ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ތޮއްޔިބު ޝަހީމް، އެ މިނިސްޓްރީގެ ޓިކްޓޮކް ޗެލެންޖް ރޭ އިއުލާން ކުރައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
12 މާޗް 2022 - 07:12
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޓިކްޓޮކް ޗެލެންޖެއް ޓޫރިޒަމް މިނިސްޓްރީން ރޭ އިއުލާންކޮށްފި އެވެ.
މިއަދު ފަށާ މި ޗެލެންޖް އިއުލާންކުރީ "ނަލަނަލަ ރާއްޖެ" ލަވަ ނެރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ތޮއްޔިބު ޝަހީމެވެ.
އޭނާ ވިދާޅުވީ އެއީ އެ ލަވަ އާއި ގޯލްޑަން ޖުބިލީ އިޝްތިހާރު ކުރުމަށް ފަށާ ހަރަކާތެއް ކަމަށެވެ.
ދިވެހިންނާއި ބޭރު މީހުންނަށް އެ ޗެލެންޖުގައި ބައިވެރިވެވުނަސް އިނާމު ހުށަހަޅާފައިވަނީ ދިވެހިންނާއި ބިދޭސީން ވަކިންނެވެ.
ޗެލެންޖުގައި ދިވެހިންނާއި ބިދޭސީން ވެސް ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިފަ އެވެ. އެއީ ދިވެހިންގެ ތެރެއިން 10،000 ފޮލޯވަރުންނަށް ވުރެ ގިނައިން ތިބި އެކައުންޓުތަކާއި އެ އަށް ވުރެ މަދުން ފޮލޯވާސް ތިބި އެކައުންޓުތަކެވެ. އަދި ބިދޭސީންގެ ތެރެއިން އެއް މިލިއަން ފޮލޯވަރުންނަށް ވުރެ ގިނައިން ތިބި އެކައުންޓުތަކާއި އެ އަށް ވުރެ މަދުން ތިބި އެކައުންޓުތަކެވެެ.
ދިވެހި ޓިކްޓޮކް ހަދާ މީހުންގެ ތެރެއިން ދެ ކެޓަގަރީން ވެސް އެއްވަނަ އަށް ދާ މީހަކަށް 25،000ރ. ލިބޭއިރު ދެވަނަ އަށް 15،000ރ. އަދި ތިންވަނަ އަށް 10،000ރ. ލިބޭނެ އެވެ. ބިދޭސީންގެ ތެރެއިން އެއްވަނަ އަށް ދާ މީހަކަށް ދެ މީހެއްގެ އަށް ދުވަހުގެ ޗުއްޓީ ޕެކޭޖެއް ލިބޭނެ އެވެ. ދެވަނަ އަށް ހޮވޭ މީހެއްގެ އިނާމަކީ ދެ މީހެއްގެ ފަސް ދުވަހުގެ ޗުއްޓީ ޕެކޭޖެކެވެ.
އެ ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ މީހުން ޖެހޭނީ ޓޫރިޒަމް މިނިސްޓްރީގެ ޓިކްޓޮކް އެކައުންޓަށް ލާ "ނަލަނަލަ ރާއްޖެ" ލަވައިގެ އޯޑިއޯ ބޭނުންކޮށްގެ އެ މީހުންގެ އަމިއްލަ އުފެއްދުމުގެ މައްޗަށް ވީޑިއޯތައް ހަދާށެވެ. ވަނަތައް ހޮވާނީ ވީޑިއޯތަކުން ވިއުސް އާއި ލައިކްސް އާއި ޝެއާ އެއްކޮށްގެން އެންމެ ގިނައިން މީހުންނާ އިންޓަރެކްޓްވާ ވީޑިއޯތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާނާއާ ނިމްބޫ
12 March 2022
ފިސްތޯލަ ޕާޓީއަށް ގެރެންޓީ އެއްޗެއްނު ތިއީ ދެން.
ސައްޕެއް
12 March 2022
ރޫމީ އައިއޭމް ސަޕޯޓިން ޔޫ
އޮނަރަބްލް އަފީފު ދީދީ
12 March 2022
ރިސޯޓް މަހުޖަނުން ދިވެހި މުވައްޒަފުންނާއިމެދު ކަންކުރާފަފަ އިހާނެތި ގޮތަށް ނޫންތޯ ވަޒީރުވެސް މިއޮތީ ކަންކޮށްފަ. # ދިވެހިމީހާ އެއްވަނަ ހޯދުމުން 25000ރ (1600 ޑޮލަރު) ދޭން ހަމަޖެއްސިއިރު ބިދޭސީމީހާ އެއްވަނަ ހޯދައިފިނަމަ 8 ދުވަގެ ހޮލިޑޭ ޕެކޭޖް (2 މީހަކަށް) ދޭން ވަނީ ކަޑައަޅާފަ. ރިސޯޓް ތަކުގެ އަގުތަކާއި އެއަރފެއަރ އަދި އެމީހުން ބޭނުންކުރާނެ އެހެން ބައެއްކަންކަމަށް ބަލާއިރު ޗުއްޓީއަށް 30 ހާސް ޑޮލަރު ޙަރަދުވާނެކަމަށް ލަފާކުރެވޭ.