އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ހާއްސަކޮށް "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" ޓޫރިޒަމް މިނިސްޓްރީން ތައާރަފްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރުކާރުގެ 100 ދުވަހުގެ ޕްލޭންގެ ދަށުން އެ ޕްލޭން އެކުލަވައިލީ ސީޑީސީ ކޮންސަލްޓިންގެ އެހީގައި ކަމަށެވެ. މި ޕްލޭންގައި ކުރިއަށް އޮތް ފަސް އަހަރު އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ހާސިލު ކުރާނެ ކަންކަން ތަފްސީލުކޮށް ހިމަނާފައިވެ އެވެ.
އެ ޕްލޭންގައި ޓޫރިޒަމްގެ އިތުރުން އެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް ފުޅާ ކުރެވޭނެ ކަންކަން ވެސް ހިމަނާފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އެ ޕްލޭންގެ ދަށުން ސަރުކާރުން ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދާ އެއްގޮތަށް އައްޑޫގައި 6،000 އެނދު ތަރައްގީ ކުރާނެ އެވެ. އަދި އެއާ އެކު 10،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ވެސް ޕްލޭންގައި ލަފާކޮށްފައިވެ އެވެ.
އޭގެ އިތުުރުން އެ އަތޮޅުގައި ކުރިން ހިންގަމުން ދިޔަ އަދި މިހާރު އޮޕަރޭޝަން ހުއްޓިފައި އޮތް ޝަންގްރިލާ ވިލިނގިލި ރިސޯޓު އަލުން ހިދުމަތް ދޭން ފެށުމަށް ވަނީ ނިންމާފަ އެވެ.
އެ ޕްލޭންގައިވާ ގޮތުން މިއަހަރުގެ ތެރޭގައި އެ ރިސޯޓުގެ ހިދުމަތް އަލުން އަނބުރާ ދޭން ފަށާނެ އެވެ.
ޓޫރިޒަމް ތަރައްގީ ކުރުމުގެ އެ ޕްލޭންގައި އައްޑޫގައި ކަލްޗަރަލް ވިލޭޖެއް ހެދުމާއި ވެލްނެސް ޒޯނާއި މެރިން ޕްރޮޓެކްޓެޑް އޭރިއާތައް ފާހަގަކޮށް އެފަދަ ސަރަހައްދުތަކުން ޓޫރިޒަމްގެ ނަފާ ހޯދޭނެ ގޮތްތައް ކިޔައިދީފައިވެ އެވެ. އަދި އައްޑޫގައި ހޮސްޕިޓާލިޓީ ސްކޫލެއް ހެދުމަށް ވެސް ވަނީ ޕްލޭން ކޮށްފަ އެވެ.