ކުޅިވަރު / ބާސްކެޓްބޯލް ކޯޗު އަހްމަދު ނަޒީފް

ނަޒީގެ ބާސްކެޓް ކޯޗުކަމުގެ ތަރި އެންމެ އުހުގައި

ަޒީފް: ބާސްކެޓްގެ އާ ސީޒަންގައި އޭނާ ވަނީ ފަސް މެޑަލް ހޯދާފައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

21 މާޗް 2022 - 11:31

22 comments

ގައުމީ ބާސްކެޓްބޯޅަ ޓީމާ އެކު ޖަޕާނަށް ކުރި ދަތުރުގައި ގައުމީ ޓީމުގެ އޭރުގެ ކުޅުންތެރިޔާ އަހްމަދު ނަޒީފުގެ ފޮޓޯއެއް ޖަހައި، ޖަޕާނުގެ ނޫހެއްގައި ފީޗާ ނިއުސްއެއް ގެނެސް ދިނެވެ. ގައުމީ 19 އަހަރުން ދަށުގެ ޓީމުގައި އެންމެ ގިނަ ޕޮއިންޓް ސްކޯ ކުރި ކުޅުންތެރިޔާ އަކީ، މިހާރު ރާއްޖޭގެ އެންމެ މޮޅު ބާސްކެޓް ކޯޗުންގެ ތެރޭގައި ހިމަނަން ޖެހޭނެ ނަމެކެވެ. ރާއްޖޭގެ ބާސްކެޓް ޓީމާ ބެހޭގޮތުން ނަޒީގެ ފޮޓޯއެއް ޖަހައި ނެރުނު ނޫހުގެ އެ ސޮފްހާ، ތާރީހީ ހަނދާނެއްގެ ގޮތުގައި އޭނާ ވަނީ ރައްކާކޮށްފަ އެވެ.

ނަމަވެސް ނޫހުގެ ސޮފްހާ އަށް ވުރެ ނަޒީއާ ބެހޭގޮތުން މި އޮތީ މާ ތާރީހީ ކާމިޔާބެއްގެ ވާހަކަ އެކެވެ. ނިމިދިޔަ ގައުމީ ބާސްކެޓްބޯޅަ ލީގާއި ގައުމީ މުބާރާތުގައި މީގެ ކުރިން އެއް ކޯޗަކު ނުހޯދާވަރުގެ ކާމިޔާބު ނަޒީ ވަނީ ހޯދައިފަ އެވެ. މިދިޔަ ހަތަރު މަހަކީ ބާސްކެޓްބޯޅަ ކޯޗެއްގެ ގޮތުގައި ނަޒީ ހޭދަކުރި އެންމެ ކާމިޔާބު ދުވަސްތަކެވެ.

ޑިސްމްބަރު މަހު ނިމިގެން ދިޔަ ވީކެންޑް ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ރެޑް ވިންގްސް އަށް ހޯދައިދިން ހިސާބަކީ އޭނާގެ މި ކާމިޔާބުގެ ފެށުމެވެ. ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންގެ މައްޗަށް ބަރޯސާވެފައިވާ އެ ޓީމަށް ބާސްކެޓްގެ ޓޮޕް ޑިވިޝަންގައި ފުރަތަމަ ތަށި ހޯދައިދިން ހިސާބުން ނަޒީ ދެން ހުއްޓައެއް ނުލަ އެވެ.

ސައިކްލޯންގެ ކެޕްޓަން ސޮއްފަ އާއި އެޓީމުގެ ކޯޗު ނަޒީފް: ނަޒީ ކޯޗުކޮށްދޭ ޓީމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ޓީމަކީ ސައިކްލޯން

ރެޑް ވިންގްސްގެ ފިޔައިގެ ދަށުގައި އޭނާ ހިންގާ އަނެއް ދެ ކްލަބާ އެކު ނަޒީ ވަނީ ތިން ތަށި ހޯދައިފަ އެވެ. ގައުމީ މުބާރާތުގެ ފައިނަލުގައި، ވަރުގަދަ ކިންގްސް ބާސްކެޓްބޯޅަ ކްލަބް އަތުން ބަލިވިޔަސް އެ މުބާރާތުގެ ފައިނަލަށް ދެވުމަކީ ވެސް ނަޒީ ދެކޭ ގޮތުގައި ހޯދުނު ކާމިޔާބެކެވެ.

"މިޒުވާން ޓީމު ގައުމީ މުބާރާތުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރު ކުރީ. މުބާރާތުގެ ސިލްވާ މެޑަލް. ފައިނަލުގެ ފުރަތަމަ ކުއާޓާގައި ވެސް ލީޑް ކުރި. އެ މެޗުން ބަލިވިޔަސް ޒުވާން މި ޓީމު ދެއްކި ކުޅުމަކީ ހަމަ ކާމިޔާބެއް،" ގައުމީ ލީގާއި ގައުމީ މުބާރާތުގައި ރެޑް ވިންގްސްއިން ދެމެހެއްޓި ފޯމަކީ ކާމިޔާބެއްގެ ގޮތުގައި ސިފަ ކުރަމުން ނަޒީ ބުންޏެވެ.

"ލީގުގައި ވެސް އެންމެ ވަރުގަދަކޮށް މިކިޔާ ދެޓީމު (ކިންގްސް އާއި ޓީރެކްސް) ފަހަތުން އަޅުގަނޑުމެން ވިއްދިން. ގައުމީ ފައިނަލަށް ދިޔައީ ޓީރެކްސް ބަލި ކުރުމަށް ފަހު. ޒުވާން ކުޅުންތެރިންތަކަކާ ބަލާފައި އަދި ތަޖުރިބާ އަށް ބަލާފައި އެއީ މި ޓީމުން ކުރިއަށްދާން އެޅި ވަރަށް ބޮޑު ފިޔަވަޅެއް."

ރެޑްވިންގްސްގެ ކުޑައިގެ ދަށުން ހިންގާ އަނެއް ޓީމަކީ، އަންހެން ޑިވިޝަންގެ ޗެމްޕިއަން ސައިކްލޯން ބާސްކެޓްބޯޅަ ކްލަބެވެ. ގައުމީ ލީގާއި ގައުމީ މުބާރާތް އެ ޓީމުން ނިންމާލީ 100 ޕަސެންޓްގެ ރެކޯޑަކާ އެކު އެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ބާސްކެޓްގެ ތެރެއަށް ނުކުމެ ސައިކްލޯން ވަނީ އެޓީމުން ކުރިން ދެމެހެއްޓި މަގާމު އަލުން ހޯދައިފަ އެވެ.

ގައުމީ މުބާރާތުގެ ފައިނަލަށް ފަހު ރެޑް ވިންގްސްގެ ޓީމު، އެމްބީއޭގެ އޮފިޝަލުންނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން: މިއީ ގައުމީ މުބާރާތުގެ ފައިނަލުގައި އެޓީމު ކުޅުނު ފުރަތަމަ ފަހަރު --- ފޮޓޯ: ފަޔާޒު މޫސާ |މިހާރު

"ސައިކްލޯން އަލުން އައިސް ޑޮމިނޭޓް ކުރުމުގެ ކްރެޑިޓް ހައްގުވަނީ ޓީމުގެ ކެޕްޓަން ސޮއްފަ [ސޮފްވާ ހަސަން] އަށް. ސޮއްފަ އަމިއްލަ އަށް ލީޑާޝިޕް ނަގައިގެން ކުޅޭނެ ކުދިންތަކެއް އެއްކޮށްލައިގެން ޓީމު އެކުލަވައިލައިގެން ކުރި މަސައްކަތެއް މިއީ،" ގައުމީ ލީގާއި ގައުމީ މުބާރާތް ސައިކްލޯން އަށް ކުރިން މިލްކުކޮށް ދިން ކޯޗު، ނަޒީ ބުންޏެވެ.

"ޓީމުގައި ހެވީ ވެއިޓް ނަމަކަށް ތިބީ ސޮއްފަ އާއި ޝައިލާން [އަފްޒަލް] އަދި ހުސީ [ހުސްނާ މުހައްމަދު] ދެން މުޅިން ވެސް ތިބީ ވަރަށް ޒުވާން ކުޅުންތެރިން. ބައެއް ކުޅުންތެރިން ޓޮޕް ޑިވިޝަންގައި މުޅިން އަލަށް ކުޅެން ފެށީ. އަޅުގަނޑަށް މި ކުދިންނަށް ގައިޑްކޮށް ދޭން ޖެހުނަސް ހަމަ މިިއީ އެކުދިން ކުރި މަސައްކަތުން ހޯދުނު ކާމިޔާބެއް. ހުރިހާ ކްރެޑިޓެއް ކުޅުންތެރިން ކުރި މަސައްކަތަށް."

ކުރީގެ ކުޅުންތެރިޔާ އައިޝަތު ނާޒިމާ، ސައިކްލޯންގެ އޮފިޝަލެއްގެ ގޮތުގައި ކުރި މަސައްކަތް ވެސް، އެޓީމުން ހޯދި ކާމިޔާބުގައި ހިއްސާ ބޮޑުކަން ނަޒީ ފާހަގަ ކުރެ އެވެ. އޭނާގެ މި ތާރީހީ ކާމިޔާބުތަކަށް ދެން އިތުރުވާ އަނެއް ނަމަކީ ރެޑް ވިންގްސްގެ ޔޫތު ޓީމުގެ ގޮތުގައި މަޝްހޫރު ވެފައިވާ، ސްޕާޓަންސް އަށް ދެވަނަ ޑިވިޝަންގެ ތަށި ހޯދައިދިނުމެވެ. ލީގު އުސޫލުން ކުޅުނު އެ ޑިވިޝަންގެ ތަށި ސްޕާޓަންސްއިން ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުު ވެގެންނެވެ.

ނަޒީ ބުނި ގޮތުގައި މިދިޔަ ފަސް ވަރަކަށް މަސް އޭނާ ހޭދަކުރީ ބުރަ ދުވަސް ވަރެއްގެ ގޮތުގަ އެވެ. އޭނާ ކޯޗުކޮށްދިން ހުރިހާ ޓީމަކުން ޗެމްޕިއަން މެޑަލް މިދިޔަ ހަތަރު މަސް ތެރޭގައި ހޯދުމަކީ ކުޑަ ކަމެއް ނޫނެވެ. އިތުރު އެހެން ކޯޗަކަށް މީގެ ކުރިން ސިލްސިލާ ގޮތެއްގައި މިވަރުގެ ކާމިޔާބެއް ހޯދިފައެއް ނެތެވެ. މިއީ ރެކޯޑް ދަރަޖައިގައި ހިމެނޭނެ މަސައްކަތެކެވެ.

ބާސްކެޓްގެ އާ ސީޒަންގައި ނަޒީގެ ކާމިޔާބުތައް

- ސައިކްލޯންއާ އެކު ގައުމީ ލީގު ޗެމްޕިއަން

- ސައިކްލޯންއާ އެކު ގައުމީ މުބާރާތުގެ ޗެމްޕިއަން

- ރެޑް ވިންގްސްއާ އެކު ގައުމީ މުބާރާތުގެ ރަނަރަފް

- ރެޑް ވިންގްސްއާ އެކު ވީކެންޑް ބާސްކެޓްބޯޅަ ލީގު

- ސްޕާޓަންސްއާ އެކު ދެވަނަ ޑިވިޝަންގެ ޗެމްޕިއަން

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސައިކްލޯން ބާސްކެޓްބޯޅަ ޓީމަށް މުބާރާތުގެ ތަށި، އެމްބީއޭގެ ރައީސް އަހްމަދު އާދަމް ހަވާލުކޮށް ދެއްވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ވަރަށް ބުރަކޮށް މަސައްކަތް ކުރެވުނު ފަސް ވަރަކަށް މަސް، އެކަމަކު އަޅުގަނޑުގެ ހުރިހާ ޓީމަކުން ވެސް ތަށި ހޯދީމަ ހަގީގަތުގައި ވަރުބަލި ކަމުގެ އިހްސާސެއް ނުކުރެވޭ،" ނޭޕާލްގައި 2016 ގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ޓީމަށް ބްރޯންޒް މެޑަލް ހޯދައިދިން ކޯޗު ބުންޏެވެ.

ސަރަހައްދީ ބާސްކެޓް ބޯޅަ މުބާރާތެއްގައި ރާއްޖޭގެ އަންހެން ޓީމު ގޮވައިގެން ބްރޯންޒް މެޑަލްއަށް ވުރެ ދުރަށް އެހެން ކޯޗަކަށް އަދި ނުދެވެ އެވެ.

"ގައުމީ ޓީމުގައި އިންޓަނޭޝަނަލް މެޑަލްއެއް ކަރުގައި އަޅުވާލެވުނު ދުވަހަކީ ވަރަށް ބޮޑު އުފަލެއް ލިބުނު ދުވަހެއް. އެކަމަކު އެއްވެސް ކާމިޔާބެއް ނޯވޭ އެއަށް ވުރެ ނުނީ އަނެއް މުބާރާތަށް ވުރެ ވެލިއު މަތިނުވާނޭ ބުނެވޭކަށް. ގައުމީ ޓީމުގައި ވެސް ކުރަނީ އެއް މަސައްކަތެއް. ކުޅުންތެރިން ވެސް ކުރަނީ އެއް މަސައްކަތެއް. ހުރިހާ ޓީމެއްގައި ވެސް މަސައްކަތް ކުރަނީ އެއްގޮތަކަށް،" ނަޒީ ބުންޏެވެ.

ނަޒީފް ކުޅުނު އިރު މެޗެއްގެ ތެރެއިން، ހޫކްސްގެ ތެރެއަށް ބޯޅަ ވައްޓާލަން މަސައްކަތް ކުރަނީ: ގައުމީ ލީގާއި ގައުމީ މުބާރާތުގައި ގިނަ ކާމިޔާބުތަކެއް ވަނީ ހޯދައިފައި. --- ފައިލް ފޮޓޯ

އޭނާ ބުނި ގޮތުގައި ކުރިއަށް އޮތް ދެއަހަރެއްގެ ތެރޭ ގައުމީ މުބާރާތް ހޯދޭ ފެންވަރަށް ރެޑް ވިންގްސް އަށް ދެވޭނެ އެވެ.

"މި ޓީމު ކުރިއަރާ ތަން އެބަ ފެނޭ. އެއަށް ބަލާއިރު ދެ އަހަރެއްވަރު ތެރޭ ގައުމީ ލީގާއި މުބާރާތް ވެސް ހޯދޭނެ ލެވަލަށް ދެވޭނެ."

ނަޒީއާ އެކު ކުޅުނު ކުރީގެ ކުޅުންތެރިން ބުނާ ގޮތުގައި އޭނާ އަކީ ވަރަށް ހިތްވަރުކުރާ ކުޅުންތެރިޔެކެވެ. ކުޅޭ ހިތުން ހުއްޓައި އިންޓަ ސްކޫލް މުބާރާތުގައި މަޖީދިއްޔާ ޓީމުން ބަކީ ކުރުމުން ވެސް ނަޒީ ކަރު އެލުވައެއް ނުލި އެވެ. ދެން އައި އަހަރު ބުރަކޮށް މަސައްކަތްކޮށް އޭނާ ޓީމަށް އަރައި ބާސްކެޓްގައި ފައި ވިއްދައިލި އެވެ.

"އަޅުގަނޑުގެ ކުޅުންތެރިން ގާތުގައި ވެސް ބުނަން. ބައެއް ފަހަރު ގައުމީ ޓީމުން ފުރުސަތު ނުލިބިދާނެޔެ. އެކަމަކު މަސައްކަތުގެ ލެވަލް ކުޑަކޮށް ވެސް ދަށް ނުކުރައްޗޭ،" ނަޒީ ކިޔައި ދިނެވެ. "ކުޅުނު އިރު ވެސް އަޅުގަނޑު އުޅުނީ އެގޮތަށް. މި ކުޅުންތެރިންގެ މައިންޑް ސެޓް ވެސް އެގޮތަށް ސެޓް ކުރަން އަޅުގަނޑު ބާރު އަޅަނީ."

22 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 76%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓޮޕް ޑިވިޝަން

21 March 2022

ވީކް އެންޑް ލީގަކީ ޓޮޕް ޑިވިޝަން މުބާރާތެއް ނޫން. ބާސްކެޓް ގެ ޓޮޕް ޕްލެޔާރސް ކުޅުނު މުބާރާތެއް ނޫން އެއީ. ގައުމީ ޓީމްގެ ސްކޮޑް އަށް ނޭރި ކުޅުންތެރިން ކުޅުނު މުބާރާތެއް އެއީ. ޓޮޕް ލެވެލް ޓީމްތައް ކަމަށްވާ ކިންގްސް އަދި ޓީރެކްސް ބައިވެެރި ނުވީ އެ 2 ޓީމްގެ ގިނަ ކުޅުންތެރިންނަކީ ސްކޮޑުގަ ތިބި ކުޅުންތެރިން ކަމުގަ ވާތީ. ކާކަށްތަ އޮޅުވާލަން ތި އުޅެނީ؟ ފޮނި ކެނޑިޔަސް ހައްދެއް އޮޮންނަން ވާނެ.

The name is already taken The name is available. Register?

ލޯ ޑިވިޝަން

22 March 2022

ގައުމީ ޓީމަށް ނޭރި ކުޅުންތެރިން ތަކެއް.ރަގަޅު. އެކަމް ތިބުނާ ގައުމީ ކުޅުން ތެރިން ތިބި ޓީރެކްސް އަތުން މޮޅުވީ.ވަރަށް ސަލާން.

The name is already taken The name is available. Register?

ސައިޒު އޮޅިފަ

21 March 2022

ވޯލްޑު ކަޕު ނަގާފަ އެންމެ ބޮޑު ލީގު ހޯދި ހިސާބުން މަވެސް ރެޑުވިންގުސްގެ ފޭނަކަށް ވެފަ މިހިރީ. ގައުމީ ސުކޮޑުގެ ކުޅުންތެރިންނަށްވެސް އެ ލީގުގަ ކުޅޭކަށް ނުކެރުނު އެ ލީގު ބޮޑު ކަމުން.

The name is already taken The name is available. Register?

ސައިޒު

22 March 2022

މިތާ ވޯލްޑް ކަޕޭ ކީ ކާކު ބުރޯ.އަ ވިން އިޒް އަ ވިން. ކިތަންމެ ބޮޑަސް ކިތަންމެ ކުޑަޔަސް.

The name is already taken The name is available. Register?

ފިރާ

21 March 2022

މަރުހަބާ ކޯޗް ނަޒީ…ރާއްޖޭގެ އަންހެން ޓީމަށް އެންމެ ފުރަތަމަ މެޑަލް ހޯދައިދިން ކަމަށް ޓަކައި އަދިވެސް ބާސްކެޓް ތެރޭ އުޅޭމީހެއްގެ ހައިސިއްޔަތުން ފަށްފަށުން ޝުކުރިއްޔާއޭ ބުނެލަން ބޭނުން. ނޭޕާލްގައި 2016 ގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕްގައި ތި ހޯދަދިން ކާމިޔާބަށް ވުރެން މަތީ ކާމިޔާބެއް އަދި ރާއްޖެ ޓީމް އަކަށް ނުލިބޭ. މަރުހަބާ

The name is already taken The name is available. Register?

ގިރޭ

22 March 2022

އެސްއޭ ގޭމްސްގަ ހޯދި މެޑަލް ކޮބާ؟ ތި ސާބާ ދެން ތީ ކޯއްޗެއް،

The name is already taken The name is available. Register?

ޕޭރެންޓް

21 March 2022

ކޯޗު އަހަރުމެންގެ ދަރިން މިހިސާބަށް ގެންނަން ކުރި ބުރަ މަސައްކަތް އެނގޭ.އެކަމަށްޓަކައި ހާސްފަށުން ޝުކުރު އަދާކުރަން.

The name is already taken The name is available. Register?

އިއްޒު

21 March 2022

ރެޑްވިންގްސްގެ ފިޔަ ގަނޑާއި އެކީ ނަޒީ ތިޔަހަރަ ހމަ އުދުހެނީ.ނަމަ ނަމަ ތި ފިޔަ ގަނޑަށް ބަރުވިޔަ ނުދޭތި އަދި އެއްވެސް މީހެއް އައިސް ފިޔަގަނޑު ކޮށާލުމުގެ ފުރުސަތުނުދޭތި.ފިޔަ ގަނޑަށް އަރުވަން ވާނީ ނަޒީ އަށް ހެޔޮ އެދޭ ނަޒީގެ ކުރިމަގު އަލިވުމަށް ލޯބި ކުރާ މީހުން އެކަނި.

The name is already taken The name is available. Register?

ފިރާޒް

21 March 2022

ސާބަހޭ ނަޒީ…ރެޑްވިންގްސް އިން ގައުމީ މުބާރާތުގައި ތި ދެއްކި މޮޅު ކުޅުމާއި އެކީ ރާއްޖޭގެ ބާސްކެޓްބޯޅައިގެ ޒުވާން ޖީލުގެ ހުނަރާއި ފެންވަރު ހަމަ ރަނގަޅަށްވެސް ފެނިއްޖެ! ކޯޗިންގ ގެ ކުރިމަގުގައި ހެޔޮ އެދުމާއި ކާމިޔާބީއެދެން. އަދި ގައުމީ ފިރިހެން ޓީމްގެ ކޯޗެއްގެ ގޮތުގައި ފެންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރަން.…

The name is already taken The name is available. Register?

ޖައްލޭ

21 March 2022

ސާބަހޭ ނަޒީ. ތި އުފެއްދުނީ މިހާރު ތިބި ޕްލޭޔަރސް ރިޕްލޭސް ކޮށްލާނެ ޖީލެއް. އެސޯސިއޭޝަން މިކަންތައް ކޮންސިޑެރޭޓް ކުރާނެ ކަމަށް ހީކުރަން…އެޑަމް ކޮބާ ކަލޭ

The name is already taken The name is available. Register?

ވިއްޓި

21 March 2022

ނަޒީކޯޗް ގެ ތަޖުރިބާ މީގެން ވަރަށް ރަނގަޅަށް ފެނިއްޖެ. އެސޯސިއޭޝަން އިން މިކަން އެޕްރެޝިއޭޓް ކުރަންޖެހޭނެ ކަމަށް ދެކެން.ކޯޗެއްގެ ހަޔާތުގަ ނުލިބޭހާ ބޮޑުކާމިޔާބީ ތިއީ.ތިކަމުގަ މޭ ކަރާ މީހުން ވަރަށް ގިނަ ވާނެކަން ދަންނާތި.

The name is already taken The name is available. Register?

ޑޮޑީ

21 March 2022

ނަޒީގެ ތި ކާމިޔާބީ އާއި ހެދި އެސޯސިއޭޝަން ޕްރެޝަރއަށް ވެއްޓިއްޖެ.ވާގޮތެއް ބަލަން ތިބެމާ

The name is already taken The name is available. Register?

އަމްޒޭ

21 March 2022

ތިން ޓީމާއި އެކު ތިކުރީ އަސްލު ހާދަ ބުރަ މަސައްކަތެކޭ.މަރުހަބާ ކޯޗް(

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454