ވެއްޓުނު ބޯޓުން މަރުވި މީހުންގެ ހަށިތައް ގެންދަނީ. --ފޮޓޯ:ސީއެންއެން
21 ޑިސެމްބަރ 2016 - 16:07
ބޮގޯޓާ (ޑިސެމްބަރު 21) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް މަތިންދާ ބޯޓު ވެއްޓުމުގައި ޕައިލެޓާއި އެއާލައިނުގެ އިހުމާލު އެބައޮތް ކަމަށް ބޮލީވިއާ ސަރުކާރުން ބުނެފި އެވެ.
ނޮވެމްބަރު 28 ވަނަ ދުވަހު ލަމިއާ ފްލައިޓް 2933 ވެއްޓުނީ ބޮލީވިއާގެ ސެންޓަ ކްރޫޒުން ކޮލަމްބިއާގެ މެޑެޔިން އަށް ދަތުރު ކުރަނިކޮށެވެ. އެ ހާދިސާގައި 71 މީހުން ވަނީ މަރުވެފަ އެވެ. ސަލާމަތްވީ ހަ މީހުންނެވެ.
ކޮލަމްބިއާގެ ޕަބްލިކް ވޯކްސް މިނިސްޓަރު މިލްޓޮން ކްލޯރޮސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ތަހުގީގުން ހާމަވެފައި ވަނީ ބޯޓު ވެއްޓުނީ ޕައިލެޓާއި އެއާލައިނުގެ އިހުމާލުން ކަމަށެވެ. އަދި މި ހާދިސާގައި އިހުމާލުވި ސަރުކާރުގެ މުވައްޒަފުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން އެއާލައިނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބޯޓު ވެއްޓުމުގެ ހާދިސާގެ ތަހުގީގު ބޮލީވިއާގެ އޮފިޝަލުން ނިންމާފައި މި ވަނީ މަހެއް ވެސް ނުވަނީހެވެ. އެކަމަކު މިބާވަތުގެ އެކްސިޑެންޓްތަކުގެ ތަހުގީގު ނިންމުމަށް އަހަރަކަށް ވުރެ ދިގު މުއްދަތު އާއްމުކޮށް ނަގަ އެވެ.
ވެއްޓުނު މަތިންދާ ބޯޓުގެ ޕައިލެޓް ވަނީ ކޮމާޝަލް ފްލައިޓްތައް ދުއްވަން ތަމްރީނު ފުރިހަމަ ނުކޮށް ކަމަށް އެ ބޯޓުގެ ކޯ-ޕައިލެޓުގެ އާއިލާގެ ވަކީލަކު ވެސް ދާދި ފަހުން ވަނީ ބުނެފަ އެވެ.
ބޯޓު ވެއްޓުނު ސަބަބެއް ކަމަށް ތަޖްރިބާކާރުން ލަފާ ކުރަނީ ތެޔޮ ހުސްވުމެވެ. ބޮލީވިއާ އިން މިހާރު ވަނީ އެއާލައިނުގެ ހުއްދަ ހިފަހައްޓައިފަ އެވެ. އަދި އެއާލައިނގެ މެނޭޖަރާއި އޭނާގެ ދަރި ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy