ކުޅިވަރު / ޔޫރޮޕާ ލީގް

ޔޫރޮޕާ ލީގުގައި ބާސާ އާއި ގަލަޓަސަރާއީ ކުރިމަތިލާން ޖެހިއްޖެ

ނިޔޯން (ފެބަރުއަރީ 26) - ޔޫއެފާ ޔޫރޮޕާ ލީގު ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ބާސެލޯނާ އާއި ތުރުކީގެ ގަލަޓަސަރާއީ ވާދަކުރަން ޖެހިއްޖެ އެވެ.

ބާސެލޯނާ ވަނީ ބުރާސްފަތި ދުވަހުގެ ރޭ ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗު 4-2 އިން ކާމިޔާބުކޮށް، މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ. ސްޕެއިންގައި ކުޅުނު ފުރަތަމަ ލެގު 1-1 އިން އެއްވަރުވި ނަމަވެސް ދެވަނަ ލެގު ކާމިޔާބުކޮށް ބާސެލޯނާ ވަނީ 5-3 ގެ އެގްރިގޭޓް ނަތީޖާއިން އިޓަލީގެ ނަޕޯލީގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބާސެލޯނާ ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައިފަ އެވެ. ޖޯޑީ އަލްބާ އާއި ފްރެންކީ ޑި ޔޮންގް އަދި ޖެރާޑް ޕީކޭ ފުރަތަމަ ހާފުގައި ބާސާގެ ލަނޑުތައް ޖަހައިދިން އިރު، ހަތަރުވަނަ ލަނޑު ފަހު ހާފުގައި ޖަހައިދިނީ ޕިއޭ އެމެރިކް އޮބާމެޔަންގް އެވެ. ނަޕޯލީގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޕެނަލްޓީއަކުން ޖަހައިދިނީ ލޮރެންޒޯ އިންސިނިއޭ އެވެ. އަދި ދެވަނަ ލަނޑު މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ މަޓެއޯ ޕޮލިޓާނޯ އެވެ.

ކުއާޓާ ފައިނަލުން ޖާގަ ހޯދަން ބާސެލޯނާ އާއި ގަލަޓަސަރާއީ ބައްދަލުކުރާ ދެ ލެގު ވެސް ކުޅޭނީ އަންނަ މާޗު މަހު އެވެ. ފުރަތަމަ ލެގު ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމްގައި މާޗު 10 ވަނަ ދުވަހުގެ ރޭ ކުޅެން ހަމަޖެހިފައި ވާއިރު، ދެވަނަ ލެގު ކުޅޭނީ އޭގެ އެއް ހަފްތާ ފަހުން ތުރުކީގަ އެވެ.

ގަލަޓަސަރާއީ ވަނީ ޔޫރޮޕާ ލީގް ގުރޫޕް ސްޓޭޖުގައި އިޓަލީގެ ލާޒިއޯ އާއި ފްރާންސްގެ މާސޭ ފަހަތަށް ޖައްސާލައި، ގުރޫޕްގެ އެއްވަނަ ހޯދައި، ގަދަ 16 އިން ސީދާ ޖާގައެއް ހޯދައިފަ އެވެ. ޕްލޭއޮފް ކުޅެން ޖެހުނު ލާޒިއޯ ވަނީ ޕޯޓޯ އަތުން 4-3 ގެ އެގްރިގޭޓުން ބަލިވެފަ އެވެ.

އިއްޔެ ނެގި ގުރަށް ފަހު، ގަދަ 16 އަށް ދަތުރުކުރި ފްރާންސްގެ ދެ ޓީމު ވެސް ވާދަކުރަން ޖެހުނީ ޕޯޗުގަލްގެ ދެ ޓީމާ އެވެ. ކުއާޓާ އިން ޖާގަ ހޯދަން މޮނާކޯ ނުކުންނާނީ ޕޯޗުގަލްގެ ބްރާގާއާ ދެކޮޅަށެވެ. އަދި ލިޔޯން ނުކުންނާނީ ޕޯޓޯއާ ދެކޮޅަށެވެ. ޕްލޭއޮފްގައި ގްރީސްގެ އޮލިމްޕިއާކޯސް ބަލިކުރި އިޓަލީގެ އެޓަލާންޓާ މި ބުރުގައި ވާދަކުރަން ޖެހެނީ ޖަރުމަނުގެ ބެޔާ ލެވެކޫސަންއާ އެވެ.

ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ތިންވަނަ ހޯދައިގެން ޔޫރޮޕާ ލީގު ނޮކްއައުޓް ބުރުގެ ޕްލޭއޮފް ކުޅެން ޖެހުނު ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ގަދަ 16 އަށް ނުގޮސް ކަޓައިފަ އެވެ. ޕްލޭއޮފްގައި ޑޯޓްމަންޑް ބަލިވީ ސްކޮޓްލެންޑުގެ ރޭންޖާސްއާ ވާދަކޮށް 6-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ފުރަތަމަ ލެގު ރޭންޖާސް އިން ރަށުން ބޭރުގައި 4-2 އިން ކާމިޔާބުކުރިއިރު، ދެވަނަ ލެގު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ކުއާޓާއިން ޖާގަ ހޯދަން ރޭންޖާސް ވާދަކުރާނީ ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑާ ދެކޮޅަށެވެ.

ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓެސްބާގާ ދެކޮޅަށް 3-2 ގެ އެގްރިގޭޓް ނަތީޖާއިން ބަލިކުރި ސްޕެއިންގެ ރެއާލް ބެޓިސް ވާދަކުރާނީ ޖަރުމަނުގެ އެއިންޓްރަކްޓް ފްރެންކްފާޓާ އެވެ. އަދި ނަޕޯލީ އާއި ލެސްޓާ ސިޓީ ފަހަތަށް ޖައްސާލައި ގުރޫޕް ސްޓޭޖުގައި ގުރޫޕްގެ އެއްވަނަ ހޯދި ރަޝިއާގެ ސްޕާޓަކް މޮސްކޯ ވާދަކުރަން ޖެހުނީ ޕްލޭއޮފްގައި ރެއާލް ސޮސެއިޑާޑް 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރި ޖަރުމަނުގެ އާރުބީ ލައިޕްޒިގާ ދެކޮޅަށެވެ. ލައިޕްޒިގް އާއި ސްޕާޓަކް މޮސްކޯ ވާދަކުރާ ފުރަތަމަ ލެގު ލައިޕްޒިގުގެ ރެޑްބުލް އެރީނާގައި ކުޅެން ހަމަޖެހިފައި ވާއިރު، ރަޝިއާ އާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނދުރާމައިގެ ސަބަބުން ދެވަނަ ލެގު ކުޅޭނީ ނިއުޓްރަލް ދަނޑެއްގަ އެވެ.

ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމް ސެވިއްޔާ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ބައްދަލުކުރަން ޖެހޭނީ ގުރޫޕް ސްޓޭޖުގައި، ގުރޫޕްގެ އެއްވަނަ ހޯދި އިނގިރޭސި ކުލަބް ވެސްޓް ހޭމް ޔުނައިޓެޑާ އެވެ. ޕްލޭއޮފްގެ ދެވަނަ ލެގުގައި ސެވިއްޔާ 1-0 އިން ބަލިވި ނަމަވެސް ފުރަތަމަ ލެގު އެޓީމު ވަނީ 3-1 އިން ކާމިޔާބު ކޮށްފަ އެވެ.

ކޮންފަރެންސް ލީގުގައި ލެސްޓާ ނުކުންނާނީ ޓޮޓެންހަމް ކަޓުވާލި ރެންސްއާ ދެކޮޅަށް

ވެސްޓް ހޭމް ޔުނައިޓެޑަކީ ޔޫރޮޕާ ލީގު ނޮކައުޓް ބުރަށް ދަތުރުކުރި ހަމައެކަނި އިނގިރޭސި ކްލަބެވެ. ޔޫރޮޕާ ލީގުގައި ދެން ވާދަކުރި ލެސްޓާ ސިޓީ އަށް ގުރޫޕުގެ ތިންވަނަ ލިބުމުން އެޓީމަށް ޖެހުނީ މި ސީޒަނުގައި މުޅިން އަލަށް ފެށި ޔޫރޮޕާ ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފް ކުޅޭށެވެ.

ލެސްޓާ ވަނީ ޕްލޭއޮފްގައި ޑެންމާކުގެ ރެންޑާސް 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށް، ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. އަދި ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ލެސްޓާ ނުކުންނާނީ ކޮންފަރެންސް ލީގުގެ ގުރޫޕް ސްޓޭޖުން ޓޮޓެންހަމް ހޮޓްސްޕާ ކަޓުވާލި ފްރާންސްގެ ރެންސްއާ ދެކޮޅަށެވެ.

ރެންސްގެ ފަހަތުން އެ ގުރޫޕުގެ ދެވަނަ ހޯދި ނެދަލެންޑްސްގެ ވިޓޭސޭ ވަނީ ޕްލޭއޮފްގައި އޮސްޓްރިއާގެ ރެޕިޑް ވިއެނާ 3-2 ގެ އެގްރިގޭޓް ސްކޯއިން ބަލި ކޮށްފަ އެވެ. ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ވިޓޭސޭ ބައްދަލުކުރާނީ އިޓަލީގެ އޭއެސް ރޯމާއާ ދެކޮޅަށެވެ.

ފްރާންސްގެ މާސޭ ވެސް ވަނީ ޕްލޭއޮފްގައި އަޒަރްބައިޖާންގެ ގަރަބާގާ ދެކޮޅަށް ކުޅުނު ދެ ލެގު، 6-1 ގެ އެގްރިގޭޓް ނަތީޖާއިން ކާމިޔާބު ކޮށްފަ އެވެ. ނޮކައުޓް ބުރުގައި މާސޭ ނުކުންނާނީ ސްވިޒަލެންޑުގެ ބަސެލްއާ ދެކޮޅަށެވެ.

6 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވީޑިއޯ ރެފް

26 February 2022

ބާސާ މިހާރު ފެންނަނީ ގާޑިއޯލާ ޓީމާގުޅުނު ދުވަސްވަރު ފެންނަކަހަލަ، އެމީހުންގެ އަސްލުކުޅުމާ ވައްތަރު ކަހަލަ ކުޅުމެއް. މެދުތެރެއިން ޕްޑްރީ އޮބިނޯވޭ، އެޑަމާ ޓަރައޮޜޭ ދުއްވައިގަތީ ކާރިވާ ކުޅުންތެރިން ތެދުވާނެ ވަގުތެއް ނުވޭ ބިންމަތީ ތިބެނޭ، ކުޑަކޮށް ޑިފެންސް ރަގަޅުކޮށްލަނިކޮށް ވަރަށް ރަގަޅު ފޯމަކަށް އާދެވެނެކަމަށް ބެލެވޭ.

The name is already taken The name is available. Register?

ހަކަންސުކާ

26 February 2022

ގަލަޓަސަރާއީ ދަނޑަކީ އިދިކޮޅުޓީމުތައް އެންމެޖެހިލުންވާ، އެންމެ ހޮސްޓައިލް ދަނޑު. ބާސާ ކުދިން ކިހާވަރަކުންދާނެބާ؟

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

26 February 2022

ތިބުނީ ވަރަށް ބޮޑު ތެދެއް.2000 އެޕްރީލް 5 ވަނަ ދުވަހު ލީޑްސް ޔުނައިޓެޑް އަދި ގަލަޓަސަރާއި ބައްދަލުކުރި މެޗްގަ ދަނޑު ބޭރު ވެސް ވަރަށް ހޫނުކޮށް ދިޔައީ.އިނގިރޭސި ސަޕޯޓަރުން ގަޔަށް އިސްތަންބޫލްގަ ވަޅި ޖެހި.

The name is already taken The name is available. Register?

ކުޑަކަތީބު

26 February 2022

ކޮންމެ ލީގެއްގަ އޮތަސް ޔޫއެފާލޯނާއަށް ހާއްސަ އިނާޔަތް ލިބޭކަން ދެ ލެގުން ވެސް ފެނުނީ

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރް

26 February 2022

ކުޑަކަތީބުގެ ލޮލަށް މިރުސްދުމުގެ އަސަރުކޮށްފަހުރީމަ ތިގޮތަށް ފެނުމަކީ ހައިރާންވާން ޖެހޭވަރުގެ ކަމެއްނޫން. އައިކެޔާއިން ހެޔޮވަރުގެ ނަންބަރު އައިނެއް އަޅާލައިގެން މެޗްބަލާލީމަ އަސްލުމަންޒަރު ފެންނާނެ. އޭރުން އިގޭނެ ރެއާލް މެޑްރިޑްން ވިދިވިދިގެން 3 ފަހަރު ތަށިނެގީ ކިހިނެއްކަން. މެޔާންމިއުނިކް ކަޓްވާލީ ރޮނާލްޑޯ ކޮންކަހަލަ 2 ގޯލްޖަހައިގެންކަން.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

27 February 2022

@ކުޑަކަތީބް ރޭގަ ބެލިންތަ އެވަޓަން އަދި ސިޓީ ބައްދަލުކުރި މެޗް؟؟ އިނާޔަތް ލިބުނީ ކޮންކްލަބަކަށްތޯ ސާފްކޮށް ފެންނާނެ.ލަމްޕާޑް ބުނީ އޭނަގެ 03 އަހަރުގެ ދަރިފުޅަށް ވެސް އެނގޭ އެވަޓަންއަށް ޕެނަލްޓީއެއް ލިބެންޖެހޭކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454