20 މާޗް 2022 - 10:42
މިއުނިކް (މާޗް 20) - ޖަރުމަން ބުންޑެސްލިގާގެ ބެޔާން މިއުނިކަށް ކުޅޭ ޕޮލެންޑުގެ ތަރި ރޮބާޓް ލެވަންޑޯސްކީ ރޭ ކުޅުނު މެޗުގައި ޖެހި ދެ ލަނޑާ އެކު، ލެޖެންޑް ގާޑް މުލާގެ އިތުރު ރެކޯޑަކާ އަރާ ހަމަކޮށްފި އެވެ.
ޔޫނިއަން ބާލިންއާ ދެކޮޅަށް ރޭ އަމިއްލަ ދަނޑުގައި، ލީގުގެ އެއްވަނައިގައި އޮތް ބެޔާން ކުޅުނު މެޗު 4-0 އިން ކާމިޔާބުކުރިއިރު، މެޗުގެ 25 މިނިޓު ތެރޭ ކިންގްސްލޭ ކޯމަން އާއި ޒުވާން ސެންޓަ ބެކް ޓަންގީ ނިއަންޒޫ ވަނީ ދެ ގޯލުގެ ލީޑެއް ބެޔާން އަށް ހޯދައިދީފަ އެވެ.
ލެވަންޑޯސްކީ، 33، ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ 45 މިނިޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އަދި ފަހު ހާފް ފެށިގެން ދެވަނަ މިނިޓުގައި އޭނާ ވަނީ މެޗުގައި ދެވަނަ ލަނޑު ޖަހައި، މި ސީޒަނުގައި ލީގުގައި 31 ލަނޑު ހަމަކޮށްފަ އެވެ.
ލެވަންޑޯސްކީވެފައި ވަނީ، ގާޑް މުލާ އަށް ފަހު ބުންޑެސްލިގާގެ ފަސް ސީޒަނެއްގައި 30 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ 2015/16 އާއި 2016/17 ގެ ސީޒަނުގެ އިތުރުން 2019/20 އަދި މިދިޔަ ސީޒަނުގައި ވެސް ލީގުގައި 30 ލަނޑު ހަމަކޮށްފަ އެވެ.
ވޭތުވެ ދިޔަ ދެ އަހަރުގެ ވެސް ފީފާ އިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ލެވަންޑޯސްކީ ވަނީ މި ސީޒަނުގައި މިހާތަނަށް ބެޔާން އަށް 45 ލަނޑު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ 2015/16 ސީޒަނުން ފެށިގެން ބެޔާން އަށް ކޮންމެ ސީޒަނަކު ވެސް މަދުވެގެން 40 ލަނޑު ޖަހައިފަ އެވެ.
ލެވަންޑޯސްކީގެ އިތުރުން ބެޔާންގެ ކެޕްޓަން އަދި ގޯލްކީޕަރު މެނުއެލް ނޯޔާ ވެސް ވަނީ ރޭގެ މޮޅާ އެކު ލީގުގައި ރެކޯޑެއް ހަދައިފަ އެވެ. ނޯޔާ ވަނީ ރޭގެ މޮޅާ އެކު ލީގުގައި 311 މެޗުން މޮޅުވެ، އެންމެ ގިނަ މެޗުން މޮޅުވި ކުރީގެ ބެޔާން ކީޕަރު އޮލިވާ ހާން ލިސްޓުގެ ފަހަތަށް ޖައްސާލައިފަ އެވެ.
ބުންޑެސްލިގާގެ ޓޭބަލްގެ އެއްވަނައިގައި ބެޔާން އޮތީ 27 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު 26 މެޗުން ލިބިފައި ވަނީ 56 ޕޮއިންޓެވެ.
ބެޔާން މިއުނިކަކީ ވޭތުވެ ދިޔަ ނުވަ ސީޒަނުގައި ވެސް ޖަރުމަން ލީގު ކާމިޔާބުކުރި ޓީމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy