ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި އިޓަލީގެ ޓޫރިޒަމް މިނިސްޓަރު ޑެނިއެލާ ސަންޓަންކޭ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމުގައި އިޓަލީއިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ. އަދި ޓޫރިޒަމް ދާއިރާއަށް އިޓަލީގެ އިންވެސްޓްމެންޓްތައް ގެނެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިޓަލީއަކީ ރާއްޖެއަށް ފަސް ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މިއަހަރުގެ މިހާތަނަށް އެ ގައުމުން 108،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރު އެ ގައުމު އޮތީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަ ވަނައިގަ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ދެ މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ.