ކުޅިވަރު / ކްލަބް ވޯލްޑް ކަޕް

ކްލަބް ވޯލްޑް ކަޕް މިރޭ ފަށަނީ، ޗެލްސީ މެޗު އަންނަ ހަފްތާގައި

އަބޫދާބީ (ފެބްރުއަރީ 3) - ދުނިޔޭގެ ބައްރުތަކުގެ ކްލަބް ޗެމްޕިއަނުންނާ އެކު ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕް މިރޭ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ފަށަން ތައްޔާރު ވެއްޖެ އެވެ.

ހަ ބައްރުގެ ޗެމްޕިއަންނުންނާ އެކު ހަތް ޓީމު ވާދަކުރާ މުބާރާތުގައި ޔޫރަޕުގެ ޗެމްޕިއަން ޗެލްސީ ވާދަކުރާނީ ސެމީ ފައިނަލް މެޗުގައި އަންނަ ބުދަ ދުވަހުގެ ރެ އެވެ. މިރޭ މުބާރާތް ފަށާނީ ޔޫއޭއީގެ އަލް ޖަޒީރާ ކްލަބާއި އޯޝޭނިއާ ބައްރުގެ ތަހިޓީ އަށް ނިސްބަތްވާ އޭއެސް ޕިރާއޭ ކުޅޭ މެޗުންނެވެ.

މިހާތަނަށް 17 ފަހަރު ފީފާ ކްލަބް ވޯލްޑް ކަޕް ބާއްވާފައިވާ އިރު އިނގިރޭސި ކްލަބަކުން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ އެންމެ ދެ ފަހަރު އެވެ. އެއީ 2008 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާއި 2019 ވަނަ އަހަރު ލިވަޕޫލެވެ. މި ދެ ޓީމު ވެސް މުބާރާތް ކާމިޔާބުކުރީ ކްލަބް ވޯލްޑް ކަޕުގައި ވާދަކުރި ދެވަނަ ފަހަރު އެވެ. މިއީ ޗެލްސީ ވެސް ކްލަބް ވޯލްޑް ކަޕުގައި ވާދަކުރާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2012 ވަނަ އަހަރުގެ ފައިނަލުން ޗެލްސީ ބަލިވީ ބްރެޒިލްގެ ކޮރިންތިއަންސް އަތުންނެވެ.

މިއީ ޔޫއޭއީގެ ޖަޒީރާ އިން ކްލަބް ވޯލްޑް ކަޕުގައި ވާދަކުރާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2017 ގައި ވެސް ވާދަކުރީ ޔޫއޭއީގައި ބޭއްވި މުބާރާތުގައި، އެ ގައުމުގެ ލީގު ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. އެފަހަރު ފުރަތަމަ ދެ ބުރުގެ މެޗު ކާމިޔާބުކޮށް ސެމީ ފައިނަލުގައި ކުޅުނު ނަމަވެސް ސެމީން ކެޓީ ރެއާލް މެޑްރިޑު އަތުން ބަލިވެގެންނެވެ.

މިދިޔަ އަހަރު ކޮވިޑުގެ ސަބަބުން އޯޝޭނިއާ ޗެމްޕިއަންސް ލީގު ކެންސަލް ކުރަން ޖެހުނުއިރު، އެ ބައްރުގެ ފުޓުބޯޅަ ކޮންފެޑެރޭޝަން (އޯއެފްސީ) އިން ނިންމީ އެންމެ ފަހުގެ ފަސް ޗެމްޕިއަންސް ލީގުގެ ރޭންކިންއަށް ބަލައި ނިއުޒިލެންޑުގެ އޮކްލޭންޑް ސިޓީ އަށް މުބާރާތުން ޖާގަ ދޭށެވެ. ނަމަވެސް ނިއުޒިލެންޑްގެ ކޮވިޑު ހާލަތާ ގުޅިގެން އެ ޓީމުން މުބާރާތުގައި ވާދަނުކުރަން ނިންމުމުން އޯއެފްސީ އިން ޖާގަ ދިނީ ތަހިޓީގެ އޭއެސް ޕިރާއޭ އަށެވެ. މިއީ ތަހިޓީގެ ކުލަބެއް ކްލަބް ވޯލްޑް ކަޕުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ކޮވިޑުގެ ސަބަބުން އޮކްލޭންޑް ސިޓީން ވަނީ މިދިޔަ އަހަރުގެ ކްލަބް ވޯލްޑް ކަޕް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ވެސް ދޫކޮށްލައިފަ އެވެ.

ޖަޒީތާ އާއި ޕިއާރޭ ކުޅޭ މެޗުން މޮޅުވާ ޓީމެއް ކުޅޭނީ މިދިޔަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ސައުދީ އަރަބިޔާގެ އަލް ހިލާލްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމެއް ޖެހޭނީ ސެމީ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅޭށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖަޕާނުގައި ބާއްވަން ހަމަޖެހިފައި އޮތް މި މުބާރާތް ފަސްކުރީ ކޮވިޑާ ހުރެ ޖަޕާނުގައި މުބާރާތް ނުބޭއްވޭނެކަން އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން މިދިޔަ ސެޕްޓެމްބަރު މަހު ފީފާ އަށް އެންގުމުންނެވެ.

ކެމަރޫންގައި މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކަން) ކުޅޭ ދުވަސްވަރު ކަލަބް ވޯލްޑް ކަޕް ފަށާތީވެ، އެއީ ފީފާ އިން އެފްރިކާ ފުޓުބޯޅައަށް ކުރާ މަލާމާތެއް ކަމަށް ބުނެ ފީފާއަށް ވަނީ ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ.

ކްލަބް ވޯލްޑް ކަޕުގައި އެފްރިކާ ބައްރުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ވާދަކުރާނީ މިސްރުގެ އަލް އަހްލީ ސްޕޯޓްސް ކުލަބެވެ. ހޮނިހިރު ދުވަހުގެ ރޭ އެ ޓީމުން ނުކުންނާނީ އުތުރު އެމެރިކާ ބައްރުގެ ޗެމްޕިއަން، މެކްސިކޯގެ މޮންޓެރޭއާ ދެކޮޅަށެވެ. އެ ޓީމާ ދެކޮޅަށް އަލް އަހްލީ ނުކުންނައިރު، މިރޭ އެފްކަން ސެމީ ފައިނަލުގައި ކެމަރޫންއާ ދެކޮޅަށް ކުޅޭ މިސްރު ޓީމުގައި އަހްލީގެ ހަ ކުޅުންތެރިން ހިމެނެ އެވެ.

އަލް އަހްލީ އާއި މޮންޓެރޭ ވާދަކުރާ މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ވާދަކުރާނީ ދެކުނު އެމެރިކާ ބައްރުގެ ޗެމްޕިއަން، ބްރެޒިލްގެ ޕަލްމެއިރާސް އާ ދެކޮޅަށެވެ. އަދި ފައިނަލް މެޗު އޮންނާނީ ފެބްރުއަރީ 12 ވާ ހޮނިހިރު ދުވަހުގެ ރެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454