އޮބާމަޔަން: ހިލޭ ޓްރާންސްފާގައި އޭނާ ވަނީ ބާސާ އަށް ބަދަލުވެފައި --- ފޮޓޯ: ޕީއޭ
01 ފެބުރުއަރީ 2022 - 10:41
ބާސެލޯނާ (ފެބްރުއަރީ 1) - އާސެނަލްގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރަށް ވުރެ ދިގު މުއްދަތެއް އޮތް ޕިއޭ އެމެރިކް އޮބާމަޔަން ހިލޭ ޓްރާންސްފާގައި ބާސާ އަށް ބަދަލު ވެއްޖެ އެވެ.
އާސެނަލް އިން މުސާރައިގެ ގޮތުގައި ހަފުތާއަކު 400،000 ޑޮލަރު ދޭ ފޯވާޑް ހިލޭ ޓްރާންސްފާގައި ދޫކޮށްލަން އެ ކްލަބުން ނިންމީ އޭނާއާ މެދު އުފެދިފައިވާ ޑިސިޕްލިނަރީ ބައެއް މައްސަލަތަކާ ގުޅިގެންނެވެ. އޭނާގެ ފަރާތުން ކެޕްޓަނެއްގެ ލީޑާޝިޕް ނުފެންނާތީ އޭނާ އަތުން އެ ކްލަބުގެ ކެޕްޓަން ބޭންޑް ވެސް ނެގި އެވެ.
އޮބާމަޔަން، އާސެނަލް އަށް ބަދަލުވީ 2018 ގައި ބޮރޫޝިއާ ޑޯޓްމަންޑްއިންނެވެ. އޭނާ ވަނީ އާސެނަލް އަށް ކުޅުނު 163 މެޗުގައި 92 ލަނޑު ޖަހައިފަ އެވެ.
މި ސީޒަންގައި ބާސާގެ އެންމެ ބޮޑު ޓާގެޓަކީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމެވެ. އެޓީމު މި ވަގުތު އޮތީ ފަސް ވަނައިގަ އެވެ. ބާސާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވާން އުޅުނު އުސްމާން ޑެމްބެލޭ ވަނީ ބާސާގައި މަޑުކޮށްފަ އެވެ.
އިއްޔެ ނިމުނު ޖެނުއަރީ ޓްރާންސްފާ ޕީރިއަޑަކީ މިފަހުގެ ތާރީހެއްގައި ބާސާއިން އެންމެ ހަރަކާތްތެރިކޮށް ފެނުނު ވިންޓަ ޓްރާންސްފާ ޕީރިއަޑެވެ. އެ ޓީމުން ވަނީ ޑެނީ އަލްވޭސް މި ފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި ރަޖިސްޓްރީ ކޮށްފަ އެވެ. އަދި މެންޗެސްޓާ ސިޓީ އަށް ކުޅެމުން ދިޔަ ފޯވާޑް ފެރަން ޓޯރޭޒް ވެސް ބާސާއިން ގެނެ އެވެ. އެޑަމާ ޓްރައޮރޭ ވެސް ވަނީ ލޯން އެއްބަސްވުމުގެ ދަށުން ބާސާ އަށް ގެނެސްފަ އެވެ. މި ސީޒަންގެ ނިޔަލަށް އޭނާ ބާސާގައިި މަޑުކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
01 February 2022
އެންމެ ބޮޑު ހަރަދެއް މި ވިންޑޯގަ ކުރި އިނގިރޭސި ކްލަބަކީ ސްޕާސް ނުވަތަ ސްޕަޑްސް.