ޑެނީ އަލްވޭސް މި ސީޒަނުގެ މެޗެއްގައި ބާސެލޯނާއަށް ކުޅެނީ.
03 ފެބުރުއަރީ 2022 - 14:29
ބާސެލޯނާ (ފެބްރުއަރީ 3) - މި ސީޒަނުގެ ޔޫރޮޕާ ލީގު ނޮކްއައުޓް ބުރުގެ ޕްލޭއޮފް ކުޅެން ޖެހިފައިވާ ސްޕެއިންގެ ބާސެލޯނާގެ ޔޫރޮޕާ ލީގު ސްކޮޑުން ޑެނީ އަލްވޭސް ބާކީ ކޮށްފި އެވެ.
އަލްވޭސް، 37، އަކީ ފެރާން ޓޮރޭޒް އާއި އެޑަމާ ޓްރައޯރޭ އަދި ޕިއޭ އެމެރިކް އޮބާމެޔަންގްއާ އެކު މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމުގެ ސްކޮޑަށް އިތުރުކުރި އެކަކެވެ. ނަމަވެސް ޔޫއެފާ ގަވާއިދު ބުނާގޮތުން ސީޒަން މެދުތެރޭން ޔޫއެފާ މުބާރާތުގެ ސްކޮޑަށް އިތުރު ކުރެވޭނީ ކުލަބަށް އަލަށް ގެންނަ ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިންނެވެ.
އެހެންވެ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ނިންމީ ހަމައެކަނި ލަ ލީގާ މެޗުތަކަށް އަލްވޭސް ބޭނުންކުރާށެވެ. ނަމަވެސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް ބާސެލޯނާ ޓީމުން ބޭރުކުރަން މަސައްކަތްކުރި އުސްމާން ޑެމްބެލޭ ވަނީ ސްކޮޑުގައި ހިމަނައިފަ އެވެ. ބާސެލޯނާއާ އެކު ޑެމްބެލޭ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، ކުޑަ މުސާރައަކަށް ކުޅެން ޑެމްބެލޭ ބޭނުން ނުވާތީ ބާސެލޯނާ އިން ވަނީ މި ޓްރާންސްފާ ބާޒާރުގައި ޑެމްބެލޭ ވިއްކާލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަން ނާކާމިޔާބު ވުމުން ކޮންޓްރެކްޓް ހަމަވަންދެން އޭނާ ބާސެލޯނާގައި މަޑުކުރާނެ އެވެ.
މި ޓްރާންސްފާ ބާޒާރުގައި ބާސެލޯނާއަށް ގެނައި ފެރާން ޓޮރޭޒް އާއި އޮބާމެޔަންގް އަދި އެޑަމާ ޓްރައޯރޭ.
ބާސެލޯނާގެ ސީނިއާ ޓީމުގެ 24 ކުޅުންތެރިންނާ އެކު ބީ ޓީމުގެ އަށް ކުޅުންތެރިން ވަނީ ޔޫރޮޕާ ލީގު ސްކޮޑުގައި ހިމަނައިފަ އެވެ. ނަމަވެސް ސީނިއާ ޓީމުން ޖާގަ ހޯދަމުން އަންނަ 20 އަހަރުގެ މޮރޮކޯ ފޯވަޑް އަބްދުއްސަމަދު (އަބްދޭ) އަޒަލްޒޫލީ އާއި ފެރަން ޖަގްލާ ވެސް ސްކޮޑުގައި ނުހިމެނެ އެވެ. މިދިޔަ ހޫނު މޫސުމުގައި ބާސެލޯނާއާ ގުޅުނު މި ދެ ކުޅުންތެރިން ވެސް ޓީމާ އެކު ހޭދަކުރި މުއްދަތު ކުރުވުމުން ބީ ޓީމުގެ ކުޅުންތެރިން ގޮތުގައި ވެސް ޔޫއެފާ ސްކޮޑުގައި ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތެއް ނެތެވެ.
ޗެމްޕިއަންސް ލީގާއި ކޮޕަ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕުން ވެސް ކަޓާފައިވާ ބާސެލޯނާއަށް ބާކީ މި ސީޒަނުގައި އޮތީ ވެސް ޔޫރޮޕާ ލީގާއި ލަ ލީގާގެ މެޗުތަކެވެ. ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ކޮލިފައިންގައި ބާސެލޯނާ ވާދަކުރަން ޖެހޭނީ އިޓަލީގެ ނަޕޯލީއާ ދެކޮޅަށެވެ.
ބާސެލޯނާ ޔޫރޮޕާ ލީގު ކުޅެން ޖެނުނީ ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ޖަރުމަންގެ ބެޔާން މިއުނިކާއި ޕޯޗުގަލްގެ ބެންފީކާ ފަހަތުން، ގުރޫޕުގެ ތިންވަނައިގައި ނިންމަން ޖެހުމުންނެވެ. ބާސެލޯނާ އެންމެ ފަހުން ޔޫރޮޕާ ލީގު ކުޅުނީ 2004/2003 ސީޒަނުގަ އެވެ. އެ ސީޒަނުގައި ޒަވީ ވަނީ ބާސެލޯނާއާ އެކު ޔޫރޮޕާ ލީގު (އޭރުގެ ޔޫއެފާ ކަޕް) ކުޅެފަ އެވެ. އަދި އެންމެ ފަހުން ބާސެލޯނާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުން ކަޓައި، ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހުނު 2001/2000 ސީޒަނުގައި ވެސް ޒަވީ ވަނީ ބާސެލޯނާއަށް ކުޅެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
03 February 2022
ސަމާލު: އެހެންމީހުންގެ ހިޔަނިން ނެއްޓެން ނޭނގިގެން މީހުންގެ ޔޫޒާނޭމް ވަގަށް ނަގައިގެން ކޮމެންޓްކުރުން އެއީ ވަރަށް ފިނޑި ހުތުރު އަމަލެއް.މިފަދަ މީހުންނަށް ހެޔޮ ވިސްނުން މިންވަރު ކުރައްވާށި.އާމީން.ވ.ވެދުން
ރަދީފްްއޮފިޝިއަލް
03 February 2022
މަގޭ ފެވަރިޓް ޓީމްތައް މިފަހަރު ޔޫރޮޕާ ލީގުގައި ތަފާތުވާނެ. ދުނިޔޭގެ އެންމެ މޮޅު ޓީމްތައް ދުނިޔޭގެ އެންމެ މޮޅު، ވާދަވެރި ލީގުގައި ފެނުމަކީ ވަރަށް އުފާވާ ކަމެއް.