ވިޔަފާރި / އެޑްވަޓޯރިއަލް

އެމްޓީސީސީގެ ހުންގާނުގައި ކުންފުނީގެ ފިސާރި ކަނބަލުން

އެމްޓީސީސީގެ ޑްރެޖިން އެންޑް ކޮންސްޓްރަކްޝަން ޑިވިޝަނުގެ ޓެކްނިކަލް ދާއިރާގައި މަސައްކަތްކުރާ ކުޅަދާނަ އަންހެނުން-- ފޮޓޯ: އެމްޓީސީސީ

08 މާޗް 2022 - 08:14

4 comments

އެމްޓީސީސީގެ ކާމިޔާބު ދަތުރުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ހާއްސަކޮށް ވޭތުވެދިޔަ ތިން އަހަރު ދުވަހު އެމްޓީސީސީން ހޯދި ކުރިއެރުމާއި ކާމިޔާބީއަކީ އަދުގެ ސަރުކާރުން ފެށިގެން އާންމު ރައްޔިތުންގެ ދުލުން ވެސް އިވޭ ވާހަކަތަކެކެވެ. އެ ކުންފުނީގެ މިހާރުގެ ސީއީއޯ އާދަމް އާޒިމްގެ ނަޒަރުގައި، ކުންފުނިން ހޯދާފައިވާ ކޮންމެ ކާމިޔާބީއަކީ ވެސް މުއައްޒަފުންގެ ބުރަ އަދި މިންނަތް މަސައްކަތުގެ ނަތީޖާ އެވެ. "މުއައްޒަފުންނޭ" އެ ވިދާޅުވަނީ ކުންފުނީގެ ގިނަ ފިރިހެން މުއައްޒަފުންނަށް ނިސްބަތްކޮށެއް ނޫނެވެ. ނަވާރަސަތޭކަ އައްޑިހަ ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ކުންފުނީގެ ތަރައްގީގެ ދަތުރުގައި އަންހެން މުއައްޒަފުންގެ ހިއްސާ ބޮޑު ކުންފުންޏެކެވެ.

ކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓުން ފެށިގެން އެންމެ އާދައިގެ މުއައްޒަފުންނާ ހަމައަށް ފެންނަ މޫނުތަކުގެ ތެރޭގައި އަންހެން މުވައްޒަފުން ހިމެނެ އެވެ. ހަމައެކަނި އިދާރީ މުއައްޒަފުންގެ ގޮތުގައެއް ނޫނެވެ. ޓެކްނިކަލް މުއައްޒަފުންގެ ގޮތުގައި ވެސް އަންހެންނުން ހަރަކާތްތެރިވެ އެވެ. މީގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖަރުންނާއި، ސައިޓް ސުޕަވައިޒަރުންނާއި، ސާވޭއިން އޮފިސަރުންނާއި ބަސް އެޓެންޑެންޓުންނާއި، ބަސް ޑްރައިވަރުންނާއި އަދި ސެކިއުރިޓީ އޮފިސަރުން ހިމެނެ އެވެ.

މި ވަގުތު އެމްޓީސީސީގައި 290 އަންހެން މުއައްޒަފުން ވަޒީފާ އަދާކުރެ އެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު 36، 2020 ވަނަ އަހަރު 41 އަދި 2021 ވަނަ އަހަރު 140 އަންހެން މުއައްޒަފުން ވަނީ އެ ކުންފުންޏާ ގުޅިފަ އެވެ. އަދި އެގްޒެކެޓިވް މެނޭޖްމަންޓް ލެވެލްގައި ހަތަރު އަންހެނުން މި ވަގުތު ހަރަކާތްތެރިވެ އެވެ. މިއިން ކޮންމެ އަންހެނަކީ ވެސް އެގްޒެކެޓިވް ލެވެލްގައި ތިއްބެވި ފިރިހެނުންނާ އެއްހަމައެއްގައި ކުންފުނި ކުރިއެރުވުމުގައި ރެއާ ދުވާލު މަސައްކަތް ކުރައްވަމުން އަންނަ މުއައްޒަފުންނެވެ.

އެމްޓީސީސީގެ ބަހުގެ ހިދުމަތް ދިނުމުގައި އަދި ސެކިއުރިޓީ ބެލެހެއްޓުމުގައިވެސް ހިތްވަރުގަދަ ކެރޭ އަންހެނުން ހިމެނޭ-- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީއާ 1996 ވަނަ އަހަރު ގުޅުނު ފާތުމާތު ޖަބީން މިހާރު އަދާކުރައްވަމުން ގެންދަވަނީ ހިއުމަން ރިސޯސް ޑިވިޝަނުގެ ޖެނެރަލް މެނޭޖަރުގެ މަގާމެވެ. ވޭތުވެދިޔަ 26 އަހަރު ދުވަހު ޖަބީން ވަނީ ކުންފުނީގެ އެކިއެކި ޑިޕާޓްމެންޓްތަކުގެ ސީނިއާ މެނޭޖަރުގެ މަގާމުވެސް ފުރުއްވައިފަ އެވެ. ޖަބީން ވިދާޅުވީ އޭނާ ކުންފުންޏާ ގުޅުނުއިރު މެނެޖީރިއަލް މަގާމުތަކުގައި ތިބި އަންހެނުންގެ އަދަދު މަދު ކަމަށެވެ. ނަމަވެސް ކުންފުނި ކުރއެރުވުމުގައި އަންހެނުންގެ ދައުރު މުހިންމު ކަން އޭރު ވެސް ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އަންހެނުންގެ ޝަހުސިއްޔަތުގެ ވަރުގަދަކަމާއި، މަސައްކަތުގެ ދާއިރާގައި ދައްކާ ފުރިހަމަ މިސާލުންނެވެ.

އެ އަންހެނުންގެ ފަރާތުން ދަސްވި އެންމެ އިބްރަތްތެރި ފިލާވަޅަކީ ކުންފުނީގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ މުހިންމުކަން ކަމަށް ޖަބީން ވިދާޅުވި އެވެ.

އެމްޓީސީސީގެ ޖެނަރަލް މެނޭޖަރުންގެ ވަޒީފާގައި މަސައްކަތްކުކުރާ އަންހެނުން-- ފޮޓޯ: އެމްޓީސީސީ

މިއަދު ކުންފުނީގެ ހިއުމަން ރިސޯސް ޑިވިޝަނުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ޖަބީނަށް ވަނީ ސީއީއޯގެ އިރުޝާދުގެ ދަށުން އަންހެނުންގެ ދައުރު ކުންފުނީގައި ފުޅާކުރުމަށް އަމަލީގޮތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިފަ އެވެ.

އެ ކުންފުނީގެ ލީގަލް އެފެއާޒް ޑިވިޝަނުގެ ޖެނެރަލް މެނޭޖަރުގެ މަގާމު މިވަގުތު ފުރުއްވަމުން ގެންދަވާ އަލްއުސްތާޒާ ފާތުމަތު އިނާޝާ އެ ކުންފުންޏަށް ކުރަމުން ގެންދަވާ އަގުހުރި ހިދުމަތަކީ ކުންފުނި ކުރިއެރުވުމުގައި އަންހެނުންގެ ރޯލުގެ މުހިންމުކަން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ. އިނާޝާ، 1998 ވަނަ އަހަރު ކުންފުންޏާ ގުޅުމަށްފަހު ވަނީ ފާއިތުވި 24 އަހަރު ކުންފުނީގެ އެކި މަގާމުތައް ފުރުއްވައިފަ އެވެ. އަދި މިވަގުތު "ކްލަބް އެމްޓީސީސީ" ގެ ރައީސާއަކީ ވެސް އިނާޝާ އެވެ.

ކުންފުނީގެ މަސައްކަތަށް ނުކުމެވަޑައިގެންނެވި ފުރަތަމަ ދުވަހު ވެސް އަންހެން މާލިމީއެއްގެ ފަރާތުން ޓްރޭންވުމަށް ފުރުސަތު ލިބުނު އިނާޝާ ވިދާޅުވާގޮތުގައި، ވަޒީފާގެ މައިދާނުގައި ލިބުނު ހުރިހާ ކުރިއެރުމަކީ ވެސް އެމްޓީސީސީން ފަހިކޮށްދިން ފުރުސަތުތަކުން ލިބުނު ކުރިއެރުންތަކެވެ. އަދި އެމްޓީސީސީއަކީ ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ހަމަހަމަ ފުރުސަތު ހޯދައިދޭ ކުންފުންޏެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުންފުނީގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމު މި ވަގުތު ފުރުއްވަމުން ގެންދަވާ މަރިޔަމް ޝާމިހާ ވެސް މިކަމާ އެއްބަސްވެ އެވެ. ޝާމިހާ ވިދާޅުވީ ކުންފުނީގައި 25 އަހަރާ ގާތަށް މަސައްކަތް ކުރެވިފައިވާއިރު އަންހެނަކަށް ވީތީ ކުރިއަށް ނުދެވިދާނެކަމުގެ އިހުސާސެއް ދުވަހަކުވެސް ނުކުރެވޭ ކަމަށާއި ހުނަރާއި ފެންވަރު ދައްކާއިދޭނެ ފުރުސަތު ލިބިފައިވާ ކަމަށެވެ. ޝާމިހާ ވިދާޅުވާގޮތުގައި، އެންމެ މުހިންމީ އަންހެނަކަށް ވިޔަސް ފަސްނުޖެހި ވަރުގަދަ އަޒުމަކާއެކު ކަންކަމާ ކުރިމަތިލުމެވެ.

އެމްޓީސީސީއަކީ އަންހެނުންނަށް ކުރިއަށްދެވޭނެ މާހައުލެއް ގާއިމުވެފައިވާ ކުންފުންޏެކެވެ. ކުންފުނީގެ ސީއީއޯ އާދަމް އާޒިމާއި އޭނާގެ ޓީމު އެ އަމާޒަށް ކުންފުނީގެ މިސްރާބު ގެންދިއުމަށް ބާރުއަޅުއްވަ އެވެ. ކޮމްޕެނީ ސެކްރެޓަރީ އައިމިނަތު ޝިއުނާ އަހުމަދު ސައީދު ކުންފުންޏާ ގުޅިވަޑައިގަތުމާ އެކު އިހުސާސްވީ ވަޒީފާގެ ގޮތުން ރޭގަނޑެއް، ހުކުރެއް ޗުއްޓީއެއް ނޯންނާނެ ކަމެވެ. ނަމަވެސް ޝިއުނާގެ އާއިލާގެ ކަންކަން ބަލަހައްޓަމުން ބުރަ ވަޒީފާއެއް އަދާކުރައްވާ އިރު، ހާލަތުގެ މައްޗަށް ގަދަވާން ލީޑަރުންގެ ފަރާތުން ހިތްވަރު ލިބިވަޑައިގަތް ކަމަށް ޝިއުނާ ވިދާޅުވެ އެވެ. ޝިއުނާގެ ހުރިހާ ވެސް ޝުކުރެއް ރައްދު ވަނީ އެމްޓީސީސީގައި އޮންނަ ދުޅަހެޔޮ ވަޒީފާގެ މާހައުލަށާއީ ޓީމް އެމްޓީސީސީގެ ފަރާތުން ލިބޭ ހިތްވަރާއި އެއްބާރުލުމަށެވެ.

އެމްޓީސީސީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސް ސަފުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ބައެއް އަންހެނުން-- ފޮޓޯ: އެމްޓީސީސީ

ކޮންމެ އަންހެނަކީ ވެސް އާއިލާއެއް ބަލަހައްޓަމުން ވަޒީފާގެ ކަންކަން ބަލަހައްޓަމުން ހިދުމަތް ކުރާ އަންހެނެކެވެ. "ވޯކް-ލައިފް ބެލެންސް" ނުވަތަ ވަޒީފާ އާއި ޒާތީ ދިރިއުޅުމުގެ ހަމަހަމަކަމަކީ މިއަދު ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވާ ކަނބަލުން އެންމެ އިސްކަން ދެއްވާ އެއްކަންތަކެވެ. ގިނަ ފަހަރަށް ވަޒީފާތަކުން އަންހެންނުން ކެނޑެނީ ވެސް އެ ކަންކަން ހަމަހަމަ ނުކުރެވި އާއިލާ އަށް ދޭންވާ ސަމާލުކަން ނުދެވި ވަޒީފާވެސް ރަނގަޅަށް އަދާކުރަން އުނދަގޫ ވެގެންނެވެ. ނަމަވެސް އެމްޓީސީސީގެ ޓްރެކް ރިކޯޑް ތަފާތެވެ. އެމްޓީސީސީއަކީ ދިގު މުއްދަތެއްގައި ކުންފުންޏަށް ހިދުމަތް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ އަންހެންނުން ގިނަ ކުންފުންޏެކެވެ. އެ ކުންފުނީގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކޮށްފައިވާ 20 އަންހެނުން މިހާރުވެސް ހިދުމަތުގައި އެބަތިއްބެވެ.

ލީގަލް އެފެއާޒް ޑިވިޝަންގެ އެޑްމިނިސްޓްރޭޝަން މެނޭޖަރެއްގެ މަގާމުގައި ހުންނެވި ޝިމްލާ ޝާކިރަކީ ކުންފުނީގައި 22 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޝިމްލާ ވިދާޅުވާގޮތުގައި، އެމްޓީސީސީން ހިންގާ ކޮންމެ މަޝްރޫއެއްވެސް ކާމިޔާބުކަމާއެކު ނިންމާލެވެނީ އަންހެން މުވައްޒަފުންގެ ޝާމިލުވުން ވެސް އޮވެގެންނެވެ. ޝިމްލާ އާއެކު 28 އަހަރު ދުވަހު ކުންފުންޏަށް ހިދުމަތް ކުރައްވާފައިވާ ފަޒްނާ މުހައްމަދާއި 22 އަހަރު ދުވަހު ކުންފުންޏަށް ހިދުމަތް ކުރައްވާފައިވާ އައިމިނަތު ރަޝީދާ ވެސް މިކަމަށް އެއްބަސްވެ އެވެ. މި ކަނބަލުން މާދަމާގެ ޖީލަށް ދޭ ނަސޭހަތަކީ ވަޒީފާގެ މުހިންމުކަން ދަނެ ހިތްވަރާއެކު ގަދައަޅާ މަސައްކަތްކުރާ ކޮންމެ ކުއްޖަކަށްވެސް ކާމިޔާބީ ވާނީ އެންމެ ގާތުގައި ކަމެވެ.

އެ ކުންފުނިން ހިންގާ މަޝްރޫއުތަކުގެ މަސައްކަތްދާ ގޮތް ބަލާ ކާމިޔާބުކަމާއެކު މަޝްރޫއުތައް ނިންމާ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނެވެ. އެ ޑިވިޝަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ވާހަކަ މިއަދު ކުންފުނީގެ ވެރިން ދައްކަނީ ފަހުރުވެރިކަމާއި ޝުކުރުވެރިކަމާ އެކުގަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ އެތައް މަޝްރޫއެއް ގާބިލުކަމާ އެކު ކުރިއަށް ގެންދިއުމަށް އެމްޓީސީސީގެ ހުންގާނުގައި ތިއްބެވީ ފިސާރި ކަނބަލުންނެވެ. އެއީ ޕްރޮޖެކްޓް މެނޭޖަރު ފާތުމަތު ރިފާއު އާއި އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރު އައިމިނަތު ރުފާ އާއި ސާވޭއިން އޮފިސަރު އަރީން އަލީ ޝަރީފާއި އެންވަޔަރަންމަންޓަލް އިންޖިނިއަރު އައިމިނަތު ހަނާން ޝަފީގާއި އެސިސްޓެންޓް އާކިޓެކްޓް މަރިޔަމް ޒުނާނަތާއި ޓެކްނިކަލް މަގާމުތައް އަދާ ކުރާ އަންހެނުންނެވެ.

މިއިން ކޮންމެ އަންހެނަކުވެސް އެމްޓީސީސީން ހޯއްދައިދޭ ސްކޮލަޝިޕް އަދި ޓްރޭނިންގް ފުރުސަތުތައް ފާހަގަކުރައްވަނީ ޝުކުރުވެރިކަމާއެކުގަ އެވެ. އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ސީއީއޯ އާޒިމް ވަނީ ހަތަރު އަންހެން މުވައްޒަފަކަށް ސްކޮލަޝިޕް ފުރުސަތު ދީފަ އެވެ. ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނުގައި މަސައްކަތް ކުރާ އަންހެން މުއައްޒަފުން އެމްޓީސީސީ ސިފަކުރަނީ ޓެކްނިކަލް މަގާމުތަކަށް އަންހެނުން ނަގައި ޓެކްނިކަލް ރޮނގުތަކުން އަންހެނުން ކުރިއަށްދިއުމަށް ބާރުއަޅާ ކުންފުންޏެއްގެ ގޮތުގަ އެވެ.

އަންހެނުން ބާރުވެރިކޮށް އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ބާރުއަޅާ އަޒިމް އާއި އޭނާގެ ޓީމަށް މި އަހަރަކީ ފަހުރުވެރި ކާމިޔާބީއެއް ހާސިލްކުރެވުނު އަހަރެކެވެ. ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ވަޒީފާ އަދާކުރަމުން ދިޔަ ހުރިހާ މުވައްޒަފުން ދިވެހި މުވައްޒަފުންނަށް ބަދަލުކުރެވުމުގެ އިތުރުން ހަތަރު އަންހެނުން މި ވަޒީފާ އަދާ ކުރުމަކީ އެ ކުންފުންޏަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ބަސް ޑްރައިވަރު ސައުސަން މުހައްމަދު ޓްރޭނިން ފުރިހަމަ ކުރުމަށްފަހު ހިދުމަތާ ގުޅުނީ ވެސް މިއަހަރު ތެރޭގަ އެވެ. ސައުސަން ވިދާޅުވި ގޮތުގައި އަންހެނަކު އެ މަސައްކަތް ކުރާތީ، އާއިލާ އަދި ރަހުމަތްތެރިންގެ ފަރާތުން ވެސް ވަރަށް ބޮޑު ހިތްވަރެއް ލިބެ އެވެ. އަދި ކަސްޓަމަރުންގެ ފަރާތުންވެސް ހިތްވަރު ލިބޭ ކަމަށް ސައުސަން އުފަލާއެކު ފާހަގަކުރެ އެވެ. ވަކި މަސައްކަތްތަކަކީ ހަމައެކަނި ފިރިހެނުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި އޮތުމުގެ ބަދަލުގަ އަންހެނުންވެސް އެ މަސައްކަތްތަކަށް ނެރުމަކީ އާޒިމް ގެންގުޅުއްވާ ސިޔާސަތެވެ.

"ގައުމެއް ހަމައެކަނި ފިރިހެނުންގެ މަސައްކަތުން ކުރިޔަށް ނުގެންދެވޭނެ. ކުރިއަރާފައިވާ ގައުމުތަކަށް ބަލާއިރު ފެންނަ ހެއްކަކީ ގައުމެއް ބިނާކޮށް ކުރިއެރުވޭނީ ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް ވަޒީފާގެ މާހައުލަށް ނުކުމެ މަސައްކަތް ކުރީމަކަން. އޭރުން ގައުމު ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ވަރަށް ރަނގަޅު 'ސިނާޖީ'އެއް އެބަ ކްރިއޭޓް ކުރެވޭ،" ލަންދޫ ބަނދަރު ހުޅުވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީގެ އަމާޒަކީ ސައުސަން ފަދަ އެތައް އަންހެނުންނެއް އެ ކުންފުނީގެ ވަޒީފާތަކަށް ނެރުމެވެ. ވެލްޑަރުންނާއި، ކާޕެންޓަރުންނާއި، ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި، ލޯންޗް އޮޕަރޭޓަރުންނާއި، ފަޅުވެރިންގެ ވަޒީފާތަކުން ވެސް ކުރިއަށްއޮތް ދުވަސްތަކުގައި އަންހެނުން ފެނިގެން ދިއުމަކީ އެ ކުންފުނީގެ އުއްމީދެވެ.

މިފަދަ ލިޔުމެއްގައި އެމްޓީސީސީ ފަދަ ބޮޑު ކުންފުންޏެއްގެ ހުރިހާ ކަނބަލުންގެ ވާހަކަ އެއްފަހަރާ ގެނެސްދިނުމަކީ ވަރަށްވެސް ދަތިކަމެކެވެ. ވީމާ، ލިޔުމުގައި ނެތްނަމަވެސް އެމް.ޓީ.ސީ.ސީގެ ކާމިޔާބީގައި އެކި އެކި ދާއިރާތަކުން ޚިދުމަތްކޮށްދީފައިވާ ހުރިހާ ކަނބަލުން ޝާމިލްވާނެހެން ކުންފުނީގެ ސީ.އީ.އޯ އާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށްވެސް ޙާއްޞަ ޝުކުރެއް ރައްދުކުރެއެވެ. ރައްޔިތުންގެ ކުންފުނީގެ ޚިދުމަތުގައި ރައްޔިތުންގެ އަންހެން ދަރިން ތިބުމަކީ ޓީމް އެމްޓީސީސީއަށް ލިބޭ އަގުނުކުރެވޭނެ ބޮޑު އުފަލަކާއި ފަޚުރެކެވެ.

އެޑިޓަރުގެ ނޯޓް: މިއީ އެމްޓީސީސީގެ ޕްރޮމޯޝަނަލް އޓިކަލް އެކެވެ.

4 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 73%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަލީމު

08 March 2022

އޮއްޓަރެއްނެތިސް ބިއުރޯގެ ޖީއެމް ފިސާރި ކަނބަލު އަށް އާދެވުނުގޮތް އާދަނު ބުނެދީފާނަންތޯ ؟ ވަރަށްވެސް ފުރިހަމަ.

The name is already taken The name is available. Register?

އައިމީ

08 March 2022

މަ އެންމެ ލައިކް ވަނީ އަންހެން ކަނބަލުންގެ ޔުނިފޯރމް. އެކަނބަލަކު ގަޔާވާ ވަރަކަށް ދިގު ކުރަންވީ.

The name is already taken The name is available. Register?

ޓީސީސީ

08 March 2022

ޢަންހެނުން ބާރުވެރި ކުރިވަރުން ކިހާރު ގިނަ ސަރުކާރު އޮފީސްތަކުގަ މިހާރު ރޭޝިއޯ އަކީ 3:1. ޔައުނީ ކޮންމެ ފިރިހެން ސްޓާފަކަށް 3 އަންހެން ސްޓާފުންތިބޭ. ޥެރިން މިހާރުދެން ހަމަ އަންހެނުން ނަގަންނބޭނުންކުރާ އެއްޗެއް މިހާރު މީ. ޢިސް ރޯލްތަކުން ފިރިހެން ބޭފުޅުން މަދުކޮށްފަ ހަމަ ގިނަ އަންހެން ބޭފުޅުން ލާންވީ. އާޒިމްވެސް ވެއްޖެއްނު ތިތަނުން އެއްފަރާތްވެ އަންހެން ބޭފުޅަކާ ހަވާލުކުރަން.

The name is already taken The name is available. Register?

އަބޫބަކުރުބެ

08 March 2022

އާޒިމުގެ ބަދަލަށް އެތަނަށްވެސް ލާންވީ އަންހެނެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454