ކުޅިވަރު / ކްލަބް ވޯލްޑް ކަޕް

ޔޫރަޕުގެ ޗެމްޕިއަން ޗެލްސީ ކްލަބު ވޯލްޑް ކަޕް ފައިނަލަށް

އަބޫ ދާބީ، ޔޫއޭއީ (ފެބްރުއަރީ 10) - އޭޝިއާގެ ޗެމްޕިއަން ސައުދީ އަރަބިޔާގެ އަލް ހިލާލް ބަލިކޮށް، ޔޫރަޕުގެ ޗެމްޕިއަން ޗެލްސީން ފީފާ ކްލަބް ވޯލްޑް ކަޕުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އަލް ހިލާލް އާ ދެކޮޅަށް ޗެލްސީން ރޭ ޔޫއޭއީގައި ކުޅުނު މެޗު ކާމިޔާބުކުރީ 1-0 އިންނެވެ. މި މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު 32 ވަނަ މިނިޓުގައި ޖަހައިދިނީ ރޮމެލޫ ލުކާކޫ އެވެ.

ފުރަތަމަ ހާފާ ހިލާފަށް ފަހު ހާފުގައި އަލް ހިލާލުން ވަނީ ވަރަށް ބޮޑަށް ކުރިޔަށް ޖެހިގެން މޮޅަށް ކުޅެފަ އެވެ. ޗެލްސީގެ ގޯލާ އަމާޒުކޮށް އެޓީމުން ފޮނުވާލި ހަމަލާތައް ކީޕަރު ކެޕާ އަރިޒަބަލާގާ ވަނީ ހުޝިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ. ސެނެގާލްއާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކުރުމަށް ފަހު، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑާ އެކު އެޑުއާޑް މެންޑީ ގައުމީ ޓީމު ދޫކޮށް، އިއްޔެ އެނބުރި ޗެލްސީއާ ގުޅުނު ނަމަވެސް އޭނާ ރޭ އިނީ ބެންޗުގަ އެވެ.

އަލް ހިލާލް ސެމީ ފައިނަލަށް ދަތުރުކުރީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޔޫއޭއީގެ ލީގު ޗެމްޕިއަން އަލް ޖަޒީރާ ބަލިކޮށްފަ އެވެ. އަލް ޖަޒީރާ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި، އޯޝޭނިއާ ބައްރު ތަމްސީލުކުރާ ތަހިޓީގެ އޭއެސް ޕިރާއޭ ބަލިކޮށްފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ޗެލްސީ ވާދަކުރާނީ ދެކުނު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްގެ ޕަލްމެއިރާސް އާއެވެ. ޕަލްމެއިރާސް ވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި، އެފްރިކާގެ ޗެމްޕިއަން ޓީމު، މިސްރުގެ އަލް އަހްލީ 2-0 އިން ބަލި ކޮށްފަ އެވެ. އަލް އަހްލީ ސެމީގެ ޖާގަ ހޯދީ އުތުރު އެމެރިކާގެ ޗެމްޕިއަން ޓީމު، މެކްސިކޯގެ މޮންޓެރޭ ބަލިކޮށްފަ އެވެ.

މިއީ ޗެލްސީ ކްލަބް ވޯލްޑް ކަޕުގައި ކުޅޭ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2012 ވަނަ އަހަރުގެ ފައިނަލުން އެޓީމު ބަލިވީ ބްރެޒިލްގެ ކޮރިންތިއަންސް އަތުން 1-0 އިންނެވެ. ޗެލްސީއަކީ 2000 ވަނަ އަހަރުން ފެށިގެން ބާއްވާ ކްލަބް ވޯލްޑް ކަޕުގައި ވާދަކުރާ އިނގިރޭސިވިލާތުގެ ތިންވަނަ ކުލަބެވެ. މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ވެސް ވަނީ ދެފަހަރު ވާދަކޮށް، އެއްފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން މުބާރާތް ކާމިޔާބުކުރީ ޖަރުމަންގެ ބެޔާން މިއުނިކެވެ. އެޓީމުން ވަނީ ދެފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ. ރެއާލް ވަނީ ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މި އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕުގެ ތިންވަނަ ހޮވާ މެޗުގައި ވާދަކުރާނީ އަލް ހިލާލް އަދި އަލް އަހްލީ އެވެ. މި މެޗު ފަށާނީ ހޮނިހިރު ދުވަހު ހަވީރު ރާއްޖޭ ގަޑިން 6 ޖަހާއިރެވެ. ޗެލްސީ އާއި ޕަލްމެއިރާސް ބައްދަލުކުރާ ފައިނަލް މެޗް ފަށާނީ ހޮނިހިރު ދުވަހުގެ ރޭ 9:30 ގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454