ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް: ރަޝިއާގެ ހަނގުރާމައާ ބެހޭޣޮތުން ނޫސްވެރިން ސުވާލު ކުރާތީ އޭނާ ހުރީ ހިތްހަމަނުޖެހިފައި --- ފޮޓޯ: އޭއެފްޕީ
02 މާޗް 2022 - 11:16
ލަންޑަން (މާޗް 2) - ރޯމަން އަބްރޮމޮވިޗާއި ރަޝިއާގެ ހަނގުރާމައާ ބެހޭގޮތުން އޭނާ އާ ސުވާލު ނުކުރަން ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް ނޫސްވެރިންނަށް އަންގައިފި އެވެ.
އެފްއޭ ކަޕްގެ ފަސްވަނަ ބުރުގެ މެޗަށް ޗެލްސީ ނުކުތުމުގެ ކުރިން ބޭއްވި ޕްރީ މެޗް ޕްރެސްގައި ނޫސްވެރިން ވަނީ ޗެލްސީގެ އޯނަރު އަދި ރަޝިއާގެ ބިލިއަނަރު އަބްރޮމޮވިޗާއި ރަޝިއާ އާއި ޔޫކްރޭނުން ކުރަމުންދާ ހަނަގުރާމައާ ބެހޭގޮތުން ޓުޗެލްއާ ގިނަ ސުވާލުތަކެއް ކޮށްފަ އެވެ.
ރަޝިއާ އާއި ޔޫކްރޭނުން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ގޮތުން އަބްރޮމޮވިޗްގެ ނުފޫޒު އޭނާ ބޭނުން ކުރާނެތޯ ނޫސްވެރިޔަކު ސުވާލު ކުރަން ފެށުމުން ޓުޗެލް ވަނީ ސުވާލުގެ މެދުތެރެއިން ވާހަކަ ފަށައި ސުވާލަށް ހުރަސްއަޅައިފަ އެވެ.
"އަޑު އަހާ.. އަޑު އަހާ.. އަޑު އަހާ. ތި ސުވާލުތައް އަހަންނާ ކުރިމަތިކުރުން ހުއްޓާލަން ޖެހޭ. އަހަންނަކީ ސިޔާސީ މީހެއް ނޫން،" ނޫސްވެރިޔާގެ ސުވާލު މެދުކަނޑާލައި ޓުޗެލް ހިތްހަމަނުޖެހި ހުރެ ވާހަކަ ދައްކަން ފެށި އެވެ.
"އިހްލާސްތެރިކަމާ އެކު އަހަރެން މި ބުނަނީ ތި ސުވާލުތައް ކުރުން ހުއްޓާލަން ޖެހޭއޭ. މި ވާހަކަ ތަކުރާރުކޮށް ބުނަން އަހަންނަށް އުނދަގޫވޭ. ސަބަބަކީ އަހަރެން ހަނގުރާމައެއް ތަޖުރިބާ ނުކުރަން. އެހެންވީމަ އެ ވާހަކަ ތަކުރާރުކޮށް ދައްކަން އަހަންނަށް އުނދަގޫވޭ. އަހަރެން މި ހުރީ ވަރަށް ޝަރަފުވެރި މަގާމެއްގައި. އަހަރެން މިތާނގައި އިށީންދެގެން މި އިންނަނީ ސުލްހަވެރިކަމާ އެކު. އަހަރެންގެ ވަޒިފާ އެންމެ ރަނގަޅަކަށް އަދާކުރަމުން މިދަނީ. އެކަަމަކު ކަލޭމެން އެބަޖެހޭ ތި ސުވާލުތައް އަހަންނާ ކުރުން ހުއްޓާލަން. ތި ސުވާލަށް އަހަރެން އަތުގައި ޖަވާބެއް ނެތް."
ޗެލްސީގެ ހިންގުން ޗެރިޓީ ފައުންޑޭޝަނަކާ ހަވާލު ކުރުމަށް ވިސްނަމުންދާ ކަމަށް އަބްރޮމޮވިޗް އިޝާރާތް ކޮށްފައިވުމުން އެކަމާ ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން ޓުޗެލް ބުނީ އޭނާ އަށް އެކަމުގެ އެކަށީގެންވާ މައުލޫމާތު ލިބިފައި ނެތް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
02 March 2022
ދޮގެއްވާނޫނޭ ބައެއްނޫސްވެރިން ތިބެނީ ބޮލުރޮދިކެނޑިފަވިއްޔަ އެހެންވީމަވާގޮތް