އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ހަފުލާ އަށް ފަހު، ޓޫރިޒަމް މިނިސްޓަރު ޒަމީރު މީޑިއާއާ ވާހަކަ ދައްކަވަނީ.--ފޮޓޯ: ހުސެއިން ޝަޔާހް/މިހާރު
17 ޑިސެމްބަރ 2016 - 19:49
ރާއްޖޭގައި ގިނަ މަންޒަރުތަކެއް ނަގާފައިވާ ސްޓާ ވޯޒްގެ އާ ފިލްމް ބޭނުންކޮށްގެން، ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރާއްޖޭގައި ސްޓޫޑިއޯ އައިލެންޑެއް ތަރައްގީ ކުރުމުގެ ވިސްނުން ވެސް އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަން އަށް އާ މަތިންދާބޯޓެއް ގެނައުން ފާހަގަކުރުމަށް އިބްރާހިން ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ބޭއްވި ހަފްލާ އަށް ފަހު، މިނިސްޓަރު ވިދާޅުވީ ސްޓާ ވޯޒްގެ ފިލްމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ޔޫރަޕްގައި ވަރަށް ބޮޑަށް މަޝްހޫރު ވާނެ ކަމަށެވެ. މި ފިލްމް ބޭނުންކޮށްގެން، ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ބްލޮގަރުން މެދުވެރިކޮށް ވެސް އަޅުގަނޑުމެން އެކަން އެބަކުރަން. މި ބަލަނީ ފިލްމުގައި ދައްކާ ލޮކޭޝަންތަކާއި އަދި މުޅި ރާއްޖެ ވެސް އިޝްތިހާރު ކުރުމުގެ މަސައްކަތްތަކެއް އެމްއެމްޕީއާރްސީން ކުރަމުން އެބަދޭ،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ފިލްމުތައް ނެގުމަށް މަގުފަހިކޮށްދިނުމަށް ރާއްޖޭގައި ސްޓޫޑިއޯ އައިލެންޑެއް ގާއިމްކުުރުމުގެ ވިސްނުން ވެސް ސަރުކާރުން ވަރަށް ބޮޑަށް ގެންގުޅެ އެވެ. އަދި ބޮލީވުޑްގެ ބައެއް ފިލްމުތައް ރާއްޖޭގައި ނެގުމަށް ޕްރޮޑިއުސަރުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން، އެކަންކަން ވީހާ ވެސް ފަސޭހައިން ރާއްޖޭގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގައި މިފަދަ ފިލްމުތައް ނެގުމަށް ވަރަށް ބޮޑަށް އަޅުގަނޑުމެން އެންކަރޭޖް ކުރާނަން. އަޅުގަނޑުމެން މި ބަލަނީ އެކަން ވީހާ ވެސް ފަސޭހަކޮށް ކުރެވޭނެ ގޮތެއް ހެދުމަށް،" ޒަމީރު ވިދާޅުވި އެވެ.
"ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ: ގެ ޕޯސްޓަރެއް.
"ރޯގް ވަން: އަ ސްޓާ ވޯޒް ސްޓޯރީ" ދުނިޔޭގެ ސިނަމާތަކުގައި މިދިޔަ ބުދަ ދުވަހު ދައްކަން ފަށާފައިވެ އެވެ. ރާއްޖޭގައި މި ފިލްމް އިއްޔެ ވަނީ އަޅުވައިފަ އެވެ.
ރޯގް ވަންގެ މަންޒަރުތައް ނެގުމަށް ސްޓާ ވޯޒްގެ ކުރޫ މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭގައި މަހެއްހާ ދުވަސް ހޭދަ ކުރި އެވެ. އެއީ 100 އަށް ވުރެ ގިނަ މީހުން ހިމެނޭ ބޮޑު ކުރޫ އެކެވެ. ދިވެހި ކުންފުންޏެއް ކަމަށްވާ ބްލޫ އެންޑް ވައިޓްއާ ގުޅިގެން ހެލިކޮޕްޓަރަކާއި އެ ނޫން ވެސް ބޮޑެތި އާލާތްތައް ގެނެސް، ލ. އަތޮޅު ފުރައިލި އެވެ. ބޮޑަށް ނެގީ ހަނގުރާމަ މަތީ މަންޒަރުތައް ކަމަށް ވާއިރު، ރާއްޖޭގެ ވިއްސަކަށް މިނިޓުގެ ފުޓޭޖް ފިލްމުގައި ހިމަނާފައިވެ އެވެ.
ރޯގު ވަން އަކީ ސްޓާ ވޯޒް ފިލްމް ސިލްސިލާގެ ނުވަ ވަނަ ފިލްމެވެ. އެކަމަކު، މިއީ މައި ސިލްސިލާއާ ވަކިން ނެރޭ ދެ ފިލްމު ހިމެނޭ "ސްޓާ ވޯޒް އެންތޮލޮޖީ"ގެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ޕޯސްޓަރުތަކާއި ޓްރެއިލާ އިން ވެސް އެންމެ ބޮޑަށް ފާހަގަކުރެވެނީ ރާއްޖެ އަށް ވަރަށް ބޮޑަށް ފޯކަސް ކޮށްފައިވާ ކަމެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކަން ކޮށްފައިވާ މަސައްކަތެވެ.
މި ފިލްމް މިހާރު އަޅުވާފައިވާ އިރު، ފިލްމަށް އެކި ފަރާތްތަކުގެ ތަރުހީބް ވަރަށް ބޮޑަށް އަންނަނީ ލިބެމުންނެވެ. ހާއްސަކޮށް ރާއްޖޭގެ މަންޒަރުތަކުން ފެންނަ ރީތިކަން ވަރަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Gan Island
18 December 2016
ރާއްޖެ އަކީ ޑަބްުލިއު ޓީ އޯ World Trade Organization ގެ މެންބަރު ޤައުމެއްތޯ ؟؟ އަދި Intellectual property އާއި ބެހޭ ޤާނޫނެއް ރާއްޖޭގައި އޮވޭތޯ ؟؟ އަދި Copyright އާއި އިންޓަރލެކްޗްއަލް މުދާ ރައްކާޔެރިކޮށް ހިމާޔަތް ކޮށްދިނުމަށް ބައިނަލް އަޤުވާމީ ޤަރާރު ތަކާއި މުއާހަދާ ތަކުގައި މިރާއްޖެ ބައިވެރިވެ އިޤުރާރު ވެފައިވޭތޯ ؟؟ . . . ބައެއްގެ ފިކުރީ އުފެއްދުމެއް ބޭނުން ކޮށްގެން ''ވިޔަފާރި ކުރިއެރުވުމަށް'' އެހެން ބައެއްގެ މުދާ ބޭނުން ކުރުމަކީ މިދެންނެވި ހަމަ ތަކާއި މުޅިން ހިލާފު ކަމެއް. . . . Maldives Marketing & Public Relations Corporation އިން މިކަން ކޮށްފި ނަމަ އަނެއްކާވެސް އެމީހުންގެ ނަން ހަޑިވުން ނޫން ކަމެއް ނުވާނެ.
ޝަހާމު އިދްރީސް
18 December 2016
މިކަން އެކަންޏެއްނޫން. މިސް ޔުނިވަރސް އާއި މިސްވޯލްޑް އައި ސްޓަރޒް ޕަރިވާރުގެ އެވޯޑްސް ނައިޓް ވެސް ރާއްޖޭގައި ބާއްވަންވީ. ކުރިން މައުމޫނުގެ ދައުރުގައި މިސް ޔުނިވަރސް ގެ ބައެއް ރާއްޖޭގައި ގެންގޮސްގެން ދީނީ ތަފާތު މީހުންގެ އިނގިލި އޭރު ދިއްކުރެވިގެން ދިޔަނަމަވެސް، މިހާރަކު ހިޔެއް ނުވޭ އެކަން ކުރެވޭވަރު ވާނެހެން. އެއަށްވުރެއް ބޮޑަށް އިލްމްވެރިން ތިބީ ކަސްތަޅު އެޅުވިފައި. އަމިއްލެއަށް...ވެސް...! އެހެންވީރު، މިސް ޔުނިވަރސް މުބާރާތްތަދަ މުބާރާތްތައްވެސް ރާއްޖޭގެ ރިޒޯޓުތަކުގައި ކުރިއަށް ހަމަ ގެންދަންވީއެވެ. އެއީ ވެސް ޓޫރިސްޓުންނަށް ދޭ ހިދުމަތެއްގެ ގޮތުގައެވެ.
ކާރުހާނާ
18 December 2016
ހޮލީވުޑް އިން މިހާތަނަށް ފަންސާހަކަށްހާސް ފިލްމު ނެރެފައިވޭ، ދުނިޔޭގަ އޮތްހެނެއް ހިއެއްނުވޭ ހޮލީވުޑް ފިލްމު ޝޫޓްނުކުރާތަނެއް. އެންޓާޓިކާ، ހިމާލިއާ، ކަނޑުއަޑީގަ، ވައިގެތެރޭގަ، އަލިފާންފަރުބަދައިގަ، ބިމުއަޑީގަ، އިރާގާއި އަފުގާނިސްތާނުގަ..... އެކަމަކު އެންމެ ފިލްމެއްގެ 10 މިނިޓު ރާއްޖޭގަ ޝޫޓްކުރީމަ އެވީ ސްޓޫޑިއޯ އައިލެންޑެއް ހަދަން. ފިޝްކޭން އައިލެންޑްވެސް 300 އެއްހާ މިލިއަނުން ދަރަނިވެރިވެފައޮތް ތަނެއްގަ.
ަޢާދަން އަލީ
18 December 2016
ގައުމެއްގެ ޓޫރިޒަމް ހަރުދަނާ ކުރުމާ، ކުރިއެރުވުމުގެ ޒިންމާ އޮންނަ ދައުލަތުގެ މުއައްސަސާތަކުން ކަންކުރަންޖެހޭނެ ގޮތަކީ ދިގުމުއްދަތަކަށް ހެދޭ ސްޓްރެޓީޖިކް ޕްލޭން ހަދައިގެން މިކަން ކުރުން. އެފަދަ ޕްލޭނެއްގައި ހިމެނެންވާނި މިފަދަ އެކިއެކި ކަންކަން. ހަމަ ކުއްލިއަކަށް އިހަށްދުވަހު ކުޅުނު ފިލްމެއް ނެރުނީމަ އެވާހަކަ ދައްކާ މީހުން ގިނަވާއިރަށް ވަޒީރަކު އާން މިހާރު މިއުޅެނީ ރާއްޖޭގަ ފިލްމު ކުޅުމުގެ ފުރުސަތު އިތުރުކުރުމަށް މަސައްކަތްތަކެއް ފަށާށޭ، ވިލެޖްވެސް އަޅަންށޭ ބުނީމަ ވަރަށް ޖޯކް. ތިޔަހެން ކުއްލިއަކަށް ކުރަަން އުޅޭ ކަންކަމުން ގައުމަށްވާނެ ފައިދާއަށްވުރެ ތިޔަކަމުގަ އުޅޭނެ ބަޔަކަށް ލިބޭނެ ފައިދާ ބޮޑުވާނެ. މިއީ އެންމެ ފަހުން ތިޔަކަންވެސް ނިމޭނެ ގޮތަކީ.
ހަހުރަ
18 December 2016
ތިއީ އަހަރެން އެންމެ ކުރިންވެސް އަނގައިގަ ލޭރަހަ ލަންދެން ދެއްކި ވާހަކައަކީ!!! ފެންވަރުގެ 3ޑީ ސްޓޫޑިއޯއެއް ހަދަންޖެހޭ ވާހަކަ! ކޮންމެހެން ބޭރުގެ ފިލްމުތައް މިތާ ކުޅުވާކަށްނޫން!! ދިވެހި ފިލްމް އިންޑަސްޓްރީ ކުރިއަރާނީ މިފަދަ ތަނެއް ލިބިގެން! ސްޓޫޑިއޯ އައިލެންޑެއް ނޫން ފިލްމް ސިޓީއެއް ދިވެހި ފިލްމް އިންޑަސްޓްރީއަށް ބޭނުންވަނީ!! މިތާގައި ބޭރުގެ ފިލްމު ނުކުޅޭށެކޭ ނޫން! އެކަމަކު ދިވެހި ފިލްމީ ފަންނާނުނަށްށާ ޑިރެކްޓަރުން އަދި ޕްރޮޑަކްޝަން ހައުސް ތަކަށް ފުރުސަތު ލިބެންޖެހޭނެ. އެހެންނޫނީ އެންމެބަޔަކަށް ފައިދާ ވާގޮތަށް ކަންތައްކުރަންޏާ މިކަން މިތާނުކުރިއަސް ވަރިހަމަ!!!!!
ޢަލިބެ ހަދުވަރުގެ
18 December 2016
ބުނާ ތީ އަޑު އެހިން ތި އެމްއެންޕީއާސީ ހިންގަން ހަވާލުވެފައިހުރި ވެރިޔާ ބުނީ ކޮން ފައިދާ އެއްހޭ ވަނީ ތިފިލްމް ރާއްޖޭ ފައި ނަގައިގެން، ޑައިރެކްޓް ފައިދާއެއް ނުވެއޭ! މިހާރު ހީވޭ ކަމެއް ހެން
އެމްވީވޮޗް
18 December 2016
އަވަހަށް މަޖިލީހަށް އަނެއް ބިލް ލާން ރެޑީވަނީ ދޯ. ދެން އާވައްތަރެއްގެ ޓެކްސްއެއް ތައާރަފްކޮށް ފެލަން ފަށާ
އިޔެ
17 December 2016
އަދި ތަންކޮޅެއް އަވަސް ތިކަމާއި އުޅެން. ފިލްމު އެޅުވުމުގެ ކުރިން ކުރިނަމަ.
ސައްޕު
17 December 2016
ފިލްމު ޕްރިމިއަރކުރުމުގެ ކުރިން އެގޭނެ ބާ، އެ ފިލްމުގައި ފިލްމުގެ ޕްރޮޑިޔުސަރ ދިވެހިރާއްޖެ ގެނެސްދީފައިވާ ގޮތާ އަދި ރާއްޖޭގެ ގައި ނަގާފައިވާ ބައިގެ ދިގުމިނެއް!