ވިޔަފާރި / ޓޫރިޒަމް

އަންނަ އަަހަރު ޓޫރިޒަމް އިޝްތިހާރު ކުރާނީ ހަރަދު ކުޑަކޮށް، ބޮޑު ފައިދާ ނެރެވޭ ގޮތަށް: ޒަމީރު

މިނިސްޓަރު ޒަމީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

20 ޑިސެމްބަރ 2016 - 16:42

9 comments

ރާއްޖޭގެ ޓޫރިޒަމް އަންނަ އަހަރު އިޝްތިހާރު ކުރާނީ ހަރަދުތައް ވީހާ ވެސް ކުޑަކޮށްގެން، އެކަމަކު ބޮޑު ފައިދާއެއް ނެރެވޭނެ ގޮތަކަށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ޓޫރިޒަމް އިޝްތިހާރު ކުރަން އެކަށީގެންވާ ބަޖެޓެއް ނެތް ކަމަށާއި މަސައްކަތް ވެސް ނުކުރާ ކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، މިނިސްޓަރު ޒަމީރު ވިދާޅުވީ، އަންނަ އަހަރު އިސްކަން ދެނީ ރާއްޖެ އިޝްތިހާރު ކުރަން ކޮންމެ ޓޫރިސްޓަކަށް ޖެހޭ މިންވަރު ކުޑަކުރަން ކަމަށެވެ. އެ ގޮތުން، ބައެއް ހަރަދުތައް ކުޑަކޮށް އަދި މިހާރަށް ވުރެ ފައިދާވާނެ ގޮތަށް ކަންކަން ކުރަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ، މި އަހަރު ސަރުކާރުގެ ބަޖެޓަކީ ވެސް އެހެން އަހަރުތަކަށް ވުރެ ތަންކޮޅެއް ތަފާތު ގޮތަކަށް ބަޖެޓް ރޭވިފައި އެ އޮތީ. އެހެންވީމަ، ބޮޑަށް ވިސްނާފައި އެ ހުރީ އަޅުގަނޑުމެންނަށް ރެވެނިއު ޖެނެރޭޓް ކުރެވޭނެ، ރެވެނިއުގެ ގޮތުގައި އާމްދަނީ ލިބިގެން ކުރެވޭނެ މަސައްކަތްތައް ވެސް އެބަހުރި ޕްރޮމޯޝަންގައި،" ރާއްޖޭގެ ޓޫރިޒަމްގެ ރަސްމީ ވެބްސައިޓް އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ރަސްމީ ވެބްސައިޓް އިފްތިތާހު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ މިސާލަކަށް އޭނާ ނެންގެވީ ކޮންމެ އަހަރަކު ނެރޭ ޑެސްޓިނޭޝަން ގައިޑެވެ. ކުރިން އަހަރަކު ފަސް ވަރަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ނެރޭ ގައިޑް އަންނަ އަހަރު ނެރޭނީ، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެ އިން ހަތް ލައްކައެއްހާ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ގޮތަށެވެ.

"ކުރީގައި ވެއްޖިއްޔާ ވަރަށް ގިނަ ސާމާނު ޕްރޮމޯޝަނަލް ކަންކަމުގައި ހުންނާނެ. ހަގީގަތުގައި އަޅުގަނޑުމެން ބެލި ބެލުމުން މީ އެހާ މުހިއްމު އެއްޗެއް ނޫން. އަޅުގަނޑުމެން ލިމިޓްކޮށްފައި، ތަފާތު ގޮތަކަށް މި ގެންދަނީ،" ޑެސްޓިނޭޝަން ގައިޑަށް އިޝާރާތް ކުރައްވައި ޒަމީރު ވިދާޅުވި އެވެ.

ޓޫރިޒަމް އިޝްތިހާރު ކުރަން ޒަމާނީ ގޮތްތައް ބޭނުންކުރުމާ ގުޅޭ ގޮތުން މިިދިޔަ ސެޕްޓެމްބަރު މަހު ވަނީ ހާއްސަ ކޮންފަރެންސެއް ބާއްވައިފަ އެވެ. ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެ ކޮންފަރެންސްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިހާރަށް ވުރެ ބޮޑަށް ތަފާސްހިސާބާއި ޑޭޓާ އަށް ބަލައިގެން ޓޫރިޒަމް އިޝްތިހާރު ކުރަން ޖެހެ އެވެ.

އެ ކޮންފަރެންސުން ފާހަގަކުރެވުނު ކަންކަމަށް ބަލައިގެން، އަންނަ އަހަރު ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ހަތަރު މާކެޓެއް ކަނޑައަޅާފައިވާކަން މިނިސްޓަރު ޒަމީރު މިއަދު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި، މިހާރު އަޑިއަޅާލާފައިވާ ޗައިނާގެ މާކެޓާއި އެންމެ ބާރަށް ކުރިއަރަމުން އަންނަ ސައޫދީ އަރަބިއްޔާ ފަދަ މެދުއިރުމަތީގެ ގައުމުތަކުގެ އިތުރަށް، ފްރާންސް ފަދަ ޔޫރަޕްގެ ގައުމުތައް އަދި އިންޑިއާ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މާކެޓުތަކުން ކޮންސަލްޓަންޓުން ކަނޑައަޅައި އެ ފަރާތްތަކާ އެކު މިހާރު މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން، ޔޫރަޕްގެ އެކި ސަރަހައްދުތަކުގައި އަންނަ މަހު ބާއްވާ ހަތަރު ފެއާއެއް ހިމެނޭ ގޮތަށް، އަންނަ އަހަރުގެ ތެރޭގައި ޖުމްލަ 14 ފެއާއެއްގައި ބައިވެރިވާން މިހާރު ވެސް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި އަހަރު ސަރުކާރުގެ ބަޖެޓަކީ ވެސް އެހެން އަހަރުތަކަށް ވުރެ ތަންކޮޅެއް ތަފާތު ގޮތަކަށް ބަޖެޓް ރޭވިފައި އެ އޮތީ. އެހެންވީމަ، ބޮޑަށް ވިސްނާފައި އެ ހުރީ އަޅުގަނޑުމެންނަށް ރެވެނިއު ޖެނެރޭޓް ކުރެވޭނެ، ރެވެނިއުގެ ގޮތުގައި އާމްދަނީ ލިބިގެން ކުރެވޭނެ މަސައްކަތްތައް ވެސް އެބަހުރި ޕްރޮމޯޝަންގައި." -- ޒަމީރު

އެކަމަކު، މަޓާޓޯ އިން އިއްޔެ ބުނީ ކުރިއަށް އޮތް ތިން މަހު ބާއްވާ ޓޫރިޒަމް ފެއާތަކުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އަދިވެސް ހުޅުވާލާފައި ނުވާ ކަމަށެވެ. ހާއްސަކޮށް، ޔޫރަޕުގެ ގައުމުތަކުގައި ބާއްވާ ފެއާތަކުގައި ބައިވެރިވާން ފްލައިޓާއި ހޮޓާ ބުކް ކުރުން ފަދަ ގިނަ އިންތިޒާމުތަކެއް ދުރާލާ ހަމަޖައްސަން ޖެހޭ އިރު، ރާއްޖޭގެ ބްރޭންޑް އެ ފެއާތަކުން ނުފެނުން އެކަށީގެންވާ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންނަށް ވުރެ ގިނަ އަދަދެއް މިހާރު ވެސް ރާއްޖެ އަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. ޓޫރިޒަމް އިޝްތިހާރު ކުރަން ގެންގުޅޭ އުސޫލު އަންނަ އަހަރު ބަދަލުކޮށް، އާ މަސައްކަތްތަކެއް ކުރަން ފެށުމާ އެކު، ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެ، އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ހަގީގަތުގައި ނިމިގެން ދިޔަ އަހަރާ އަދި މި އަހަރު ވެސް ޔޫރަޕްގައި ވެސް އުނދަގޫ އަހަރެއް، ހާއްސަކޮށް ބްރެކްސިޓް އަދި ޓެރަރިޒަމްގެ މައްސަލަ. މިޑްލް އީސްޓުގައި މި ހިނގާ ހަނގުރާމައިގެ އިމްޕެކްޓް ވެސް އެބަ އާދޭ. އަދި އޭގެ އިތުރުން ޓޫރިޒަމް ބޮއިކޮޓް ކުރަން ކުރެވުނު މަސައްކަތްތަކާ، މި ހުރިހާ އެއްޗަކަށް ބަލާފައި އަސްލު އުނދަގޫ އަހަރެއް،" ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް މި ދުވަސްވަރު ވަނީ ދަށަށް ގޮސްފަ އެވެ. އެ ގޮތުން، ކުރިން ގާތްގަނޑަކަށް އަހަރަކު ހަ ޕަސެންޓުގައި ކުރިއަރަމުން ދިޔަ މި ސިނާއަތް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކުރިއަރާފައި ވަނީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 1.8 ޕަސެންޓުގަ އެވެ.

މީގެ އިތުރުން، މި އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން ލަފާކުރިޔަސް، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ މާކެޓް ވަރަށް ބޮޑަށް ދަށްވުމުން މިދިޔަ އަހަރެކޭ އެއްވަރަށް 1.4 މިލިއަން ޓޫރިސްޓުން ގެންނަން މިހާރު ވަނީ އަމާޒު ހިފައިފަ އެވެ.

9 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަހުރިއްޔާ

30 April 2017

ސިޔާސަތަކީ ޚަރަދުތައް ބޮޑެތކޮށް ކުރުން ދެނޯ

The name is already taken The name is available. Register?

ޒަމީރު

21 December 2016

"މި އަހަރު ސަރުކާރުގެ ބަޖެޓަކީ ވެސް އެހެން އަހަރުތަކަށް ވުރެ ތަންކޮޅެއް ތަފާތު ގޮތަކަށް ބަޖެޓް ރޭވިފައި އެ އޮތީ. އެހެންވީމަ، ބޮޑަށް ވިސްނާފައި އެ ހުރީ އަޅުގަނޑުމެންނަށް ރެވެނިއު ޖެނެރޭޓް ކުރެވޭނެ، ރެވެނިއުގެ ގޮތުގައި އާމްދަނީ ލިބިގެން ކުރެވޭނެ މަސައްކަތްތައް ވެސް އެބަހުރި ޕްރޮމޯޝަންގައި." -- ޒަމީރު މިނިސްޓަރު މި ވިދހަަލހު ވި ބަހުގެ މާނަ ބުނެ ގެވޭނީ ކޮން ކުއްޖަކަށް؟

The name is already taken The name is available. Register?

ލިލީ

21 December 2016

ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ހަމަ ހަލާކުވެގެން ގޮއްސި. މިއަހަރުގެވެސް ރިޒޯޓު އޮކިއުޕަންސީ މިދިޔަ އަހަރަށްވުރެއް ދަށް. ގެސްޓް ހައުސް އޮކިއުޕަންސީން ރިޒޯޓު އޮކިއުޕަންސީއަށް ލިބޭ ގެއްލުން ފުލެއްނުބެއްދޭނެ. ގެސްޓް ހައުސް އަކީ އެމް.ޑީ.ޕޫ ސަރުކާރުން ކިތަންމެ ރަނގަޅު ނިޔަތެއްގައި ކުރިކަމަކަށް ވީނަމަވެސް، ރާއްޖޭގެ ޓުއަރިޒަމް ރެވެނިއުއަށް ބަލާއިރު، ހެދުނު ވަރަށް ބޮޑު މިސްޓޭކެއް. ގެސްޓްއައުސްއިން ލިބޭ ޓެކްސްއާއި ރިޒޯޓުން ލިބޭ ޓެކްސް އަޅާ ނުކިޔޭނެ. މިކަމުގެ ރަނގަޅު ދިރާސާއެއް އަބަކުރިންޖެހޭ. ރިޒޯޓުތައްވެސް ގިނަކުރާއިރު، މިރިޒޯޓުތައް ފުރަނީ ކިހިނެއްތޯ ނޭގެ! ޓުއަރިޒަމް އިންޑަސްޓްރީ އަކީ ރިޒޯޓުތަކާއި މިހާރު ގެސްޓް ހައުސްތައް ހިމަނައިގެން، އެކަމަކު ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް ގެއްލުން ނުވާގޮތަަށް ވަރަށް ރަނގަޅަށް މިކަމުގެ ތަޖްރިބާ ލިބިފާތިބި މީހުން ދިރާސާކޮށް، ބަލަހައްޓަން ޖެހޭ އިންޑަސްޓްރީއެއް.

The name is already taken The name is available. Register?

ސިޔާސީ

20 December 2016

މި ސަރުކާރަކުން ހިއެއްނުވޭ އެއްވެސް ކަމެއް ޚަރަދުކުޑަކޮށް ކުރަން ބޭނުންވާނެެހެން. އެނެމެ ފަހުގެ މިސާލު: މަޖީދީމަގުގެ ކާނުތައް އެއްކޮޅުން އަނެއް ކޮޅަށް އެތައް ދުވަހަކުން ސާފުކޮށްފައި "އަހާނ! މިކުރެވުނީ ފޫނެތްފަޔަށް ފެންފުރުން" ފަދަ ކަމެކޭ ބުނާއުޞޫލުން އަނެއްކާ އެތައް މިލިއަނެއް ޚަރަދުކޮށްފައި، ވިޔަފާރިވެރިން ބަނގުރޫޓް ވެދާނެކަމަށް ނުބަލާ މަޖީދީމަގު އެއްކޮޅުން އަނެއް ކޮޅަށް ގާއަލުން އަތުރަނީ.

The name is already taken The name is available. Register?

ނާނު

20 December 2016

އަނެއްކާ ސައިޒް ފުޅާ ބޮޑެތި ބަސްބަސް ބޭނުން ކޮށްފަ، ޚަރަދު ކުޑަ ކުރަން ވެގެން އެއްފަރާތް ކުރާ އެތިކޮޅު މމޕރސ ގެ ލާރި ކޮޅު ދިޔަ މަގުން ނުގޮއްސިއްޔާ ކިތަންމެހާ ވެސް ރަނގަޅު

The name is already taken The name is available. Register?

އުމަރު

20 December 2016

ފުރަތަމަ ޓޫރިޒަމް މިނިސްޓަރު ޕީޕީއެމްގެ ބަޖެޓް ހިންގަން ނުއުޅެ ޓޫރިޒަމް ޕްރޮމޯޓްކުރަން އުޅޭށެވެ. ފޭދޫ ފިނޮޅު ވިއްކާލި އަސްލު އަގު ބަޖެޓަށްލާފައި އެފައިސާއިން ޓޫރިޒަމް ޕްރޮމޯޓްކުރުން މާރަނގަޅުވާނެކަމަށް ފެނޭ

The name is already taken The name is available. Register?

އެމް.އެމް.ޖީ އިބޫ

20 December 2016

ތިޔަވިދާޅުވަނީ ބެންކޮކް އަދި މަކާއޯގައި އޮންނަ ފަތުރުވެރިކަން ގެންނަވާހަކަތޯ؟

The name is already taken The name is available. Register?

އުދުހޭ

20 December 2016

ދެން ކީއްކުރަން ހަދާ ބަޖެޓެއްތޯ؟ މުޅި ގައުމުވެސް ހިންގަންވީނުން ޚަރަދުކުޑަކޮށްގެން؟!

The name is already taken The name is available. Register?

ޓެކްސް

20 December 2016

ދެން މި ހުރިހާދުވަހު ތިހެން ނެހެދީ ކީއްވެ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454