މާލެ: ޖެނުއަރީ 30، 2022: ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވްޝޯލް އަށް މަރުހަބާ ދެންނެވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމަނިކުފާނު ގައިގައި ބައްދާލައްވަނީ: ދެ ގައުމުގެ ދެމެދުގައި ފަސް ދާއިރާއަކުން މިއަދު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
30 ޖެނުއަރީ 2022 - 15:26
ވިޔަފާރި ކުރިއަރުވަން ތުރުކީއާ އެކު ރާއްޖޭގެ ވަޒީރުންގެ ފެންވަރުގެ ޖޮއިންޓް އިކޮނޮމިކް ކޮމިޝަނެއް އެކުލަވައިލަން ނިންމައި، ފަސް ދާއިރާއަކުން އެ ގައުމުން ރާއްޖެ އަށް އެހީތެރިކަން ދިނުމުގެ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ތުރުކީގެ ފަރާތުން ސޮއިކުރެއްވީ، ރަސްމީ ދަތުރެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ގައުމުގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވްޝޯލް އެވެ.
މިއީ ރާއްޖެ އިން ތުރުކީއާއެކު ސިޔާސީ ގުޅުން ގާއިމުކުރިތާ 42 އަހަރުވީ ފަހުން، އެ ގައުމުގެ ފޮރިން މިނިސްޓަރަކު ރާއްޖެ އަށް ކުރެއްވި ފުރަތަމަ ދަތުރެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރީ ވިޔަފާރި އާއި ސަގާފަތާއި ތަރިކަ އާއި ތިމާވެށީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ އަދި ފޮރިން ސާވިސް ކުރިއަރުވަން އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުންތަކެއްގަ އެވެ.
މާލެ: ޖެނުއަރީ 30، 2022: ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވްޝޯލް އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރެއްވުން: ދެ ގައުމުގެ ދެމެދުގައި ފަސް ދާއިރާއަކުން މިއަދު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
- ވިޔަފާރީގެ އެއްބަސްވުން
ތުރުކީގެ އެގްޒިބިޝަންތަކާއި ފެއާތަކާއި އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކޮށް، ވިޔަފާރީ ކުރިއަރުވަން ވަޒީރުންގެ ފެންވަރުގެ ޖޮއިންޓް އިކޮނޮމިކް ކޮމިޝަނެއް އެކުލަވާލާނެ.
- ތިމާވެށީގެ އެއްބަސްވުން
ކުނި ނައްތާލުމާއި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން އަދި ކެމިކަލް ފަދަ، ތިމާވެއްޓަށް ނުރައްކާތެރި ޒާތުގެ ކުނިބުނި ނައްތާލުމުގެ ކަންކަމުގައި އެހީ ލިބޭނެ.
- ފޮރިން ސާވިސްގެ އެއްބަސްވުން
ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާއި ތުރުކީގެ ޑިޕްލޮމެސީ އެކަޑަމީ ގުޅިގެން ހާރިޖީ ދާއިރާއިން މީހުން ތަމްރީނުކުރުމާއި ތައުލީމީ ފްރޮގްރާމްތައް ހިންގުން.
- ދަނޑުވެރިކަމުގެ އެއްބަސްވުން
ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ދިނުމައި، ހުނަރު ދަސްކޮށްދިނުން އަދި މި ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެހީ ލިބޭނެ.
- ސަގާފަތާއި ތަރިކައިގެ އެއްބަސްވުން
ރާއްޖޭގެ އުފެއްދުންތަކާއި ދިވެހިންގެ މަސައްކަތްތައް ތުރުކީގެ ބާޒާރަށް ތައާރަފުކުރުމާއި އަދި ހަމަ އެއާ އެކު މިއުޒިކާއި ވިޝުއަލް އާޓްސް އަދި ޕަފޯމިން އާޓްސް ފަދަ އާޓްގެ ދާއިރާ ކުރިއެރުވުމަށް އެހީ ލިބޭނެ.
މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، އެ ދާއިރާއަކާ ގުޅޭ ކަންކަމާ ހަވާލުވެވަޑައިގެން ހުންނަވާ މިނިސްޓަރުންނެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކުރައްވައިފަ އެވެ.
މި ދަތުރުގައި ތުރުކީ ސަރުކާރުން ރާއްޖެ އަށް ވަނީ ސިނޮވެކް ކޮވިޑް ވެކްސިންގެ 20،000 ޑޯޒް ވެސް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން، ދިވެހިންނަށް ވިސާ ނެތި ތުރުކީ އަށް ދަތުރުކުރެވޭނެ ގޮތް ހަދައި، އެކަމުގެ އެއްބަސްވުމެއް ހަދަން ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސްދޮގުބުހުތާން
31 January 2022
އިންޑިޔާގެ ނުފޫޒު އޮތްވަރަކީ ވިޔަފާރި ކުރިއަރުވަން ރާއްޖެ-ތުރުކީ ޖޮއިންޓް އިކޮނޮމިކް ކޮމިޝަނެއް ހަދަންވެސް އިންޑިޔާގެ އެންބެސަޑަރާއެކު ސާހިދު މަޝްވަރާކުރުމަށްފަހު އޯކޭލިބިގެން މިކަންކުރެވެނީ! މިއީ ސާހިދުގެ ގޮންޑި ކަށަވަރުކުރަން ސާހިދު ކުރާމަސައްކަތް!
ޙަބީބު
31 January 2022
ތި މާވެއްޓާ ކާފޫރު ތޮޅިޔާ ނޫން ދިވެހިން ބޭނުންވަނީ ދިވެހިން ބޭނުންވަނީ ގަރުބަަތީއްސުރެން ކައްވަޅާ ހަ މަޔައް އަދުލު އިންސާފު އިންޓްރަސްޓްފުރީ ދެ މިލިޔަން ދިވެހި ރުފިޔާގެ ލޯނު ކާބޯތަކެތީގެ އަގުތައް ދައްކުރުން
ސަދަން
30 January 2022
އަހަރެމެން ދިވެހިންގެ ހިތްތަކުގައި ތުރުކީއަށް ދެވިފައިވާ ގަދަރާއި ލޯތްބަކީ އިސްލާމީ ހިލާފަތުގެ ދިގު ތާރީހުގަ މުސްލިމުންގެ ވެރިންގެ ގޮތުގައި ތުރުކީން ތިބެ އިސްލާމްދީން ކުރިއަރުވާ އެދީނުގެ މަތިވެރިކަން ދަމަހައްޓަން ތުރުކީން ކުރި ބުރަ މަސައްކަތަށް އޮތް ލޯބި. ތުރުކީއަކީ އަހަރެމެންގެ އަހެއް. އަހަރެމެންގެ ލީޑަރެއް. އަހަރެމެން ބޭނުންވަނީ ތުރުކީއަށް މިއަދު ދިމާވެފައިވާ އިކޮނޮމިކް ކްރައިސިސްއިން ތުރުކީ އަރާގަނެ ގަދަ ބާރަކަށް ތުރުކީ ވުން. ♥️
އެގުޅި
30 January 2022
ތުރުކީ އައުޓޭ ގޮވަން ނުނުކުންނާނެބާ!
ފަޅުގުޅީ
30 January 2022
ތުރުކީގެ ކިތައް ސިފައިންތޯ މިތާ ތިބީ؟ ކަލޭމެން އޮއްބާލަން ޖޯކު ޖަހަޖަހާފަ އިންޑިއާއަށް ތިޔަދެނީ ކިހާވަރެއްގެ ކޯއްޗެއްކަންވެސް ދެނެހުރިކަމަށް ނުހަދާ.