މިއަހަރުގެ މިހައިތަނަށް ގާތްގަނޑަކަށް ދޮޅުލައްކައެއްހާ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 149،447 އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ހަތް ޕަސެންޓްގެ ކުރިއެރުމެެކެވެ.
މިމަހު ވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރާއްޖޭގެ ޓޮޕް މާކެޓްތައް ކަމަށްވާ ޗައިނާ އާއި އިނގިރޭސިވިލާތާއި ރަޝިޔާ އާއި އިޓަލީ އަދި ޖަރުމަނުންނެވެ.
އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތައް
- ރަޝިޔާ: 21،798
- އިޓަލީ: 16،364
- އިނގިރޭސިވިލާތް: 13،147
- ޗައިނާ: 10،924
- ޖަރުމަނު: 9،451
- އިންޑިއާ: 5،355
- ފްރާންސް: 4،890
- އެމެރިކާ: 4،445
- ޕޮލެންޑް: 3،995
- އޮސްޓްރޭލިއާ: 3،231
ރާއްޖެއަށް މި މުއްދަތުގައި ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރެއިން 144،226 މީހުން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން އައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް 540 ޓޫރިސްޓުން އައި އިރު ގަން އިންޓަނޭޝަލް އެއާޕޯޓަށް 445 ޓޫރިސްޓުން އަ އެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް 428 ޓޫރިސްޓުން އައި އިރު މާމިނގިލީގައި ހިންގާ ވިލާ އެއާޕޯޓަށް ވެސް 288 ޓޫރިސްޓުން އަ އެވެ. ދ.ކުޑަހުވަދޫގައި ހިންގާ ދާލު އެއާޕޯޓަށް ވެސް 183 ޓޫރިސްޓުން މިމަހު އަ އެވެ.
މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ ތެރެއިން 69 ޕަސެންޓް މީހުންނަކީ ރިސޯޓްތަކަށް އައި މީހުންނެވެ. ގެސްޓް ހައުސްތަކަށް 26.1 ޕަސެންޓް ދިޔައިރު ހޮޓެލްތަކުގައި 2.7 އަދި އުޅަނދުތަކުގައި ޓޫރިސްޓުންގެ ގޮތުގައި ތިބީ 2.1 ޕަސެންޓް މީހުންނެވެ.
މި އަދަދަށް ޓޫރިސްޓުން ޒިޔާރަތްކުރި އިރު ރާއްޖޭގައި މިވަގުތު 68،915 ޓޫރިސްޓް އެނދު އެބަ ހުއްޓެވެ. އެއީ 186 ރިސޯޓްގައި ހުރި 45،893 އެނދާއި 976 ގެސްޓްހައުސްގައި ހުރި16،940 އެނދާއި 16 ހޮޓަލެއްގައި ހުރި 2،598 އެނދާއި 173 ސަފާރީއެއްގަތި ހުރި 3،484 އެނދެވެ.
އެހެން ނަމަވެސް މީގެ ތެރެއިން އޮޕަރޭޝަނަލްކޮށް ހުރީ 67،829 އެނދެވެ.