ކިންގްސް އަށް ކުޅުނު އިބްރާހިމް އަންފާލް އާއި މުހައްމަދު ހުވައިލިދު: އެދެ ކުޅުންތެރިން ވެސް ވަނީ ޓީރެކްސް އަށް ބަދަލުވާން އެއްބަސް ވެފަ
22 މާޗް 2022 - 11:42
ނިމިދިޔަ ގައުމީ ބާސްކެޓްބޯޅަ ލީގާއި ގައުމީ މުބާރާތް މިލްކުކުރި ކިންގްސް ބާސެކްޓްބޯޅަ ކްލަބުގެ އިބްރާހިމް އަންފާލް (އަންޓޭ) އާއި މުހައްމަދު ހުވައިލިދު (ހުވޭ) ވާދަވެރި ޓީރެކްސް ބާސްކެޓްބޯޅަ ކްލަބަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
ގައުމީ ލީގާއި ގައުމީ މުބާރާތުގައި ވެސް ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ޓީރެކްސް ވަރުގަދަ ކުރުމުގެ މަސައްކަތް އެ ޓީމުން މިހާރު ވަނީ ފަށައިފަ އެވެ. ގައުމީ ލީގާއި ގައުމީ މުބާރާތުގައި ކިންގްސް އިން ވަނީ ޓީރެކްސްއާ ދެކޮޅަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ގައުމީ ފައިނަލަށް ކިންގްސް ދަތުރު ކުރީ ފުރަތަމަ ސެމީ ފައިނަލްގައި ޓީރެކްސް ބަލި ކުރުމަށް ފަހު އެވެ. ތިން ވަނަ ސެމީގައި ޓީރެކްސް ވަނީ ރެޑް ވިންގްސް އަތުން ބަލިވެފަ އެވެ.
ކިންގްސްގައި 2017 އިން ފެށިގެން ކުޅެމުން އައި މި ދެ ކުޅުންތެރިން އެކުގައި އެ ޓީމު ދޫކޮށް ޓީރެކްސް އަށް ބަދަލުވަނީ އާ ޗެލެންޖެއް ނެގުމުގެ ގޮތުންނެވެ. ހުވޭ ބުނީ ޗެލެންޖެއް ނެގުމުގެ އިތުރަށް ރާއްޖޭގެ ބާސްކެޓްބޯޅަ ލެޖެންޑެއް ކަމަށްވާ އަހްމަދު ޒަބީރުއާ އެކު ކުޅެލަން ބޭނުންވާތީ ކަމަށެވެ.
"ޗެލެންޖެއް ވެސް ނެގުމުގެ އިތުރަށް އަޅުގަނޑު ވެސް ވަރަށް ފޮލޯ ކުރަމުން އައި ކުޅުންތެރިޔެއް ޒަބީ މީ. އަބަދު ވެސް ޒަބީ އާއެކު ކުޅެލަން ބޭނުން ވެފަ ހުރީ. އަދި ދުވަހަކު ވެސް ޒަބީ އާއެކު ކުޅެވިފައެއް ނެތް. އެގޮތުން އެފުރުސަތު ލިބިފަ އޮތީމަ ޓީރެކްސް އަށް ބަދަލުވާން ނިންމީ،" ހުވޭ ބުންޏެވެ.
އޭނާ ބުނީ ޓީރެކްސް އަށް އަދި ސޮއިނުކުރާ ކަމަށެވެ. ހުވޭ ވެސް ބުނީ ކްލަބު ބަދަލުކުރަނީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އެއްކޮށް ކުޅޭ ކްލަބެއްގައި ކުޅެން ބޭނުން ވެގެން ކަމަށެވެ.
"ވަކި ކްލަބަކަށް ވުރެ ބޮޑަށް އަބަދުވެސް ވިސްނަނީ ގައުމީ ޓީމަށް. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އެކުގައި ގިނަ މެޗުތަކެއް ކުޅެވޭނެ ގޮތަކަށް ފުރުސަތު ލިބިފައި އޮތީމަ ބަދަލުވީ،" އޭނާ ބުންޏެވެ.
ހުވޭ އާއި އަންޓޭ ވަނީ މީގެ ކުރިން އެކުގައި ހަރިކޭން ބާސްކެޓްބޯޅަ ކްލަބަށް ވެސް ކުޅެފަ އެވެ. ކިންގްސް އިން ބުނީ ކްލަބުގެ ކާމިޔާބުގައި ހުވޭ އާއި އަންޓޭ އަކީ ވަރަށް މުހިންމު ހިއްސާއެއް ވެދީފައިވާ ދެ ކުޅުންތެރިން ކަމަށެވެ.
"މި ކްލަބަށް 12 މުބާރާތުގައި ކުޅެ ހަތް ތަށި ހޯދައިދީފައިވާ ދެ ކުޅުންތެރިން. ހުވޭ އާއި އަންޓޭ އަށް ކިންގްސް އިން އެދެނީ ކާމިޔާބަށް،" ކިންގްސްގެ ޕޯސްޓަގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިސަމް
23 March 2022
ޔަންގް ކުދިން ކޮޅެއް ނަގައިގެން ޓީމެއް ހަދާބަލަ ޗެލެންޖެއް ބޭނުންވަންޔާ .އެކުދިންނާ އެކީ ކުޅެ ފައިނަލް އަށް ގޮސް މޮޅުވަން އަޒުމް ކަނޑަ އެޅި ނަމަ ސަޅި ޗެލެންޖަކަށް ވީސް.