2020 ގައްދޫ ޕްރޯ ސާފިން ޗެމްޕިއަންކަން ހޯދި ސްމައިލީ.-- ފޮޓޯ: އެމްއެސްއޭ
09 ފެބުރުއަރީ 2022 - 00:51
ބައިނަލްއަގްވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން 2024 ގައި ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކް މުބާރާތަށް ކޮލިފައިވުމަށް އެހީވުމަށްޓަކައި ކުރިއަށް ގެންދާ އޮލިމްޕިކް ސޮލިޑަރިޓީ ސްކޮލާޝިޕް ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ރާޅާއެޅުންތެރިޔާ އިސްމާއިލް ރަޝީދު (ސްމައިލީ) އަށް ލިބިއްޖެ އެވެ.
ގދ. ގައްދު އަށް އުފަން ސްމައިލީ އަކީ އެންމެ ފުރަތަމަ 2019 ވަނަ އަހަރު ގައުމީ ސާފިން ޓީމު އެކުލަވައިލަން ބޭއްވި ޓްރަޔަލް އިން އެއްވަނަ ހޯދައިގެން މިއަދާ ހަމައަށް ވެސް ގައުމީ ޓީމުގައި ދެމިހުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ ކުރު މުއްދަތެއްގައި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް މުބާރާތްތަކުގައި ވާދަކޮށް، ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ސްމައިލީ އަށް އައިއޯސީން ލިބުނު ފުރުސަތާއެކު، ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) ރޭ "މިހާރު" އަށް ވިދާޅުވީ، މިއީ ސާފިން އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ހާއްސަކޮށް ސްމައިލީ ފަދަ އަހުލާގު ރަނގަޅު އެތުލީޓަކަށް މި ފުރުސަތު ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ސޮބާހު ވިދާޅުވި އެވެ.
2019 ވަނަ އަހަރު ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރި ގައުމީ ޓީމުގައި ސްމައިލީ (ކ) -- ފޮޓޯ: އެމްއެސްއޭ
"ވަރަށް އުފާވޭ ސްމައިލީ ކަހަލަ ޑިސިޕްލިން އެތުލީޓަކަށް މި ކަހަލަ ފުރުސަތެއް ލިބުނީާ. ވަރަށް ޕޮޓެންޝަލް ހައި އެތުލީޓެއް [ސްމައިލީއަކީ]. މީގެ ސަބަބުން ރަނގަޅު އިކުއިޕްމަންޓްތަކާއެކު ވާދަވެރި، ގިނަ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވާން ފުރުސަތު ފަހިވެ، ތަޖުރިބާ ވެސް ލިބޭނެ،" ސޮބާހު ވިދާޅުވި އެވެ.
"އިތުރު ހަރުފަތަކަށް ދާން ރަނގަޅު ފުރުސަތެއް މި ލިބުނީ."
ސޮބާހު ވިދާޅުވީ، ސާފިން އަކީ ވެސް މިހާރު އޮލިމްޕިކް ކުޅިވަރެއް ކަމަށް ވާއިރު، ރާއްޖެ ތަމްސީލުކޮށް ރީތި ނަން ހޯދައިދެވޭނެ ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަން މި ސްކޮލާޝިޕްގެ ދަށުން ސްމައިލީ އަށް ލިބޭ ތަމްރީނުތަކާއި ތަޖުރިބާ ރާއްޖޭގެ އަރަމުން އަންނަ ޒުވާން ސާފަރުންނާ ހިއްސާ ކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ސާފިން އިވެންޓް ބޭއްވިއިރު، އެ މުބާރާތަށް ރާއްޖޭގެ އެންމެ ކާމިޔާބު ރާޅާއެޅުންތެރިޔާ އިބްރާހިމް އަރީފް (އިބޫ) އަށް ވެސް ވަނީ އޮލިމްޕިކް ސްކޮލާޝިޕެއް ލިބިފަ އެވެ.
ޓޯކިއޯ އޮލިމްޕިކްސް އަށް ކޮލިފައި ނުވި ނަމަވެސް ޗައިނާގައި 2019 ގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފައިނަލްގައި އިބޫ އާއި ސްމައިލީ ވަނީ ވާދަކޮށްފަ އެވެ. އިބޫ އެ މުބާރާތުން ލޯ މެޑަލް ހޯދިއިރު، ސްމައިލީ ނިންމީ ހަތަރުވަނައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy