ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

އީގަލްސް އިން ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗް ކާމިޔާބު ކޮށްފި

މިއަދު ހަވީރު ޔޫތު ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އީގަލްސްގެ ސަމާހު (ވ) ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގަލޮޅު ދަނޑުގައި މިއަދު ފެށި 19 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކްލަބް އީގަލްސް އިން ހަނި ގޮތަކަށް މޮޅުވެ، މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތެކޭ އެއްފަދައިން މިއަހަރު ވެސް ވަނީ މުބާރާތުގައި ނުވަ ޓީމެއް ބައިވެރިވެފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމުގެ އިތުރުން މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ މަހިބަދޫ ސްޕޯޓްސް ކްލަބެވެ. މަހިބަދޫ ވަނީ މީގެ ކުރިން ތިން ފަހަރު މުބާރާތުގައި ވާދަކޮށްފަ އެވެ. މިއީ 2014 ވަނަ އަހަރަށް ފަހު އެ ޓީމު މި މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގައި މިއަދު، ގުރޫޕް އޭގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް މޮޅުވީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި އީގަލްސް އަށް ކުޅުނު ކުޅުންތެރިންގެ ބަދަލުގައި މިފަހަރު ޓީމުގައި ހިމެނެނީ މުޅިން އާ ސްކޮޑެކެވެ.

އީގަލްސްގެ ސަމާހު މިއަދު މެޗުގައި ސަސް ކޮޅަށް ލަނޑު ޖަހަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އީގަލްސް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 33 ވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު ސަމާހު މޫސާ ފަތުހީ އެވެ. އޭނާ މި ލަނޑު ޖެހީ އެ ޓީމުގެ އިސްމާއިލް ސައިފް މަތިން ދިން ބޯޅައެއް އޭރިއާ ތެރޭ ހުރެ ކޮންޓްރޯލް ކޮށްލާފައި ކީޕަރުގެ ބޯ މަތިން ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެންނެވެ. މި ގޯލު ޖެހުމުގެ ކުރިން އީގަލްސްގެ ކީޕަރު ޝައިހާން އަލީ ވަނީ ސަސްގެ އަލީ ޝާޒް ހަބީބް ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށްފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އީގަލްސްގެ ކެޕްޓަން ހުމެއިދު ހަސަން އެވެ. އޭނާއަކީ އީގަލްސް ސީނިއާ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ. މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް ސީނިއާ ޓީމަށް ކުޅެން ފެށި ޑިފެންޑަރު ވަނީ ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕުގައި އީގަލްސް އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކުރި މެޗުގެ އެންމެ ފަހު ސިކުންތުގައި ޓީމު މޮޅު ކޮށްދިން ލަނޑު ޖަހައިފަ އެވެ.

ގުރޫޕް އޭގައި އީގަލްސް އާއި ސަސްގެ އިތުރުން ދެން ހިމެނެނީ މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް އަދި ދަ ގްރާންޑޭ އެވެ. އީގަލްސް ވަނީ މިހާތަނަށް ހަތަރު ފަހަރު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ. އަދި މާޒިޔާ އާއި ގްރީން ސްޓްރީޓްސް ވެސް ވަނީ އެއް ފަހަތު މި މުބާރާޓް ކާމިޔާބުކޮށްފަ އެވެ.

ގުރޫޕް ބީ ގައި ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބާއި ކުލަބް ވެލެންސިއާގެ އިތުރުން މަހިބަދޫ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. މި ގުރޫޕުގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާ ހަމައެކނަި ޓީމަކީ ވެލެންސިއާ އެވެ. ވެލެންސިއާ ވަނީ 2013 ވަނަ އަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު ހިމަނައިގެން ސެމީ ފައިނަލް ކުޅުމަށް ފަހު، މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ ފެބްރުއަރީ 14 ވަނަ ދުވަހުގެ ރެއެވެ.

މިރޭ ވެސް މުބާރާތުގައި ގުރޫޕް ސްޓޭޖުގެ މެޗެއް ކުޅޭނެ އެވެ. ބައްދަލުކުރާނީ ގުރޫޕް ބީގައި ހިމެނޭ މަހިބަދޫ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 75%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާނި

24 January 2022

ޔޫވީގެ 9 ނމްބަރު ވަރަށް ފެއަރޕްލޭ. ރަގަޅު ކޯޗަކާ އެކީޕްރެކްޓިސް ކުރެވިއްޖެއްޔާ ސަރަހައްދގެމޮޅުކުޅުންތެރިއަކަށް ވެދާނެ ކަހަލަ ހީވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454