީމުތަކަކީ ނެތް ބައެއް ކަމުގައި ބަލާ އަޑުގަދަކޮށް ހުތުރު ބަހުން މުއާމާލާތުކޮށް ކޮންމެ ގޮތެއް ހަދައިގެންވެސް ކަންވާނެކަން ދެއްކުމުން ވާ ގޮތް ތީ. މިއީ ލިބުނު ފިލާވަޅެއް، ސައިޒަށް ތިރިވެ ކްލަބްތަކަށް އިހުތިރާމް ކުރަން ފައްޓަން ނަސޭހަތް ތެރިވަން. އެހެންނޫނީ އެންމެންގެ ނަފްރތާއި އަދި ބަދު ދުއާ ޖެހުން އަދިވެސް ގާތް.

The name is already taken The name is available. Register?

ޖަނާ

27 January 2022

ނަފްރަތު ކުރަނީ ކްލަބު ރަނގަޅަށް ހިންގައި، ކުޅުންތެރިންނަށް ގަވައިދުން މުސާރަ ދޭތީ. ކާމިޔާބު މިންވަރު ކުރައްވާ ފަރާތަކީﷲ. މާޒިޔާ އަކީ ކާމިޔާބީގައި ހިތް ތިރި ބައެއް، ނާކާމިޔާބީގައި ހިތްވަރު ކުރާ ބައެއް.

The name is already taken The name is available. Register?

ހެހެހެ

24 January 2022

މާޒިޔާ ވެސް އަޑީގަ އޮވެގެން ރާއްޖޭގެ ނަން މައްސޫރު ބޮޑެތި ކުލަބްތައް "ފުނޑާލައިފައި" ހީކުރީތަ ގަވްމީ ތަށި ލިބޭނެ ކަމަށް؟

The name is already taken The name is available. Register?

ޑިޑާ

24 January 2022

ވަރަށް ފުރިހަމަ ކާމިޔާބެއް. ރާއްޖޭގެ ވަރުގަދަ ކްލަބުތައް ސަސްޕެންޑްކުރެވެން ކުރިގޮތަކަށް ސަސްޕެންޑްކޮށްގެންވެސް މި މީހުންނަށް ކަމެއްނުވި. ޢެވެސް ގައުމީ ޓީމް އެއްކޮށްހެން ގޮވައިގެން އުޅޭ އިރު ވާވަރު. މިހާރުވެސް ކިރިޔާވެސް ވިކްޓްރީ ނިއުރޭޑިއަންޓަށް ފުރުސަތެއް ލިބުނަސް ތިޔަ މީހުންނަށް އެއްވެސް އެއްޗެއް ނުލިބޭނެ. މަރުހަބާ ވެލެންސިއާ. މަރުހަބާ ކޯޗް ހީނާ.

The name is already taken The name is available. Register?

ޖޮލީ

23 January 2022

ކުޑަހީނާ ޕްރޫކޮށްދިނީ އޭނައަކީ ހަމައެކަނި މޮޅު ޓްރެއިނަރެއްނުންކަން މޮޅު ކޯޗެއްވެސްކަން. މަރުހަބާ ވެލެންސިއާ.

The name is already taken The name is available. Register?

ބިލް ކުލިންޓަން

23 January 2022

ކުޅިވަރާޖެހުނީމާ އެކުވެސް ހަނދާނެއްނުހޭދޯ ޖެހިފައިއޮތް މުސީބާތެއް. އެހެންނަމަވެސް މެދުކެނޑުމަކަށްފަހު ވެލެންސިޔާއިން ހޯދިކާމިޔާބީއަށްޓަކާ އެމީހުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން.

The name is already taken The name is available. Register?

އެވޭލާ

23 January 2022

ރާއްޖޭގެ އެންމެ ގިނަ ފޭނުން ތިބި ކްލަބް ދުއްވާލަން މަސައްކަތްކުރި ބަޔަކަށް ކާމިޔާބު ލިބެން ނޭދޭނެ ވަރަށް ގިނަ ފޭނުން ތިބޭނެކަން ދަންނަންޖެހޭ.. ކާމިޔާބު ހޯދަން މަސައްކަތް ކުރާނީ އެހެން ކްލަބްތަކާއި ޒާތީ ގޮތުން ޖައްސާލާއިގެން ނޫން.. މިކަމާ ވިސްނާކަށް ނުވޭ ބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454