"ހީރޯޕަންތީ 2" ގެ މަންޒަރެއް--
18 މާޗް 2022 - 06:31
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އަހުމަދު ޚާން ޑައިރެކްޓްކުރާ "ހީރޯޕަންތީ 2" ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ހީރޯޕަންތީގެ ފުރަތަމަ ބައިން ވެސް ފެނުނު ޒުވާން އެކްތަރު ޓައިގާ ޝްރޮފް ލީޑު ރޯލުން ފެންނާނެ އެ ފިލްމުގެ އެކްޓްރެސް އަކީ ތާރާ ސުތާރިއާ އެވެ. އަދި ވިލެންގެ ރޯލުން ފެންނަނީ ނަވާޒުއްދީން ސިއްދީގު އެވެ.
އިއްޔެ އާންމުކުރި 3 މިނެޓާއި 38 ސިކުންުތުގެ ޓްރެއިލާ އިން ވަރަށް ވެސް ޝައުގުވެރި މަންޒަރުތަކެއް ފެނުނެވެ. އެ ޓްރެއިލާ އަށް ފަހު ފިލްމު ވަރަށް ބަލާހިތްވާ ކުރުވައިފި ކަމަށް ސަޕޯޓަރުން ބުނެ އެވެ.
އެ ޓްރައިލާ ފަށަނީ ސައިބާ ކްރައިމް މާސްޓަމައިންޑް ލައިލާގެ ރޯލުން ކުޅޭ ނަވާޒުއްދީނުގެ ސީންއަކުންނެވެ. އޭގައި ފެންނަނީ ސަމާސާކުރަމުން ދިޔަ މީހަކަށް އޭނާ އަނިޔާދީ ޒަހަމްކޮށްލާ މަންޒަރެވެ. އެގޮތަށް ބައިވަރު މީހުންނަށް އޭނާ ހަމަލާދޭ މަންޒަރު އެކި ސީންތަކުން ދެއްކުމަށް ފަހު ދެން ފެންނަނީ އެކަން ހުއްޓުވޭނީ އެންމެ މީހަކަށް ކަމަށާއި އެއީ ބަބްލޫ ރަނާވަތު ކަމަށް ބުނާ މަންޒަރެކެވެ.
އެ ފިލްމުގައި ބަބްލޫގެ ރޯލު ކުޅުނީ ޓައިގާ އެވެ.
އެއަށް ފަހު މާޝަލް އާޓްސްގެ ދާއިރާގައި ކުޅަދާނާ ޓައިގާގެ މޮޅުކަމާއި ވަރުގަދަކަން ދައްކައިދޭ ސީންތަކެއް ވެސް ފެނެ އެވެ. އަދި ލައިލާ އާއި ބަބްލޫގެ ދެމެދުގައި ހިނގާ ކަންތައްތައް އެ ޓްރެއިލާއިން ފެންނައިރު، އެ ފިލްމުގައި ތާރާ ފެންނާނީ ބަބްލޫގެ ރޯބިވެރިއެއްގެ ރޯލުންނެވެ. ބެލެވޭ ގޮތުގައި ޓައިގާގެ މަސައްކަތް ކާމިޔާބުކޮށްދިނުމަށް ކުރާ މަސައްކަތުގައި ވެސް އިސް ރޯލަކުން ތާރާ ފެންނާނެ އެވެ.
ޓްރެއިލާއާ އެކު ފިލްމަށް ގިނަ ބަޔަކު ކެތްމަދުވެފައި ތިބިއިރު ސަޕޯޓަރުން ތިބީ ޓައިގާ އެނބުރި އައުމުން އުފަލުން ފޮޅިފަ އެވެ. "އެކްޝަން ކިންގް" އަނބުރާ އައީ ކަމަށާއި އޭނާ ވައްޓާނުލެވޭނެ ކަމަށް ބުނެ ތައުރީފް ކުރަމުން އެބަދެ އެވެ. ނަވާޒުއްދީންގެ ސަޕޯޓަރުން ވެސް ވަނީ އޭނާގެ ރޯލު ވަރަށް ފުރިހަމަކަށް ބުނެފަ އެވެ.
"ހީރޯޕަންތީ 2" ވާނީ ޓައިގާއާ އެކު ތާރާ ކުޅޭ ދެވަނަ ފިލްމަށެވެ. ޒުވާން ބަތަލާ 2019 ގައި ބޮލީވުޑަށް ތައާރަފުވީ ޓައިގާއާ އެކު ކުޅުނު "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިންނެވެ.
"ހީރޯޕަންތީ 2" އަކީ ޓައިގާ 2014 ގައި ބޮލީވުޑަށް ނުކުތް ފިލްމު "ހީރޯޕަންތީ" ގެ ސީކްއެލްއެކެވެ. މި ފަހަރު ފިލްމުގެ ޑައިރެކްޓަރުގެ އިތުރުން ބަތަލާ ވެސް ބަދަލުވެފައިވާ އިރު ކުރީގެ ފިލްމު ސަބީރް ޚާން، ޑައިރެކްޓްކޮށް، ބަތަލާގެ ރޯލް ކުޅުނީ ކްރިތީ ސެނޯން އެވެ.
އެ ފިލްމު ނެރޭނީ އަންނަ މަހުގެ 29 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy