ދުނިޔޭގެ ކުޅިވަރު

ހިތް ހުއްޓުނު އެރިކްސަން، އަށް މަހަށް ފަހު މެޗެއް ކުޅެފި

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނު މެޗުގެ ކުރިން ބްރެންޓްފޯޑުގެ ކުޅުންތެރިއެއްގެ ގޮތުގައި އެރިކްސަން ތައާރަފް ކުރަނީ. --ފޮޓޯ:އޭއެފްޕީ

15 ފެބުރުއަރީ 2022 - 11:49

ބްރެންޑްފޯޑް (ފެބްރުއަރީ 15) - މިދިޔަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުޅެނިކޮށް ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނު ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން، އެ ހާދިސާގެ ފަހުން ފުރަތަމަ މެޗު ކުޅެފި އެވެ.

ހިތުގެ މައްސަލަ ދިމާވެފައިވާ ކުޅުންތެރިންނަށް އިޓަލީގައި ކުޅުމުގެ ހުއްދަ ނުދޭތީ މިދިޔަ ޑިސެމަބަރު މަހު އިންޓަ މިލާން ދޫކޮށްލަން މަޖުބޫރުވި އެރިކްސަން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބް ބްރެންޓްފޯޑަށް ބަދަލުވެފަ އެވެ. ސައުތުއެންޑް ޔުނައިޓެޑާ ދެކޮޅަށް ބްރެންޓްފޯޑް ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ގަޑިއެއްހާ އިރު އެރިކްސަން ވަނީ ކުޅެފަ އެވެ. ބްރެންޓްފޯޑް 3-2 އިން މޮޅުވި އެ މެޗުގައި ޓޮޓެންހަމްގެ ކުރީގެ ކުޅުންތެރިޔާ ވަނީ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އުމުރުން 30 އަހަރު މިއަދު ފުރުނު އެރިކްސަން ބީބީސީ އަށް ބުނެފައި ވަނީ ޔޫރޯ 2020 ގައި ކުޅެނިކޮށް ހިތުގެ ބޮޑު މައްސަލައެއް ދިމާވުމަށް ފަހު ފުޓުބޯޅަ ކެރިއަރު އަލުން ފެށުމަކީ މުއުޖިޒާތެއް ފަދަ ކަމެއް ކަމަށެވެ. އަދި ޑޮކްޓަރުންނާއި އޭނާގެ އަމިއްލަ ނަފްސަށް އިތުބާރު އެބައޮތް ކަމަށާއި އެހެންވެ ފުޓުބޯޅަ ކުޅެން އަލުން ފަށަން ބިރު ނުގަންނަ ކަމަށް ބުންޏެވެ.

ޑެންމާކުގެ ބައިނަލްއަގުވާމީ ކުޅުންތެރިޔާ މިހާރު ދަނީ މެޗު ފިޓްނެސް ހޯދަމުންނެވެ. ސަޕޯޓަރުން ނުވައްދާ ސައުތުއެންޑާ ދެކޮޅަށް ބްރެންޓްފޯޑް ރޭ ކުޅުނު މެޗަކީ ކޯޗު ތޯމަސް ފްރޭންކަށް އެރިކްސަންގެ ފިޓްނަސް ވަޒަންކޮށްލަން ލިބުނު ފުރުސަތެކެވެ.

އަށް މަސް ދުވަހަށް ފަހު ފުޓުބޯޅަ މެޗެއްގައި ކުޅުމަކީ އެރިކްސަންގެ 30 ވަނަ އުފަން ދުވަހުގެ ރަނގަޅު ހަދިޔާއެއް ކަމަށް ބްރެންޓްފޯޑުން ބުނެ އެވެ.

ވާދަވެރި މެޗެއްގައި އެރިކްސަން އެންމެ ފަހުން ކުޅުނީ ޖޫން 12، 2021 ގައި ފިންލޭންޑާ ދެކޮޅަށް ޔޫރޯގައި ޑެންމާކު ކުޅުނު މެޗުގަ އެވެ. އެ މެޗުގައި އެރިކްސަންގެ ހިތް ހުއްޓިގެން ދަނޑުމައްޗަށް ވެއްޓުމާ ގުޅިގެން އޭނާ އަށް ވަނީ ދަނޑުމަތީގައި ސީޕީއާރު ދިނުމަށް ފަހު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަނީ ހިތަށް އައިސީޑީއެއް ލައްވައިފަ އެވެ.

އިންޓަ މިލާންގެ ކޮންޓްރެކްޓް އުވާލީ ދެ ފަރާތުން އެއްބަސްވެގެންނެވެ. ސަބަބަކީ އައިސީޑީ ލައްވައިގެން ސީރީ އާގައި ވާދަވެރި ފުޓުބޯޅަ ނުކުޅެވޭތީ އެވެ. ނަމަވެސް ޕްރިމިއާ ލީގުގައި އެފަދަ ގަވާއިދެއް ނޯވެ އެވެ.

އިންޓަ އަށް ބަދަލުވުމުގެ ކުރިން އެރިކްސަން ކުޅުނީ އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އަށެވެ. ޓޮޓެންހަމަށް ކުޅުނު ހަތް ސީޒަނުގައި އެރިކްސަން ވަނީ 305 މެޗު ކުޅެދީ، 69 ލަނޑު ޖަހައިދީފަ އެވެ. އިންޓަ މިލާނުގައި ހޭދަކުރި ކުރު މުއްދަތުގައި އޭނާ ވަނީ އެ ޓީމުން ލީގު ހޯދަން ކުރި 11 އަހަރުގެ ދިގު އިންތިޒާރަށް ނިމުން ގެނެސްދީފަ އެވެ.

ޑެންމާކުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދައިފައިވާ އެރިކްސަން ވަނީ އޭނާ ޓޮޓެންހަމްގައި ހޭދަކުރި ދުވަސްވަރު ޕީއެފްއޭ ޓީމު އޮފް ދި އިޔާގެ މަގާމުގައި ވެސް ހިމެނިފަ އެވެ. ގައުމީ ޓީމަށް 109 މެޗުން 36 ލަނޑު ޖަހައިދީފައިވާ އެރިކްސަން ވަނީ އޭނާގެ ހިތުގެ އޮޕަރޭޝަނުން ރަނގަޅުވެ، އަލުން ކުޅެން ނުކުމެ، މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގައި ވެސް ކުޅެން ބޭނުންވާކަން ހާމަކޮށްފަ އެވެެ.

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނު މެޗުގެ ކުރިން ބްރެންޓްފޯޑުގެ ކުޅުންތެރިއެއްގެ ގޮތުގައި އެރިކްސަން ތައާރަފް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ހިތުގެ އޮޕަރޭޝަނަށް ފަހު، އިންޓަ އިން އޭނާ ދޫކޮށްލި ހިސާބުން އޭނާ ވަނީ ޒުވާން ދުވަސްވަރު ކުޅުނު ޑެންމާކުގެ އޮޑެންސް ބޯލްޑްކުލަބް (އޯބީ) އާ އެކު ފަރިތަކޮށްފަ އެވެ. އަދި ބްރެންޓްފޯޑަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ކުރީގެ ކުލަބް، ނެދަލެންޑްސްގެ އަޔެކްސްއާ އެކު ވެސް ތަމްރީނުތައް ހަދައިފަ އެވެ.

މި އަހަރު މުޅިން އަލަށް ޕްރިމިއާ ލީގުގައި ވާދަކުރާ ބްރެންޓްފޯޑަށް އެރިކްސަން، ބަދަލުވީ ހިލޭ ޓްރާންސްފާގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ. އަދި ކުލަބުން ބޭނުން ނަމަ އިތުރު އެއް ސީޒަނަށް އޭނާގެ ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ވެސް ބްރެންޓްފޯޑަށް އެބައޮތެވެ.

ބްރެންޓްފޯޑުގެ ކޯޗު ޑެންމާކުގެ ތޯމަސް ފްރޭންކް ވަނީ އެ ގައުމުގެ 17 އަހަރުން ދަށުގެ ޓީމުގައި އެރިކްސަން އަށް އިރުޝާދު ދީފަ އެވެ. އަދި އޭނާ ވަނީ ކުޅުމާ ދުރުގައި ހުރި ދިގު މުއްދަތުގައި ވެސް އަމިއްލައަށް ފިޓްނަސް ހިފަހައްޓަން ކުރި މަސައްކަތްތަކަށް އެރިކްސަނަށް ތައުރީފް ކޮށްފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454